ޖޯންސަން އެންޑް ޖޯންސަން ކުންފުނިން ތަރައްގީކޮށް އުފައްދަފައިވާ ކޮވިޑް ވެކްސިން، ޑަބްލިޔޫއެޗްއޯގެ އިމަޖެންސީ ކޮވިޑް ވެކްސިން ލިސްޓުގައި ހިމަނަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ހުކުރު ދުވަހު އެޕްރޫވްކޮށްފިއެވެ.

ޑަބްލިޔޫއެޗްއޯގެ މި ނިންމުމުގެ ސަބަބުން ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަށް ދުނިޔޭގެ ގައުމުތަކުގައި ބޭނުން ކުރުމަށް ފަސޭހައިން ހުއްދަ ދިނުމަށް މަގުފަހިވެގެން ދާނެއެވެ.

މިއީ، މިހާތަނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިމަޖެންސީ ކޮވިޑް ވެކްސިން ލިސްޓްގައި ހިމެނި 3 ވަނަ ވެކްސިނެވެ.

ޑަބްލިޔޫއެޗްއޯއިން އެންމެ ފުރަތަމަ "އޯކޭ" ދީ، އިމަޖެންސީ ވެކްސިން ލިސްޓުގައި ހިމަނާފައިވަނީ ފައިޒަރ/ބަޔޯއެންޓެކްގެ ވެކްސިނެވެ. ދެވަނައަށް "އޯކޭ" ދިނީ އެސްޓްރަޒެނެކާގެ ވެކްސިނަށެވެ.

ތިންވަނަ ވެކްސިން، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ އެންމެ ޑޯޒެއް ދޭގޮތަށް ތަރައްގީކޮށްފައިވާ ހަމައެކަނި ވެކްސިނެވެ. އަދި އެއީ އާދައިގެ ފްރިޖްގައިވެސް ބެހެއްޓޭ ވެކްސިނެކެވެ.

އިމަޖެންސީ ވެކްސިންގެ ލިސްޓުގައި ހިމެނިނަމަވެސް، ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން ބޭނުންކުރަން ފަށާނީ، އަންނަ ހަފްތާގައި ބާއްވާ ޑަބްލިޔޫއެޗްއޯގެ އިމިއުނައިޒޭޝަން އެކްސްޕާޓް އެޑްވައިޒަރީ ގްރޫޕްގެ ބައްދަލުވުމަށްފަހު ކަނޑައަޅާ ރެކޮމެންޑޭޝަންގެ މައްޗަށް ބިނާކޮށް ކަމަށް ވެއެވެ.

"ރައްކާތެރި، އިފެކްޓިވް އަދި އައު ކޮންމެ ހަތިޔާރަކީ ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމާ ގާތަށް އެޅޭ ފިޔަވަޅެއް" ޑރ. ޓެޑްރޯސް އަދަނޮމް / ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް

ޖޯންސަން އެންޑް ޖޯންސަން ވެކްސިނަކީ ޑަބްލިޔޫއެޗްއޯއާއި ވެކްސިން އެލަޔަންސް ގުޅިގެން ކުރިއަށްގެންދާ ކޮވެކްސް ސްކީމުގައިވެސް ބައިވެރިވާ ވެކްސިނެއް ކަމުން، އެ ސްކީމްގެ ތެރެއިން ދުނިޔޭގެ އެތައް ގައުމަކަށް މިވެކްސިންވެސް ލިބޭނެ ކަމަށް ބެލެވިފައި ވެއެވެ.

ޖޯންސަން އެންޑް ޖޯންސަން ވެކްސިނަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ވެސް ވަނީ އިމަޖެންސީ ހުއްދަ ދީފައެވެ.

މީގެއިތުރުން، މިވެކްސިން އިމަޖެންސީ ބޭނުމަށް އެމެރިކާގައި ބޭނުން ކުރުމުގެ ހުއްދަ، އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީންވެސް ވަނީ ދީފައެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ޗީފް ސައިންޓިސްޓް ޕޯލް ސްޓޮފެލްސް މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، އެ ކުންފުނީގެ އުންމީދަކީ ކުރިއަށްއޮތް އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 3 ބިލިއަން ޑޯޒްގެ ވެކްސިން އުފެއްދުން ކަމަށެވެ.

އެ ކުންފުނިން ކުރިންވަނީ، މިއަހަރުގެ ތެރޭގައި 1 ބިލިއަން ޑޯޒްގެ ވެކްސިން އުފައްދައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭނެ ކަމަށް ވައުދުވެފައެވެ.