ތިރީގައި މިވަނީ ނަސީމާ މުހަންމަދު ލިއުއްވާފައިވާ މަޒްމޫނެކެވެ.
***
ޝަހީދުވުމަކީ މާތް މަތިވެރި ކަމަކަށްޓަކައި ތިމާގެ ފުރާނަ ޤުރުބާންކުރުމެވެ. ޝަހީދުވުމުގެ ބާވަތްތަކެއް ވެއެވެ. އެތައް ގޮތްތަކެއް ހުރެއެވެ. ތިމާގެ ޤައުމަށް ޓަކައި ދީނަށް ޓަކައި ޤުރުބާންވުމަކީ ޝަހީދުވުމުގެ އެންމެ މާތް ގޮތެވެ. އެންމެ މަތިވެރި ޝަހީދުވުމެވެ.
ރާއްޖޭގެ ތާރީޚުގައި މަޝްހޫރު ޢަލިރަސްގެފާނު ހިމެނިވަޑައިގަންނަވަނީ މި ދެންނެވި ފަދަ މާތް މަތިވެރި ޝަހީދަކުން ޝަހީދުވެވަޑައިގަތް ޝަހީދަކަށެވެ. ތިމާގެ ދީނާއި ލޯބި ހުޅުވާ ޤައުމަށް ޓަކައި ޝަހީދުވެވަޑައިގަތް ޝަހީދަކަށެވެ. އެއީ ރާއްޖޭގެ "ޝަހީދުންގެ ސާހިބާ" އެވެ.
އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން އަބޫބަކުރު (ދެވަނަ) އަވަހާރަވުމުގެ 2 އަހަރާއި 6 މަސް ދުވަސް ފަހުންނެވެ. މި ރަދުންނަކީ ޔަމަނުކަރައިގެ އައްސައްޔިދު ޢަބްދުއްރަޙްމާނު ދޮށިމޭނާކިލެގެއާއި އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެއާއި ދެ ކަނބަލުންގެ ދަރިކަލުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މި ރަދުންގެ ނަންފުޅަކީ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. ޢަލީރަސްގެފާނު ރަސްކަންކުރެއްވީ 2 މަހާއި 15 ދުވަހުއެވެ. އަވަހާރަވީ އިންޑިޔާއިން އައި ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ދިފާޢުކުރެއްވުމުގައި ސާބިތުވެ ހުންނަވަނިކޮށެވެ.
ޕޯޗްގީޒުން ރާއްޖެ ހިފުމަށް އަންނަން މެދުވެރިވި ސަބަބަކީ، ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ހިލާލީ ދަރިކޮޅުގެ 9ވަނަ ޙަސަން ރަސްގެފާނު، ދިވެހިރާއްޖޭގެ ކޮއިލުތެރޭގައި އުފެދުނު ހަމަނުޖެހުންތަކެއްގެ ތެރޭގައި، މީލާދީން 1551ވަނަ އަހަރު އިންޑިޔާގައި ތިބި ޕޯޗްގީޒުންގެ ގާތަށް ވަޑައިގެން ނަޞާރާ ދީނަށް ވެދެވަޑައިގަންނަވައި، އޭގެ ފަހުން އަނެއްކާ ވެސް ރާއްޖޭގެ ތަޚުތު ހޯއްދެވުމަށް މަސައްކަތް ކުރެއްވުމެވެ. ޕޯޗްގީޒުންގެ ނައުފަހަރު ރާއްޖެއާ ހަނގުރާމައަށް ފޮނުއްވުމެވެ. އެބައިމީހުންނަށް ދިވެހިރާއްޖެ ހިފުނީ އެ މީހުން ހަނގުރާމައަށް އައި ތިން ވަނަ ފަހަރުއެވެ. މިފަހަރު ޕޯޗްގީޒުން އައީ ކުރީގެ ލަޝްކަރުތަކަށްވުރެ ވަރުގަދަ ލަޝްކަރަކާއި ކުރިއަށްވުރެ މޮޅު އާރުކާޓީން ގޮވައިގެންނެވެ. އާދޭހެވެ! މި ފަހަރު އެބައިމީހުންނަށް ކާމިޔާބު ލިބުނެވެ.
