ތިރީގައި މިވަނީ ޢަބްދުﷲ ސަޢީދު ލިއުއްވާފައިވާ މަޒްމޫނެކެވެ.

***

ޝަހީދުންނަކީ ﷲ ގެ މަގުގައި ހަނގުރާމަކޮށް މަރުވެފައިވާ މީހުންނެވެ. ދިވެހި ބަސް ފޮތުގައި ޝަހީދުން މާނަކޮށްފައި ވަނީ ދީން ނުވަތަ ވަޒަނުގެ ޙައްޤުގައި ހަނގުރާމަކޮށް މަރުވާ މީހުންގެ ގޮތުގައެވެ. ކީރިތި ޤުރުއާނުގެ އާލްޢިމްރާނު ސޫރަތުގެ 169ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވި މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާށެވެ. އަދި، ކިއެއްތަ! އެބައިމީހުންނީ އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ރިޒުޤު ލިބޭ ޙާލު، ދިރިތިބި ބަޔެކެވެ."

ދިވެހިރާއްޖޭގައި ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޝަޢުބާން މަހުގެ 1ވަނަ ދުވަހެވެ. އެ ދުވަސް ނިސްބަތްވަނީ ޕޯޗްގީޒުންނާ ދެކޮޅަށް ދީނާއި ވަޠަނުގެ ދިފާޢުގައި ޖިހާދުކުރައްވައި ހިޖުރައިން 965ވަނަ އަހަރުގެ ޝަޢުބާންމަހުގެ 1ވަނަ ދުވަހު ޝަހީދުވެވަޑައިގެންނެވި އައްސުލްޠާން ޢަލީ (6ވަނަ) ނުވަތަ ޢަލީ ރަސްގެފާނަށެވެ. ބޭރުގެ ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަނިކޮށް ޝަހީދުވެވަޑައިގެންފައިވާ ދިވެހި ޝަހީދުންގެ ލިސްޓުގައި ޢަލީ ރަސްގެފާނުގެ އިތުރުން ދެން ފެވިފައިވާ ނަންފުޅުތަކަކީ ހިޖުރައިން 980 ވަނަ އަހަރު ޝަހީދުވެވަޑައިގެންނެވި އުތީމު ޢަލީ ތަކުރުފާނާއި، ޢަލިރަސްގެފާނުގެ ހުވަފަތް އަނބިކަމަނާ ކަނބާ ޢައިޝާ ރަނިކިލެގެފާނާއި، ހިޖުރައިން 1017 ވަނަ އަހަރު ޝަހީދުވެވަޑައިގެންނެވި އައްސުލްޠާން އިބްރާހީމް ކަލާފާނާއި، ނޮވެންބަރު ތިނެއްގެ ޝަހީދުންނެވެ. ނޮވެންބަރު ތިނެއްގައި 19 ދިވެހިން ޝަހީދުވީއިރު، އޭގެތެރެއިން 8 ބޭފުޅުންނަކީ ދިވެހި ސިފައިންނެވެ.

ޢަލީ ރަސްގެފާނު ރަސްކަން ކުރައްވާތާ 2 މަހާ 15 ދުވަސްވީތަނާ އިންޑިއާގެ ގޯވާގައި ތިބި 'ޕޯޗުގީޒުންގެ ލަޝްކަރު ދިވެހިރާއްޖެއަށް އައެވެ. އެ ލަޝްކަރުގެ ވެރިޔަކަށް ހުރީ އަނދިރިއަނދިރިންނެވެ. ބައެއް ލިޔުން ތަކުގައި އެ ލަޝްކަރުގެ ވެރިޔަކީ ކެޕްޓަން މެނުއަލް ޑަސިލްވޭރާ ޑިއަރައުރޯ ކަމަށް ލިޔެފައި ވެއެވެ. މިއީ އައްސުލްޠާން ޙަސަން (9ވަނަ) ރަސްކަން ދޫކޮށްލައްވައި ޕޯޗްގީޒުންގެ ކައިރިއަށް ވަޑައިގަންނަވައި ކްރިސްޓިއަން ދީނަށް އެނބުވަޑައިގެންނެވުމުން ދިވެހި ރަސްކަން އަބުރާ ހޯއްދަވައި ދިނުމުގެ ނަމުގައި ޕޯޗްގީޒުން ރާއްޖެ ހިފަށް އައި ތިންވަނަ ފަހަރެވެ. އަދި އެންމެ ބޮޑު ލަޝްކަރައިގެން އައި ފަހަރު ވެސް މެއެވެ.

