ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް އެސްއެމްއީ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން 355.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބުނު ގެއްލުމުން އަރައިގަތުމަށް އެހީތެރިވުމަށް ސަރުކާރުން ގެންދަނީ ގިނަ ގުނަ އެހީތައް ފޯރުކޮށްދެމުންނެވެ.
އެގޮތުން ސަރުކާރުގެ އިޤްތިސާދީ ރިކަވަރީ ޕެކޭޖްގެ ދަށުން ކޮވިޑް-19 ވިޔަފާރި އެހީގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސާއި ގުޅިގެން އެސްޑީއެފްސީންވަނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ގެންދަނީ ލޯނު ދޫކުރަމުމުންނެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އެސްޑީއެފްސީން ވަނީ ކޮވިޑް-19 އާއި ގުޅިގެން ނޭދެވޭ އަސަރުކޮށްފައިވާ 2،108 ފަރާތަކަށް ލޯނު ދޫކޮށްފައެވެ. އެއީ 355.5 މިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މީގެތެރެއިން 1،449 ފަރާތެއްގެ ވިޔަފާރިއަށް ލިބުނު ގެއްލުމުން އަރައިގަތުމަށް 335.7 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި އަމިއްލަ ވިޔަފާރި ފެށުމަށް 659 ފަރާތަކަށް 19.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މީގެ ތެރެއިން އެންމެ ބޮޑު އަދަދުން ލޯނު ދޫކޮށްފައިވަނީ ވިޔަފާރިތަކަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ. އެގޮތުން 845 ފަރާތަކަށް 201 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިމާރަތްކުރުމުގެ ދާއިރާއިން ލޯނު ދޫކުރުމަށް ކަމަށާއި، އެ ދާއިރާއިން 204 ފަރާތަކަށް ލޯނު ދޫކުރުމަށް 59.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
55.3 މިލިއަން ރުފިޔާގެ ލޯނު ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް ދޫކޮށްފައިވާކަމަށާއި، މި ލޯނު 238 ފަރާތަކަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެއިތުރުން އަމިއްލަ ވިޔަފާރި ފެށުމަށް 685 ފަރާތަކަށް 20.5 މިލިއަން ރުފިޔާގެ ލޯނު އެސްޑީއެފްސީން ވަނީ ދޫކޮށްފައެވެ.
އެސްޑީއެފްސީން މިހާތަނަށް ދޫކުރި ލޯނުގެ ތެރެއިން ލޯނަށް އެދުނު އަންހެނުންނަށް 117.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އެގޮތުން އަންހެނުން ހިންގާ ވިޔަފާރިތަކަށް އެހީވުމަށް 445 ފަރާތަކަށް 113.5 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. އަދި އަމިއްލަ މަސައްކަތްކުރާ 131 ފަރާތަކަށް 3.9 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެއެވެ.
އެސްޑީއެފްސީއަކީ އެންމެ ކުދި، އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ސަރުކާރުން ގާއިމްކުރި ކުންފުންޏެކެވެ.