މާލެއާ ދެކޮޅަށް އައި ޕޯޗްގީޒުން މާލޭ ބޭރު ބަނދަރުގައި ތިބެގެން މާލެއަށް ބޮޑުބަޑިން ޙަމަލާތައް ދޭން ފެށުމުން، މާލޭން ވެސް ރައްދު ޖަވާބު ދިނެވެ. އަދި ދުޝްމިނުން މާލެ އަރަން ކުރަމުން ދިޔަ މަސައްކަތަށް ދިވެހިން ހުރަސް އަޅަމުން ގެންދިޔައެވެ.
އެ ދުވަސްވަރަކީ މާލޭގައި ހަމަނުޖެހުން ގިނަ ދުވަސްވަރެކެވެ. ޤައުމީ ރޫޙު ވަނީ ކުޑަވެފައެވެ. މި ނުރައްކައުތެރި ދަނޑިވަޅުގައި މާލޭގެ ދިފާޢުގެ މުހިންމު ތަނެއް ކަމަށްވާ ބޮޑުބުރުޒުގެ ވެރިޔަކަށް ހުރި އޭދަފުށީ ޙަސަން ވަތަބަނޑޭރި ތަކުރުފާނު ދުރުވެ ޢަލީރަސްގެފާނަށް ދެންނެވި ކަމަށް ވަނީ ދުޝްމިނުން ޖެހި ކޮންމެ އުންޑައަކަށް ބޮޑުކޯއްޓޭ ބުރުޒުން އޭނާ އުންޑައެއް ޖަހާނޭ ކަމަށެވެ. ޢަދުއްވުންގެ އުންޑައަކުން ޖެހި ޚުދު އޭނާ މަރުވެއްޖެކަން ދެނެތިބި ހަތަރު މީހުން އައިސް، ރަދުން އަރިހުގައި އެ ވާހަކަ ނުދަންނަވަނީސް އަމާން ނުދެއްވުމަށެވެ. ބަޣާވާތްކުރަން ތައްޔާރަށް ތިބި ބަޔަކު އައިސް ރަދުންނަށް ދެންނެވި ކަމުގައި ވަނީ ރަދުންގެ އަމުރުފުޅެއް ނެތި ބޮޑުކޯއްޓޭ ބުރުޒަށް ކޮންމެވެސް ބަޔަކު އަމާން ދިދަ ނަގައިފި ކަމަށެވެ. ދެން ދުޝްމިނުންގެ ބަޑީގެ ޚަބަރާ އެކީގައި ރަދުންނަށް އިވިވަޑައިގަތީ މާލޭގެ ހުޅަނގު އުތުރުކޮޅަށް ޕޯޗްގީޒުން ފޭބި ޚަބަރެވެ.
ފަތިސްވީއިރު ޕޯޗްގީޒުން އެ މީހުންގެ ބަޑިތަކާއި ސިލޭހަތައް ހިފައިގެން މާލޭގެ ހުޅަނގު އުތުރުފަރާތު އަތިރިއަށް ފައިބައިފިއެވެ. ޢަލީރަސްގެފާނު އެ މީހުންނާ ހަނގުރާމައަށް ލަސްކަރީންނާއިގެން ނުކުމެވަޑައިގަތެވެ. ރަސްގެފާނު ކަނޑިއައްޑަނަ ހިއްޕަވައިގެން ލަސްކަރީންގެ ވެރިއެއްގެ ގޮތުން ކުރީގައި ހިންގަވާ ވަޑައިގެން ޢީދު މިސްކިތާއި ހަމައަށް ވަޑައިގެންނެވުމަށްފަހު، އެނބުރިވަޑައިގެން ފަހަތް ބެއްލެވިއިރު، ބޮޑުވަޒީރާއި ޚާދިމުންކުރެ އެކަކު ނޫން އެހެން އެންމެން ފިލައިގެން ހިނގައްޖެއެވެ. ދެން ޢަލީރަސްގެފާނު އެ ދެ މީހުންނައިގެން، ދުޝްމިނުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން ކަނޑިއާއި އައްޑަނަ ހިއްޕަވައިގެން އެބައިމީހުންނާ ޙަމަލާދެއްވިއެވެ.