ދުވަސްވަރަކީ މާލެ ތެރޭގައި ފިތުނަ ވަރަށް ބޮޑަށް އޮތް ދުވަސްވަރެކެވެ. ދިވެހި ލަޝްކަރުގެ ތެރޭގައި ވެސް ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުން ބޮޑު ދުވަސްވަރެކެވެ. ދުޝްމަނުންނަށް އަމާން ދެއްވުމަށް ލަޝްކަރުގެ ބަޔަކު ރަދުންގެ އަރިހުގައި ދަންނަވަމުން ދިޔައިރު ޢަލީ ރަސްގެފާނު ހުންނެވީ އެކަން ގަބޫލުފުޅު ކުރައްވާގޮތަކަށް ނޫނެވެ. އެންމެފަހުން ބަޔަކު އެ ރަދުންނަށް އޮޅުވާލައިގެން އަމާން ނެގުމާއެކު ދުޝްމަނުން މާލެއަށް ފޭބިއެވެ. ކަމުގެ ހަގީގަތް އެނގިވަޑައިގަތުމުން ޢަލީ ރަސްގެފާނު ނިންމެވީ ހަނގުރާމައަށް ލަޝްކަރީންނާއިގެން ނިކުމެވަޑައިގެންނެވުމަށެވެ. ހަގުރާމައަށް ނިކުމެވަޑައިގެންނެވި ދިވެހި ލަޝްކަރުގެ ވެރިޔަކަށް ހުންނެވީ ސީދާ ޢަލީ ރަސްގެފާނެވެ. ލަޝްކަރުގެ އެންމެ ކުރީގައި ހުންނަވައިގެން ގަނޑުވަރުން ހިންގަވައިފައި ޢީދު މިސްކިތާ ހަމައަށް ވަޑައިގެންނެވިއިރު ފަހަތްޕުޅުގައި ތިއްބެވީ ބޮޑުވަޒީރާއި ޚާދިމެކެވެ. ލަޝްކަރުގައި ތިއްބެވި އެހެން ބޭފުޅުން ދީނާއި ޤައުމަށް ޣައްދާރުވެ ފިލާ ރައްކާވީއެވެ. އެހެން ނަމަވެސް ޢަލީ ރަސްގެފާނު ނިންމެވީ އަރިހުގައި ތިއްބެވި ބަޔަކާއެކު ދުޝްމަނުންނާ ދެކޮޅަށް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު ކުރެއްވުމަށެވެ. ދުޝްމަނުންނާ ހަނގުރާމަ ކުރައްވަމުން ގެންދަވަނިކޮށް ވިލިނގިލީ ރައިވެރިބޭ ރަދުންނަށް ކުރުނބާފޮދެއް އެރުވިއެވެ. އެ ޖިހާދުގައި ޢަލީ ރަސްގެފާނާއި އަރިހުގައި ތިއްބެވި ދެ ކަލުންނާއި ވިލިނގިލީ ރައިވެރިބޭ ވެސް ޝަހީދުވީއެވެ. ޢަލީ ރަސްގެފާނު ޒިޔާރަތް ހުންނަނީ އެ ރަދުން ޝަހީދުވެވަޑައިގެން ތަނުގައެވެ.

