********
މަޑު ފިނި ވައިރޯޅީގެ ބީހިލުމާއެކު ޝާލިނީ ލޯމަރާލިއެވެ. ޝާލިނީ އޮށޯވެލައިގެން އޮތީ ގޭގެ ކުރިމަތީ އިން ޖޯޔެއްގައެވެ. ދުރުގައި ހުރި ގަހެއްގައި ރީނދޫ ކުލައިގެ ކޮކާލެއް ޖައްސައިފިއެވެ. އެ ކޮކާ ފަހަރަކު މަލެއްގައި އިށީނަމުން، މަލުގެ ފޮނިބޮމުންދާ މަންޒަރު ދެކެން ޝާލިނީ އިންއިރު ޝާލިނީގެ ހިޔާލުތަކުގެ މިސްރާބު ހުރީ މީގެ އެއް އަހަރު ކުރިއަށެވެ.
ދުވަހަކީ ހޮނިހިރުު ދުވަސްކަމުން ޝާލިނީ އާއި އޭނާގެ ރައްޓެހިން ދިޔައީ މޫދަށް އެރޭށެވެ. މޫދުން އެރިގެން ގެއަށް ދިޔައިރު ގޭގެ ކުރިމަތީ އިން ޖޯލިފަތީގައި އިށީނދެލައިގެން ނާއިލް އިނެވެ. ނާއިލަށް ޝާލިނީ ފެނުމާއެކު ހިނިތުންވެލިއެވެ. އެއީ ސްކޫލު ދައުރުން ފެށިގެންވެސް ނާއިލް އިންތިހާއަށް ޝާޒިލީ ދެކެ ލޯބިވާތީއެވެ. ނަމަވެސް އެކަން ޝާލިނީއަކަށް ހާމަކުރާކަށް ނުކެރެއެވެ. ލިބިދާނެ ޖަވާބަކަށްޓަކައެވެ. އެފަދަ ފުރުސަތެއްވެސް ނާއިލަކަށް ނުލިބޭތީވެސް މެއެވެ.
ނާއިލް ފެނުމާއެކު ޝާލިނީ ނާއިލްގެ ކައިރިއަށް މަޑުކޮށްލިއެވެ. އަދި ރަކި ހިނިތުންވުމަކައެކު ނާއިލްއާއި ވާހަކަ ދައްކަމުން ގެންދިޔައެވެ.
ނާއިލް ވަރަށް އުފަލުން އިނދެ ޝާލިނީއާއި ވާހަކަ ދައްކަން ފެށިއެވެ. ނާއިލް ވާހަކަ ދައްކަން ފެށުމުން ޝާލިނީ ހިނިތުން ވެލިއެވެ. މޫދަށް އެރިގެން ފެންވަރަން ގެއަށްދަމުން ނާއިލް ފެނުމުން މަޑުކޮށްލާ ހިތްވީކަމަށް ޝާލިނީ ބުންޏެވެ.
ޝާލިނީއަކީ ރަށުގެ ނިކަމެތި އާއިލާއަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އޭނާއަކީ ރަށުގެ އެންމެ ނަން ހިނގާ ރަށުގައި އެފަދަ ދެވަނައެއް ނުވާހާ ރީތިކަން ލިބިފައިވާ ޒުވާން އަންހެން ކުއްޖެކެވެ. ރަށުގެ ނޫކަށި ފުރައިގެ ޒުވާނުންގެ ލޯތަށް އެންމެ ބޮޑަށް ކަޅި އަޅަމުންދަނީ ޝާލިނީގެ ފަރި ހަރަކާތްތަކަށެވެ. އެ ލޯތްބަށް ފެންބޮވައިގަތްފައިވާ އެތައް ކުދިންނެއް ރަށުގައި އުޅެއެވެ. ނަމަވެސް އެއިން އެއްވެސް ކުއްޖަކަށް ޝާލިނީގެ ހިތެއް ނުދެއެވެ.
ނާއިލަކީ ރަށުގެ ޤަދަރުވެރި އާއިލާއެއްގެ ދެމަފިރިއަކަށް ލިބިފައިވާ ދަރިއެކެވެ. ސާދާ މިޒާޖެއްގެ އެންމެނާ ގުޅޭ ހިތްހެޔޮ ނާއިލްއަކީ އަކީ މަޑުމައިތިރިކަމަށް ލޯބިކުރާ ޒުވާނެކެވެ. ރަށުގެ އެތައް އަންހެން ކުދިންނެއް ނާއިލްއަށް ލޯބި ހުށަހެޅި ނަމަވެސް ނާއިލް އެކަމަށް ދެނީ ބީރު ކަންފަތެކެވެ. އެއީ ނާއިލްގެ ހިތުން ހަމައެކަނި ޖާގަ ދޭން ބޭނުންވަނީ ޝާލިނީއަށް ކަމަށް ވާތީއެވެ. ޝާލިނީ ފެންނަ ދުވަހެއްނަމަ އެރޭގެ ހުވަފެނުން ޝާލިނީގެ ފޮނި ހުވަފެންތައް ނާއިލްއަށް ފެންނަމުންދާ ކަހަލައެވެ. އެރީތކަމާއި މޫރިތިކަމުގެ ޖަޒުބާތުގައި ޖެހި ނާއިލް ބެހިގެންދާ ކަހަލައެވެ. މި ގޮތުން ކޮންމެ ދުވަހަކުހެން ޝާލިނީއާއި ވާހަކަ ދެއްކޭތޯ ނާއިލް މަސައްކަތް ކުރަމުންދެއެވެ. ޝާލިނީގެ ވާހަކަތަކުން އޭނާވެސް ނާއިލް އާއި ގަޔާވާކަން އެނގެއެވެ. އެހެންކަމުން ނާއިލް ޝާލިނީއަށް ލޯބި ހުށަހެޅިއެވެ. ޝާލިނީ އުފަލުން އެ ލޯބި ޤަބޫލުކުރިއެވެ. މުޅި އުމުރަށް އެކީވުމަށެވެ.
