އިންކަމް ސަޕޯޓުގެ ގޮތުގައި 318 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް-19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް ދޭން ފަށާފައިވާ އިންކަމް ސަޕޯޓް އެލަވަންސް 19،741 މީހަކަށް މިހާތަނަށް ވަނީ ދީފައެވެ.

މިކަމަށް ސަރުކާރުން 318.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން، އިންކަމް ސަޕޯޓް އެލަވެންސް ތައާރަފުކޮށްފައިވަނީ ކޮވިޑް-19 ގެ ސަބަބުން، މީހުން ވަޒީފާއިން ވަކިކޮށް މުސާރަ ކުޑަކޮށްފައިވާތީ، މިދަފަ ފަރާތްތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއެއް ހޯދާދިނުމުގެ ގޮތުންނެވެ.

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށްދޭ ޢިނާޔަތާގުޅޭ އުސޫލުގައި ވާގޮތުން ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންކަމަށް ބަލާނެ މިންގަނޑަކީ، ވަޒީފާއިން ވަކިކުރުން ނުވަތަ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކޮށްފައިވުމާއި، މުސާރަ ނުލިބޭގޮތަށް ނޯޕޭލީވްއަށް ފޮނުވާފައިވާ މީހުންގެ އިތުރުން މުސާރައިގެ ގޮތުގައި ލިބޭ ޢަދަދުން ބައެއް އުނިކޮށްފައިވާ މީހުންނަށެވެ.

އިންކަމް ސަޕޯޓްގެ ގޮތުގައި ދޫކުރަނީ މީހަކަށް މަހަކަށް 5000 ރުފިޔާއެވެ. އަދި މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް މިހާރު ލިބޭ އަދަދު 5،000ރ. އިން އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.