އުތީމު ޢަލީ ތަކުރުފާނަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނު) އާ އެއްބައްޕާ ބޭބޭފުޅެވެ. އެއީ ވިސްނުންތޫނު ދުރުވިސްނިވަޑައިގަންނަވާ ބޭފުޅެކެވެ. ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ކުރެއްވި ކަޅުއޮށްފުންމި އަކީ ޢަލީ ތަކުރުފާނުގެ ޚިޔާލުފުޅަށް ބެންނެވި އޮޑިއެކެވެ. ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެތިކަމާ ދެކޮޅަށް އުތީމު ތިންބެއިން ޤައުމީ ޖިހާދަށް ނިޔަތްގަންނަވައި ނިކުންނެވި ރޭ އުތީމު ކަނދުވަލު މިސްކިތްދޮށުގައި ބޮޑު ތަކުރުފާނުގެ އަތްޕުޅު މައްޗަށް ބައިޢަތު ހިއްޕަވައި ޢަލީ ތަކުރުފާނު ދުޢާފުޅެއް ކުރެއްވިއެވެ. އެ ދުޢާފުޅުގައި އެ ޖިހާދުން ނަޞްރާއި ފަތަޙަ ދެއްވުމަށާއި ޝަހީދެއްގެ މަތިވެރި ދަރަޖަ ޢަލީ ތަކުރުފާނަށް ދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ޢަލީ ތަކުރުފާނު ޝަހީދުވެވަޑައިގަތީ އަނބިކަމަނާއާއި ބޭފުޅުންގެ ޙާލު އަޙުވާލު ބެއްލެވުމަށް ހއ. ތަކަންދޫއަށް ފައިބާވަޑައިގެންނެވި ރެއެއްގައި ދުޝްމަނުންގެ އަތްދަށު ވެގެންނެވެ. ޢަލީ ރަސްގެފާނުގެ ހަށިކޮޅު ވަޅުލާފައިވަނީ ހއ. ތަކަންދޫގައި ހުންނަ އެ ތަކުރުފާނުގެ ޒިޔާރަތުގައެވެ. އިސްތަށިފުޅު ވަޅުލާފައިވަނީ މާލެ އަތޮޅު ފުނަދޫގައެވެ. ހަށިކޮޅާ އިސްތަށިފުޅު ވަކިކޮށްލީ އަނދިރިއަނދިރިންގެ ދަރުބާރަށް އިސްތަށިފުޅު މާލެ ގެނައުމަށެވެ. އިސްތަށިފުޅު މާލެ ގެނެސް އަނދިއަނދިރިންގެ ކިއްލާފައި ލޮންސިއަކަށް ޖަހާފައި ހުއްޓައި ސިއްރިޔާތުގައި ދިވެހީންގެ ބަޔަކު އެ އިސްތަށިފުޅު ނަގައިގެން ގެންގޮސް ފުނަދޫގައި ވަޅުލީއެވެ. ޢަލީ ތަކުރުފާނުގެ އިސްތަށިފުޅުގެ މަހާނަ ފުނަދޫގައި އެބަހުއްޓެވެ.

ދިވެހި ތާރީޚުގައި ބޭރުގެ ދުޝްމަނުންގެ އަތުން ޝަހީދުކޮށްލި ދިވެހި ދަރިންގެ ލިސްޓުގައި ވާ ހަމައެކަނި އަންހެން ބޭފުޅަކީ އައްސުލްޠާން ޢަލީ (ހަވަނަ) ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަމަނާ ކަނބާ ޢައިޝާ ރަނިކިލެގެފާނެވެ. އެއީ ބޮޑުތަކުރުފާނުގެ އަނބިކަނބަލުން އަދި ޢަލީ ރަސްގެފާނުގެ ދަރިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މަންމާފުޅެވެ. އެއީ އައްސުލްޠާން ކަޅުމުޙައްމަދު ރަސްގެފާނުގެ ދަރިކަނބަލުންނެވެ. ކަނބާ ޢައިޝާ ރަނިކިލެގެފާނު ޝަހީދުވެވަޑައިގަތީ ހއ. ބާރަށުގައެވެ. ކަނބާ ޢައިޝާ ޝަހީދުވީ ބޮޑު ތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ފަށްޓަވައި ޢާއިލާގެ ބޭފުޅުން މަލިކަށް