އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ޖެހުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން މިއަދު ބުނެފިއެވެ.

ޑަބްލިޔޫއެޗްއޯއިން މިހެން ބުނެފައި މިވަނީ، ޔޫރަޕްގެ ބައެއް ގައުމުތަކުން އެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލަމުން ދިއުމާ ގުޅިގެންނެވެ.

އެ ގައުމުތަކުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލަމުން ގެންދަނީ، ވެކްސިންޖެހި ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅު (ބްލަޑްކްލޮޓް) އުފެދޭކަމުގެ ރިޕޯޓްތަކެއް ލިބުމާ ގުޅިގެންނެވެ.

ޑަބްލިޔޫއެޗްއޯއިން މިއަދު ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިންގެ ރައްކާތެރިކަމާ ގުޅޭ މައުލޫމާތު، އެ ޖަމްއިއްޔާގެ ވެކްސިން އެޑްވައިޒަރީ ކޮމިޓީން މިހާރުވެސް ބަލަމުން ގެންދާ ކަމަށެވެ.

އަދި ވެކްސިންޖެހި ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅު އުފެދުމާއި ވެކްސިނާ އެއްވެސް ގުޅުމެއް ވާކަމަށް މިހާތަނަށް ހޯދިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ފަސްކުރުން ނުވަތަ ވަކި އަދަދަކަށް ލިމިޓްކުރި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ޑެންމާކް، ނޯވޭ، އިޓަލީ، ރޫމޭނިއާ އަދި އޮސްޓްރިއާ ހިމެނެއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ޑެންމާކުން ދެ ހަފްތާއަށް ސަސްޕެންޑް ކުރީ، އެގައުމުގައި ވެކްސިން ދިން ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅުތަކެއް އުފެދޭކަމަށް ލިބުނު ރިޕޯޓަތަކާ ގުޅިގެންނެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ނޯވޭއިން ހުއްޓާލީވެސް، ވެކްސިންޖެހި ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅުތަކެއް އުފެދޭކަމުގެ ރިޕޯޓްތަކެއް ލިބިގެންނެވެ.

އިޓަލީން އެސްޓްރަޒެނެކާގެ ވެކްސިންގެ އެއް ބެޗް ބޭނުންކުރުން އެއްކޮށް މަނާކުރީ، ވެކްސިން ޖެހި ބައެއް މީހުންނަށް ސީރިއަސް ސައިޑްއިފެކްޓްތަކެއް ދިމާވާން ފެށުމާ ގުޅިގެންނެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ދިން ދެމީހަކަށް ސިއްހީ ސީރިއަސް މައްސަލަތަކެއް ދިމާވެގެން އޮސްޓްރިއާއިން މި ހަފްތާގެ ކުރީކޮޅު ވެކްސިންގެ އެއްބެޗް ޖެހުން ހުއްޓާލިއެވެ.

"މިހާރު ބޭނުންކުރަމުންދާ އެހެން ވެކްސިން ތަކެކޭ އެއްފަދައިން އެސްޓްރަޒެނެކާގެ ވެކްސިނަކީވެސް ވަރަށް ބަރާބަރު ވެކްސިނެއް. ވެކްސިން ޖަހައިގެން ބައެއް މީހުން މަރުވި ކަމަށްބުނާ މައްސަލަތައް އަޅުގަނޑުމެން ވަނީ ރިވިއުކޮށްފައި. މިހާތަނަށް، ވެކްސިން ދީގެން އެއްވެސް މީހަކު މަރުވިކަން ސާބިތުވެފައެއް ނުވޭ"
މާގަރެޓް ހެރިސް / ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނު

ޖެނީވާގައި ބޭއްވި ޕްރެސް ބްރީފިންގައި، މިހާރު އާންމުވެފައިވާ ރިޕޯޓްތަކާ އެކުވެސް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ކުރިއަށް ގެންދަންވީތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި މގަރެޓް ވިދާޅުވީ، ކުރިއަށް ގެންދަންވީ ކަމަށެވެ.

މާގަރެޓް ވިދާޅުވީ، ވެކްސިންގެ ރައްކާތެރިކަމާމެދު ސުވާލު އުފެދޭ އެއްވެސްކަމެއް، އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެކަމެއް ތަހްގީގު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެން ނަމަވެސް، އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރުން ހުއްޓާލަންޖެހޭ އެއްވެސް ކަމެއް އަދި ނެތް ކަމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކަށް އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުމުގައި މައްސަލަތަކެއް ދިމާވެގެން އުޅޭއިރު، އިނގިރޭސިވިލާތުން އިއްޔެވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ކުރިއަށް ގެންދިއުމަށް އެ ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތުކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީން ބުނެފައިވަނީ، ޑެންމާކްގައި ވެކްސިންޖެހި ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅުތައް އުފެދޭން މެދުވެރިވީ ވެކްސިންގެ ސަބަބުންކަން ކަށަވަރު ނުވާ ކަމަށެވެ. ލޭގައި ގަނޑުލޭކޮޅެއް ގުދުރަތީގޮތުންވެސް އުފެދިދާނޭ ކަމަށާއި، އެއީ އާންމުކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.

ޖަރުމަނުގެ އިންފެކްޝަސް ޑިޒީޒަސްއާބެހޭ އެންމެ އިސްވެރިޔާ ލޯދާރ ވީލަރވެސް ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށާއި، ވަކިވަކި ބައެއް މީހުންނަށް މައްސަލަތަކެއް ދިމާވި ނަމަވެސް، ވެކްސިންގެ ފައިދާ ބޮޑުކަމަށާއި، ބަލީގެ ރިސްކްވެސް ކުޑަކޮށްދޭ ވެކްސިނެއް ކަމަށެވެ.