ޔޫރަޕްގެ ބައެއް ގައުމުތަކުގައި ކަންބޮޑުވުން އުފެދެމުންދާތީ، އެސްޓްރަޒެނެކާގެ ކޮވިޑްވެކްސިންގެ ސައިޑް އިފެކްޓްސް ރިވިއުކުރަން އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އެހެން ނަމަވެސް، އޮފިޝަލުން ވިދާޅުވީ، އެ ވެކްސިން ޖަހައިގެން ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ އެއްވެސް މައްސަލައެއް އިންޑިއާއިން މިހާތަނަށް ރިޕޯޓް ކޮށްފައި ނުވާ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައި ވީނަމަވެސް، ވެކްސިން ޖެހި ބައެއް މީހުންނަށް ބްލަޑް ކްލޮޓް ނުވަތަ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވެގެން ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ޑެންމާކް، ނޯވޭ، އައިސްލެންޑް ހިމެނެއެވެ. އެ ގައުމުތަކުން ވެކްސިން ޖެހުން ހުއްޓާލީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެއެވެ.

އިންޑިއާގެ ކޮވިޑް-19 ނޭޝަނަލް ޓާސްކް ފޯހުގެ މެމްބަރު އެންކޭ އަރޯރާ ވިދާޅުވީ، ވެކްސިން ޖަހައިގެން ދިމާވާ ސައިޑް އިފެކްޓްސް، ޚާއްސަކޮށް މީހުން މަރުވުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުންފަދަ ސީރިއަސް މައްސަލަތައް އަލުން ރިވިއު ކުރާނެ ކަމަށެވެ.

އަދި އެކަން ބެލުމަށްފަހު ކަންބޮޑުވާ އެއްވެސް ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަން ހާމަ ކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިންޑިއާއިން ފަށާފައިވާ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް ގާތްގަނޑަކަށް 28 މިލިއަން މީހުންނަށް ވެކްސިން ދީފައިވެއެވެ.

އިންޑިއާގައި 2 ވެކްސިނެއް ބޭނުން ކުރަމުންދިޔަ ނަމަވެސް ގިނަ ރައްޔިތުން ޖަހާފައިވަނީ އެސްޓްރަޒެނެކާގެ ވެކްސިނެވެ.

އިންޑިއާގެ ރައްޔިތުންނަށް ދެމުންގެންދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިނެވެ.

އޮކްސްފޯޑް/އެސްޓްރަޒެނެކާއިން އީޖާދުކޮށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ މި ވެކްސިން، އިންޑިއާ ސަރުކާރުން މިހާތަނަށް ވަނީ ގާތްގަނޑަކަށް 70 އާ ގާތްކުރާ އަދަދެއްގެ ގައުމުތަކަށް ހަދިޔާކޮށް، އެގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރުމުގެ ހުއްދަވެސް ދީފައެވެ.

އިންޑިއާގެ ކޮވިޑް-19 ނޭޝަނަލް ޓާސްކް ފޯހުގެ މެމްބަރު އެންކޭ އަރޯރާ ވިދާޅުވީ، ކޮވިޝީލްޑް ވެކްސިން ޖަހައިގެން އިންޑިއާގެ ވަރަށް މަދު ބަޔަކަށް ކުދިކުދި މައްސަލަތައް ދިމާވި ނަމަވެސް، ސީރިއަސް ނުވަތަ ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއް އަދި މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އަދި، ރިވިއުކުރާއިރު ކުރިން ރިޕޯޓްކޮށްފައިވާ ކުދިކުދި މައްސަލަތައްވެސް އިތުރަށް ފުންކޮށް ބަލައި، އޭގެ ތެރޭގައި ބްލަޑް ކްލޮޓިންގެ އެއްވެސް މައްސަލައެއް އުޅޭތޯވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަރޯރާ ވިދާޅުވީ، ވެކްސިން ޖެހިފަހުން އިއްޔެގެ ނިޔަލަށް އިންޑިއާއިން ފަސްދޮޅަހަކަށް މީހުން މަރުވެފައިވާ ކަމަށާއި، ނަމަވެސް އެ ހުރިހާ މަރަކީވެސް އިއްތިފާގު ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކުވެސް، މިވަގުތު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ ކޭސްތައް އިތުރަށް ރިވިއު ކުރާނެ ކަމަށް އިންޑިއާގެ ކޮވިޑް-19 ނޭޝަނަލް ޓާސްކް ފޯހުގެ މެމްބަރު އެންކޭ އަރޯރާ ވިދާޅުވިއެވެ.