ބަދަލުކުރެއްވުމަށް ހިންގެވި އޮޕަރޭޝަންގައި ބާރަށުގައި އިންނެވި ސިއްތިމާވާ ރަނިކިލެގެފާނު ބާރަށުން ގެންދެވި ރޭގައެވެ. އެރޭ ސިއްތިމާވާ ރަނިކިލެގެފާނު ސަލާމަތްތެރިކަމާއެކު ހަވާލުކުރެއްވީ ކަނބާ ޢައިޝާއެވެ. އެކަން ސިއްތިމާވާ ރަނިކިލެގެފާނުގެ ކައިވެނިފުޅަށް ނުހަނު ބޮޑަށް ފެންބޮވައިގެންފައިވާ އަދި ޕޯޗްގީޒުންނާގުޅި ޤައުމަށް ޚިޔާނާތްތެރިވެގެން އުޅުނު ތުއްފާށަނާ ތަކުރަށް އެނގުނެވެ. އެ ހިނދު ކަނބާ ޢައިޝާއަށް ހަމަލާދީ ޝަހީދުކޮށްލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެ އެތިފަހަރުން ސަލާމަތްވެވަޑައިގެން ތިމަން ކަމަނާ ޝަހީދުކުރާނީ ތިޔަފަދަ ފިނޑި މުނާފިގު ސޮހޮލެއް ނޫނޭ ވިދާޅުވެ އެ ކަމަނާ ދެއްވި ހަމަލާއަކުން އެ ތުއްފާށަނާ ގަތުލުކުރެއްވިއެވެ. ކަނބާ ޢައިޝާ ޝަހީދުކޮށްލީ ޕޯޗްގީޒުންގެ އޮފިސަރަކު ތިން ކަނޑީގެ ޙަމަލާއެއްގައި އިސްތަށިފުޅާއި ހަށިކޮޅު ވަކިވުމުންނެވެ. ކަނބާ ޢައިޝާ ރަނިކިލެގެފާނުގެ މަހާނަފުޅު ހުންނަނީ ހއ. ބާރަށުގައެވެ.

އައްސުލްޠާން އިބްރާހީމް (އެއްވަނަ) ކަލާފާނަކީ އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް، އުތީމު މަހާރަދުންގެ ދަރިކަލުންނެވެ. އެއީ އުތީމު މަހާރަދުންނަށް ފަހު ދިވެހި ރަސްކަން ކުރެއްވި ކީރިތި މަހާރަދުންނެވެ. އެ ރަދުންގެ ރަސްކަމުގައި މަލާބާރުގެ ފޭރޭ ގުރާބުތަކެއް ހަނގުރާމަ މަތީ އުޅަނދުފަހަރުގައި ރާއްޖެއަށް އަންނަކަމުގެ ޚަބަރު ލިބިވަޑައިގަތެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން އަމީރުންނާއި ވަޒީރުންނާއި މުޙައްމަދު ފަނޑިޔާރު މަނިކުފާނު ގެންނަވައި ކަންތައްތައް ކުރައްވަންވީ ގޮތުގެ ލަފާފުޅަކަށް އެއްސެވިއެވެ. ފަނޑިޔާރުމަނިކުފާނުގެ ލަފާފުޅަކަށްވީ އެވަރުގެ ބާރުގަދަ ލަޝްކަރަކާ ކުރިމަތިލުމުގެ ޤާބިލުކަން ނެތުމާއެކު މާލެ ދޫކުރައްވައި ރަދުން ފިއްލަވައގެން ވަޑައިގެންނެވުމެވެ. ދުޝްމަނުންގެ ގުރާބުތަކުން ކަލާފާނު ރަދުން ދަތުރުކުރެއްވި ގުރާބާ ކުރިމަތިލީ ކަނޑުމަތީގައެވެ. އެ ވަގުތު ގުރާބުގައި ތިބި ރަދުންގެ ލަޝްކަރުގެ މީހުން ރަސްގެފާނާއި ގުރާބު ދޫކޮށް ކަނޑަށް ފުންމާލައިގެން ކައިރީގައި ހުރި ފަޅު ރަށްރަށަށް އަރާ ސަލާމަތްވީއެވެ. ދުޝްމަނުންނާ ބައްދަލުވި ހިނދު ރަދުން ނިންމެވީ އަމާން ނުދެއްވައި ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު ކުރެއްވުމަށެވެ. އޭރު އަރިހުގައި ހުންނެވީ ޖަމާލުކަލޯ ކިޔާ އެންމެ ޚާދިމެކެވެ. އެ ދެކަލުން