މާ ގިނަ އިރުތަކެއް ނުވަނީސް ޕޯޗުގީޒުންގެ ބަޑީގެ އުންޑައިން ރަސްގެފާނާއި ރަސްގެފާނުގެ އަރިހުގައި ތިއްބެވި އަނެއް ދެ ކަލުންވެސް ޝަހީދުވެއްޖެއެވެ. މި ހާދިސާ ހިނގީ ހިޖުރައިން 965ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1ވަނަ ދުވަހުއެވެ. މީލާދީން އެއީ 1558ވަނަ އަހަރުގެ މެއި މަހުގެ 19ވަނަ ދުވަހެވެ.
ދިވެހި ޤައުމަށް ނިސްބަތްވާ ޝަހީދުންގެ ފަންތީގައި އުތީމު ޢަލީތަކުރުފާނަށް ޚާއްޞަ މަޤާމެއް އަރުވަންޖެހެއެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރައްވައި ދިވެހިންގެ މިނިވަންކަން ދިވެހިންނަށް އަނބުރާ ހޯއްދަވައިދެއްވުމަށް އުތީމު ތިންބެއިން ކުރެއްވި ޖިހާދުގެ އެންމެ ހަރުދަނާ އަސާސަކީ އަދި މުޖާހިދަކީ ވެސް އުތީމު ޢަލީތަކުރުފާނެވެ.
ޢަލީތަކުރުފާނަކީ ބާރަށު ކަޅު ޙަސަން ކަލޭގެގެ ފުތް އުތީމު ކަޅު ޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ދޮށީ ދަރިކަލުންނެވެ. މަންމައަކީ މާރަންދޫ ތޭރަވާ މުދިންކަލޭގެއޭ ކިޔުނު ބޭކަލެއްގެ ދަރިކަނބަލެކެވެ. ޙުސައިން ޚަޠީބު ތަކުރުފާނާއި މާރަންދޫ ކަމަނާއަށް ފުރަތަމަ ލިބިވަޑައިގަތީ އަންހެން ބޭފުޅެކެވެ. ޢަލީތަކުރުފާނު ލިބިވަޑައިގަތީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ. މުޙައްމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނަކީ، ޢަލީތަކުރުފާނުގެ މަންމަ އަވަހާރަވުމުން، ޙުސައިން ޚަޠީބު ތަކުރުފާނު ކައިވެނިފުޅު ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ލިބިވަޑައިގެންނެވި ދެ ބޭފުޅުންނެވެ.
ޢަލީތަކުރުފާނު ބޮޑުފުޅުވީ އުތީމުގައެވެ. ވަރަށް ޒުވާން ޢުމުރުފުޅެއްގައި އޭނާއަށް މާރަންދޫ ކަތީބުކަން ލިބިވަޑައިގެންފިއެވެ. ދިރިއުޅުއްވުން އެ ރަށުގައި ހަމަޖައްސަވައި، ތަކަންދޫ މީހަކާ އޭނާ ކައިވެނިބައްލަވައިގެންނެވިއެވެ.
އެ ދުވަސްވަރު ރާއްޖޭގައި ހުރި ޕޯޗްގީޒުންގެ އެންމެ ބޮޑު ވިސްނުންތެރިޔަކީ އަދި އެ މީހުންގެ ކަންތައްތައް ރާވައި އޭގެ މުގުލުގައި ހުރި މީހަކީ މަޝްހޫރު ވިޔަޒޯރެވެ. ރާއްޖޭގައި ޕޯޗްގީޒުންގެ ބާރުހިންގައި، ނަޞާރާދީން ފެތުރުމަށް މަސައްކަތް ކުރަމުން ދިޔުމުގެ ނަތީޖާއަކަށްވީ، ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަން ވަޅުޖެހި ފުން އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްޓުމެވެ.