ދުވަސްތައް މަސްތަކަށްވެ މަސްތައް އަހަރުތަކަށް ބަދަލުވެގެން ގޮސް ޝާލިނީ އާއި ނާއިލްގެ ގުޅުމަށް ހަތަރު އަހަރު ފާއިތުވެގެން ހިގައްޖެއެވެ. މިއަދަކީ ނާއިލް ޝާލިނީ އާއި އިންނަން އަހާ ދުވަހެވެ. ނާއިލް އުޅުނީ ޝާލިނީ އާއި އިންނަން އެހުމުގެ ކުރިންެ ޝާލިނީއަށް ދޭނެ ހަދިޔާއެއް ގަންނަންދާށެވެ. ނާއިލް ހަދިޔާގަނެގެން އައިސް ކޮޓަރީގައި އަޅުވާފައި އޮތް އޭނާގެ ތުވާލި ނަގައި ފާހާނާއަށްވަދެ ފެންވަރައިގެން ނިކުތެވެ. ނިކުމެ ރީތިވެގެން ނާއިލް އެ ހަދިޔާ އޭނަގެ ޖީބަށްލިއެވެ.
ނާއިލްގެ މިސްރާބުހުރީ ޝާލިނީގެ ގެއާދިމާލަށެވެ. އެގެއަށް ދިޔަގޮތަށްގޮސް ނާއިލް ޝާލިނީއާއި ދިމާއަށް އޭނާގަތް އަގޮނޑި ދިއްކޮއްގެން ހުރެ ޝާލިނީ ގާތު އިންނަން އެހިއެވެ. ޝާލިނީ ވަގުތުން އެކަމަށް އެއްބަސް ވިއެވެ. ދެފަރާތުގެ އާއިލާ ގުޅިގެން ދެމީހުންގެ ކައިވެނީގެ ތާރީހު ހަމަޖެއްސިއެވެ.
އޭގެ ހަފުތާއެއް ފަހެވެ. މިރެޔަކީ ދެމީހުންގެ ކައިވެނި ކުރެވޭރެޔެވެ. ނާއިލް ތައްޔާރުވެގެން މަގުމައްޗަަށް ނިކުތެވެ. އަދި ޝާލިނީގެ ގެއަށް ދިއުމަށް ހިނގައިގަތެވެ. ކުއްލިއަކަށް ބާރުސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއްްގައި ޖެހި ނާއިލް އެކްސިޑެންޑްވިއެވެ. އެކްސިޑެންޓް ވުމާއެކު ސައިކަލްގައި އިންމީހާ ފިލަން ދުއްވައިގަތެވެ.
މިހާތަނަށްވެސް ނޭގިފައިވާ ކަމަކީ ނާއިލްގެ ފުރާނަ ދުއްވާލަން އުޅުނީ ކާކުކަމެވެ. މިކަމުގެ ހަޤީޤަތެވެ. ނާއިލްގެ ކޮއްކޮ ފިރާޒުއަށް މިމަންޒަރު ފެނުމާއެކު ނާއިލް ގޮވައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ގެންދެވުނުތާ މާކަގިނަ ވަގުތެއްނުވަނީސް ނާއިލް މަރުގެ ޚަބަރު ލިބުނެވެ.
ސައިކަލް ދުއްވި މީހާ ލައިގެންހުރީ ކަޅު ހެދުމެކެވެ. މޫނެއް ނުފެނެއެވެ. މި މަންޒަރު ދުށް ނާއިލްގެ ކޮއްކޮ ފިރާޒު ކިޔައިދިނެވެ. މި ހިޔާލުތަކުގެތެރޭގައި އޮއްްވާ ކުއްލިއަކަށް ގޭތެރެއިން މީހަކު ގޮވާލި އަޑު އިވުނެވެ. ''ދަރިފުޅާ'' ޝާލިނީ' ބައްޕަ އެބަ ގޮވާ'' ޝާލިނީގެ މަންމަ މިހެން ބުނުމައެކު ޖޯލިން ތެދުވެގެން ގޭތެރެއަށް ވަނެވެ.
ޝާލިނީގެ މަންމައާއި ބައްޕައަކީ އާދައިގެ ދިރިއުޅުމެއް އުޅެމުންދާ ދެމަފިރިން ނަމަވެސް ރަށުގެ އެންމެނަށްވެސް ވަރަށް ގަދަރު ކުރާ އަހުލާގު ރަނގަޅު ދެމަފިރިންނެވެ. މި ދެމަފިރިން ޝާލިނީ ދެކެ އިންތިހާ ލޯބިވެއެވެ. ނާއިލް ނިޔާވިފަހުން ޝާލިނީގެ މޫނު މައްޗަށް ވެރިވެފައި ހުންނަ މާޔޫސްކަން ފެނި ހަމްދަރުދީވެއެވެ. ޝާލިނީއަށް ރަނގަޅު ދިރިއުޅުމެއް ލިބޭތޯ ޝާލިނީގެ މައިންބަފައިން އަބަދުވެސް ދުޢާކުރެއެވެ. (ނުނިމޭ)
***
އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ ދެވަނަބައި ޝާއިއު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.