ދުޝްމަނުންނާ ދެކޮޅަށް ވަރަށް ވަރުގަދައަށް ޖިހާދު ކުރައްވައި އެންމެ ފަހުން ޝަހީދުވެވަޑައިގެންނެވީއެވެ. އެ ބޭފުޅުންގެ ހަށިކޮޅު އޮތް ގުރާބު ލައްވީ އދ. ހަންޏާމީދޫއަށެވެ. އެ ރަށުގެ މީހުން އެ ދެކަލުންގެ ހަށިކޮޅު ގުރާބުން ނަގައިގެން އެ ރަށުގައި ފަސްދާނުލައި ޒިޔާރަތް އެރުވީއެވެ. ކަލާފާނުގެ ޒިޔާރަތް ހުންނަނީ އެ ރަށުގައެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ދީނާއި ޤައުމަށް ޓަކައި ޖިހާދުކޮށް ޝަހީދުވި ހިތްވަރުގަދަ ކެރޭ ޝަހީދުންތަކެއް ފެނިގެން ދިޔަ ހަމަލާއެކެވެ. އެ ހަމަލާގައި ދިވެހިންގެ ތެރެއިން 19 ބޭފުޅުން ޝަހީދުވިއެވެ. އޭގެތެރެއިން 8 ބޭފުޅުންނަކީ ދިވެހި ސިފައިންނެވެ. ސިފައިންގެ ތެރެއިން ޝަހީދުވި ބައެއް ބޭފުޅުންނަކީ ދުޝްމަނުންނާ ދެކޮޅަށް ޖިހާދުކުރައްވައި އެ ހަމަލާގެ ތެރޭގައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުފުޅު ގަދަ ޤައުމީ ބަޠަލުންނެވެ. އޭގެތެރޭގައި ސިފައިންގެ މައިދޮރޯށީގައި ފޯރިއަށް ހުންނެވި ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހިތްވަރުފުޅު ގަދަކަމާއި ހުޝިޔާރުކަން ފާހަގަ ކުރެވެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވެވަޑައިގަތީ އަމިއްލަ ފުރާނަ ސަލާމަތްކުރައްވާނެ ފުރުސަތު ލިބިވަޑައިގެންފައި އޮއްވައިމެ، ޑިއުޓީގައި ހުންނެވި މަގާމު ދޫނުކުރައްވައި ދުޝްމަނުންނާ ދެކޮޅަށް ހަމަލާ ދެއްވަމުން ގެންދަވަނިކޮށް ދުޝްމަނުން ދިން ބަޑީގެ ހަމަލާތަކުންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރުފުޅުގެ ސަބަބުން ސިފައިންގެ އެތެރޭގައި ތިބި ސިފައިންނަށް ދިވެހި އަސްކަރިއްޔާގެ މައިމަރުކަޒު ދިފާޢުކުރަން ހަތިޔާރު ހިފައިގެން ދިފާޢީ މަގާމުތަކަށް ނުކުރާނެ ފުރުސަތު ހޯއްދަވައި ދެއްވިއެވެ. އަދި ސިފައިންގެ މައި ދޮރޯށީން އެތެރެއަށް ވަދެގަތުމަށް އައި ދުޝްމަނުންގެ ފައުޖު ހުއްޓުވައި ސިފައިންގެ މައި މަރުކަޒު ދިފާޢުކޮށް ދެއްވިއެވެ.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ކޯޕްރަލް ޙުސައިން އާދަމުގެ އިތުރުން ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ސިފައިންގެއިން ބޭރަށް ނިކުމެވަޑައިގެންނެވިތަނުން ދުޝްމަނުން ދިން ވަރުގަދަ ހަމަލާއިން ޝަހީދުވެވަޑައިގެންނެވި ތިން ބޭފުޅުންގެ ނަންފުޅު ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެ ބޭފުޅުންނަކީ ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމާއި ޝަހީދު