މި ހިސާބަށް ދިޔުމުން ޢަލީތަކުރުފާނު ދެކެވަޑައިގަތީ، ރާއްޖެ އެ އޮތް ފުން ވަޅުގަނޑުން ނަންގަވަން ޢަޒުމް ކަނޑައަޅުއްވައި މަސައްކަތް ކުރެއްވުމަކީ އެ ތިން ބެއިންގެ ވާޖިބެއް ކަމުގައެވެ. އަދި އެ ކަމާ ކުރިމަތިލެއްވުމަށް އެ ބޭފުޅުންނަށްވުރެ އެކަށީގެންވާ އެހެން ބަޔަކު ނެތް ކަމަށެވެ. މި ކަންތަކާ ކުރިމަތިލެއްވުމާމެދު، ޢަލީތަކުރުފާނު ވާހަކަފުޅުދެއްކެވީ، މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ދެ ބެންނާއެވެ. ޢަލީތަކުރުފާނު ދެކެވަޑައިގަތީ ދިވެހިރާއްޖެ ޣައިރު ދީނަށް ވާ ތަނެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިފައިވާ ތަނެވެ. އަދި އެ ތަކުރުފާނަށް ވިސްނިވަޑައިގަތީ ޕޯޗްގީޒުންގެ ވެރިކަމުން ދިވެހިރާއްޖެ މިންޖުކޮށް ދިވެހިންގެ މާތް ދީން ރާއްޖޭގައި އާލާކުރާނެ ހިތްވަރުގަދަ ބަޔަކު އެ ކަމަށް ޢަޒުމް ކަނޑައަޅައި އެ މަސައްކަތް ފަށަން ވެއްޖެ ކަމެވެ.
އުތީމު ތިން ބެއިންގެ ޖިހާދުގައި ބޭނުންފުޅުކުރެއްވި ބާރަށް ދުވާ އޮޑި، ކަޅުއޮށްފުންމި ބެންނެވުމުގެ ޚިޔާލުފުޅު ކުރެއްވީ ވެސް ޢަލީތަކުރުފާނެވެ. އުތީމު ތިން ބެއިން ކަޅުއޮށްފުންމި ބެންނެވީ ވިޔަޒޯރުގެ އެހީތެރިކަން ލިބިގެންނެވެ. ކަޅުއޮށްފުންމިއަކީ އުތީމު ތިން ބެއިން ޕޯޗްގީޒުންނާއި ދެކޮޅަށް ކުރެއްވި ވަރުގަދަ ޖިހާދުގައި ވަރަށް މުހިންމު ބައެއް އަދާކުރި އުޅަނދެކެވެ.
އޭގެ ފަހުން އުތީމު ތިން ބެއިން ފެށްޓެވި ޖިހާދުގައި ޢަލީތަކުރުފާނު ފުރިހަމައަށް ބައިވެރިވެވަޑައިގަތެވެ. މުހިންމު ހުރިހައި ކަމެއްގައި އެންމެ ހަރުދަނާ މަޝްވަރާއަކީ ޢަލީތަކުރުފާނުގެ މަޝްވަރާއެވެ. ވިޔަޒޯރު ޢަލީތަކުރުފާނާ މެދު ބުނެފައިވަނީ އޭނާއަކީ ފަހަށް ވިސްނާ ބުއްދިވެރިއެއް ކަމުގައެވެ. ޕޯޗްގީޒުންގެ ދުއްތުރާ ބޮޑުވެގެން އުތީމު ޢާއިލާ ތިލަދުންމަތި ދޫކުރައްވައި މަލިކަށް ވަޑައިގެންނެވިއިރު، ޢަލީތަކުރުފާނު ވަޑައެއް ނުގަންނަވައެވެ. އޭނާ ވަޑައިގަތީ މަލިކުގައި ކަންތައްތައް ހަމަޖެހުނީމައެވެ. އެހައި ތަނަށް ރާއްޖޭގެ ޚަބަރުތައް ފޮނުއްވައި ތިލަދުންމަތީގައި ކަންތައްތައް ހަމަޖެއްސެވުމަށް އޭނާ ހުންނެވީއެވެ. އުތީމު ޢާއިލާގެ ބޭފުޅުން މަލިކަށް ފުރާވަޑައިގަތީ 25 ޝައްވާލް 975ހ. (23 ޑިސެމްބަރ 1568މ.) ގައި ކަމަށް ބުނެވެއެވެ.
ޢާއިލާގެ ބޭފުޅުން މަލިކުގައި ބައިތިއްބަވައިގެން މި ހިތްވަރުގަދަ ބަޠަލުން ކަޅުއޮށްފުންމީގައި ކުރެއްވި ޖިހާދަކީ ހަމަގައިމު ވެސް ލާމަސީލު ޖިހާދެކެވެ. އެ ބޭފުޅުން ރޭގަނޑުގެ އަނދިރީގައި ރާއްޖޭގެ ރަށްރަށަށް އަރާވަޑައިގެން، ފެނިވަޑައިގެންނެވިހައި ތަނަކުން ކާފަރުން ޤަތުލުކުރައްވައި، ފެނާއި ކާބޯތަކެތި އޮޑިއަށް ލައްވައިގެން ފަތިސް ނުވަނީސް ފުރާވަޑައިގަންނަވަނީއެވެ. ދުވާލުދާ ހަތަރުދަމު އެ ބޭފުޅުން ތިއްބަވަނީ ދުޝްމިނުންނަށް އޮޑީގެ ރިޔާ ނުފެންނަ ހިސާބުގައި ކަނޑުމަތީގައެވެ. ރޭވުމުން، އަނެއްކައި ވެސް ރަށްރަށަށް އަރާވަޑައިގެން ކާފަރުން ޤަތުލުކުރައްވަނީއެވެ. މި ކުރެއްވި ޖިހާދުގެ ފަސްވަނަ އަހަރު (980ހ.، 1572މ.) އުތީމު ތިންބެއިން ކުރެއްވި ދަތުރެއް ހިމެނުނީ ޢަލީތަކުރުފާނު ކުރެއްވި އެންމެ ފަހު ދަތުރުފުޅު ކަމަށެވެ. އެ ބޭފުޅުންގެ ޖިހާދު ފެށްޓެވިއިރު މާތް الله ގެ ޙަޟްރަތުގައި، މި ނިކަމެތި އަޅާއަށް ޝަހީދުވުމުގެ މާތްކަން ދެއްވުން އެދިވަޑައިގެން ކުރެއްވި ދުޢާ އިޖާބަވެގެން ދިޔައީ މި ދަތުރުފުޅުގައެވެ.
އެއްރެއަކު ތަކަންދުވަށް ކަޅުއޮށްފުންމި ލަފައިފައި އެ ބޭފުޅުން ފައިބައިވަޑައިގެން އުޅުއްވަނިކޮށް، އެހެން ބޭފުޅުންނާއި ޢަލީތަކުރުފާނާއި ވަކިވެ، އޭނާގެ އަނބިކަނބަލުންގެ ގޭގައި އޮންނަވަނިކޮށް އަވަހާރަފުޅުލެއްޕެވުނީއެވެ. ދެން ފަތިސްވުމުގެ ކުރިން ކަޅުއޮށްފުންމީގެ ފަހުލަވާނުން ފުރާވަޑައިގަންނަވާއިރަށް ޢަލީތަކުރުފާނަށް ވަޑައިނުގެންނެވުމުން، އޮޑިޔާއިގެން އެ ބޭފުޅުން އަވަހަށް ފުރާވަޑައިގަންނަވަން ޖެހިވަޑައިގަތީއެވެ. ފަތިސްވެ އަލިވުމުން، ޢަލީތަކުރުފާނު އެ ގޭގައި ވަނިކޮށް، ތަކަންދޫގައި ތިބި، ޕޯޗުގީޒުންގެ މަލާބާރީ ލަޝްކަރުގެ މީހުންނާއި ދިވެހިންގެ ތެރެއިން އަމިއްލަ އެދުމަށްޓަކައި ޕޯޗުގީޒުންނަށް ޖާސޫސުކުރާ ބަޔަކަށް، އޭގެ ކުރީ ރޭ އުތީމު ފަހުލަވާނުން އެ ރަށަށް ވަޑައިގަތް ކަމާއި ޢަލީތަކުރުފާނު އަދިވެސް އެ ރަށުގައި ހުންނެވިކަން އެނގިގެން، އޭނާ ހޯދަން ފަށައިފިއެވެ. ލަސްތަކެއްނުވެ ޢަލީތަކުރުފާނު ހޯދައި ޝަހީދުކޮށްލައިފިއެވެ. އާދެ އުތީމު މުޖާހިދުންގެ ތެރެއިން އެއް ބޭފުޅެއްގެ ނަންފުޅު ޝަހީދުންގެ ލިސްޓުގައި ހިމެނުނީއެވެ.
ޢަލީތަކުރުފާނު ޝަހީދުކޮށްލީ، ޕޯޗުގީޒުންގެ ދަށުގައި ހަނގުރާމަކުރި ދެކުނު އިންޑިޔާގެ މަލާބާރީންނެވެ. ޝަހީދުކޮށްލުމަށްފަހު އެ ތަކުރުފާނުގެ އިސްތަށިފުޅު ހަށިކޮޅާއި ވަކިކޮށްލައި، އެ އިސްތަށިފުޅު ހިފައިގެން އެބައިމީހުން މާލެއަށް އައީއެވެ. އަނދިރި އަނދިރިންނަށް އެ އިސްތަށިފުޅު ވެދުންކުރުމަށެވެ.