ކޯޕްރަލް އާދަމް ނަޞީރާއި ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަނެވެ. މީގެއިތުރުން ޝަހީދު ލެފްޓިނަންޓް ކުޑަނެވި ތުއްތުމަނިކު ސިފައިންގެ ވެރިޔާގެ ނާއިބު ސަލާމަތްކުރެއްވުމަށް މއ. ކިނބިގަސްދޮށުގެއަށް ވަދެވަޑައިގަތުމށް ކުރެއްވި ޖެހިލުންކުޑަ މަސައްކަތުގައި ޝަހީދުވެވަޑައިގެންނެވިގޮތް ވެސް ދީނާއި ޤައުމަށްޓަކައި ޝަހީދުވެވަޑައި ގެންނެވި އެހެން ބޭފުޅުންނެކޭ އެއްގޮތަށް ފާހަގަކޮށްލަން ޖެހެއެވެ. މިއިން ކޮންމެ ޝަހީދަކީ ވެސް އެ ބޭފުޅުންގެ ޠާހިރު ލޭފޮދު މާތް ވެގެންވާ އިސްލާމްދީނާއި ދިވެހި ވަޠަނަށް ޓަކައި ހިބަކޮށްދެއްވި ހިތްވަރުގަދަ މުޖާހިދުންނެވެ. އަންނަން އޮތް ޖީލުތަކަށް ޓަކައި އެ ބޭފުޅުންގެ ދައުރުގައި އަދާކުރައްވަން ޖެހިވަޑައިގެންނެވި ޤައުމީ ވާޖިބަށް ފަސްޖެހިވަޑައި ނުގަންނަވައި ނަމޫނާ މިސާލުން މަގުދެއްކެވި ލީޑަރުންނެވެ. އެ ބޭފުޅުންގެ ޒިކުރާ މި ލޮބުވެތި ޤައުމު ދުނިޔޭގައި އޮތްހާ ދުވަހަކު އާކުރާނެއެވެ.

ޝަހީދުންނާބެހޭ ވަރަށް މަޝްހޫރު ހަދީސްފުޅެއް ޢަބްދުﷲ ބިން ޢައްބާސް ރަޟިއަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ހަދީސް ކުރެއްވިއެވެ. އުޙުދު ހަނގުރާމައިގެ ދުވަހު ތިޔަބައި މީހުންގެ އަޚުންތައް ޝަހީދުވުމުން މާތްﷲ އެ މީހުންގެ ރޫޙުތައް ފެހިކުލައިގެ ދޫނިތަކެއްގައި ލެއްވިއެވެ. އެ ރޫޙުތައް ސުވަރުގޭގެ ކޯރުތަކަށް ވާރިދުވެ، ސުވަރުގޭގެ މޭވާއިން ކައި އުޅެއެވެ. އަދި ޢަރުޝީގެ ހިޔަލުގައި އެލުވިފައިވާ ރަން ބައްތިތައް ކައިރިއަށް އައިސް މަޑުކޮށްއުޅެއެވެ. ދެން އެ މީހުންނަށް ރަނގަޅު ކެއުމާއި ބުއިން އަދި އަރާމު ލިބެނިވި ތަން ލިބުމުން އެ މީހުން ބުނަންފެށިއެވެ. ތިމަންމެން ސުވަރުގޭގައި ދިރިތިބި ވާހަކައާއި ތިމަންމެނަށް ރިޒުޤު ލިބޭ ވާހަކަ ދުނިޔޭގައި ތިބި މީހުންނަށް އަންގަވައި ދެއްވާނީ ކާކުތޯއެވެ؟ އެއީ އެ ޚަބަރު އެބައިމީހުންނަށް ލިބުމުން ޖިހާދުކުރަން ނުގޮސް ތިބުމުން އެއްކިބާވުމަށާއި ހަނގުރާމައިގެ މައިދާނުގައި ފުރަގަސްދީ ފިލަން ނުދިއުމަށް ޓަކައެވެ. އެހިނދު މާތްﷲ އެންގެވިއެވެ. ތިޔަބައިމީހުންގެ ފަރާތުން އެ ޚަބަރު އެބައިމީހުންނަށް ތިމަން ﷲ ފޯރުކޮށްދެއްވާ ހުށީމެވެ." ޝަހީދުންނަކީ ވަރަށް މަތިވެރި ދަރަޖައެއް ލިބިގެންވާ ބައެކެވެ. ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންގެ އިތުރުން ޝަހީދުންގެ ދަރަޖަ ލިބޭ އިތުރު އެހެން މަރުތަކެއް ކީރިތި ރަސޫލާ ވަނީ ބަޔާންކޮށްދެއްވާފައެވެ.