ބުނެވޭ ގޮތުގައި، ދިވެހިންގެ ބަޔަކު އެ އިސްތަށިފުޅު ވަގަށް ނަގައިގެން ގެންގޮސް، ސިއްރުން ފުނަދޫގައި ފަސްދާނުލީއެވެ. ކޮންމެއަކަސް، މިހާރު އެ މާތް އިސްތަށިފުޅު އެ ވަނީ، އުތީމު މުޖާހިދުންނަށް އެ މީހުންގެ ހިތްތަކުގައި ނުހަނު ލޯތްބާއި އިޙްތިރާމް އުފެދިފައިވާ މަދު ދިވެހިންކޮޅެއް ފަރުވާތެރިކަމާއި ނުހަނު އިޙްތިރާމާއެކު ފަސްދާނުލީ ތަނުގައެވެ. އެ މަހާނަފުޅު ފެނުމުން އާވެގެންދަނީ އެ މަތިވެރި ޖިހާދުގެ މަންޒަރުތަކެވެ. އެ މަތިވެރި ޤުރުބާނީގެ ހަނދާންތަކެވެ.
ޝަހީދުންގެ ފަންވަތުގައި، ތިންވަނަ ބޭފުޅެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ، އަޅުގަނޑުމެންގެ ޤައުމީ ބަޠަލު އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް ކަލާފާނު (ތިންވަނަ) ސިރީސުއްދަ ސުވަރުދަ މަހާރަދުންނެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރީގެ ނަންފުޅަކީ އަލްއަމީރު އިބްރާހީމް ފާށަނާއެވެ.
އައްސުލްޠާން އިބްރާހީމް ކަލާފާނު (ތިންވަނަ) ވެސް ޝަހީދުވެވަޑައިގަތުން މެދުވެރިވީ، އެދުވަސްވަރު ދިވެހީންގެ މެދުގައި އުފެދުނު ބައިބައިވުމާއި ޚިޔާނަތާއި ނުބައި ރޭވުމުގެ ސަބަބުންނެވެ. ކަލާފާނުގެ ރަސްކަމާއި، ރަސްކަމުގެ ދުވަސްވަރުގެ ކަންތައްތަކާއި ބެހޭ ގޮތުން ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ. ކަލާފާނުގެ ރަސްކަމުގެ ދުވަސްވަރު އިންޑިޔާގެ ހޮޅީންގެ ބަޔަކު މާލެ ހިފަން އައި ޚަބަރު ލިބިވަޑައިގަތުމާއެކު، ކަންތައްތައް ކުރާނެ ގޮތާމެދު ލަފަޔާއި އިރުޝާދު ހޯއްދެވުމުން ބޮޑުންގެ ތެރެއިން އެއްބޭފުޅަކު ލަފާއެރުވީ ދުޝްމަނުންނާއި ހަނގުރާމަކުރެއްވުމަށްވުރެ ފިލައިގެން ވަޑައިގަތުން މާބުއްދިވެރިވާނެ ކަމަށެވެ. މިގޮތަށް ލަފާއެރުވީ އޭރު ފަނޑިޔާރަކަށް ހުންނެވި ފޮނަދޫ މުޙައްމަދު ފަނޑިޔާރު ކަލޭފާނެވެ. މީނާގެ ލަފާގެ މަތިން ރަދުންނާއި ބައެއް ވަޒީރުން ގުރާބެއްގައި ދަތުރުފުޅު ކުރައްވަނިކޮށް އަރިއަތޮޅު ހަންޏާމީދޫ ކައިރިން ހޮޅީންނާއި ބައްދަލުވެ ހަނގުރާމަ ފެށިއެވެ. ކަންތައްވީ، ޢަލީ ރަސްގެފާނު ޕޯޗުގީޒުންނާއި ދެކޮޅަށް ކުރެއްވި ހަނގުރާމާގައި ކަންތައްތައްވީ ގޮތަށެވެ. ރަދުންނާއި ޖަމާލުކަލޯ ފިޔަވައި އެހެން ހުރިހާ އެންމެން ގުރާބުން ފުންމާލައިގެން ފިލައިގެން ދިޔައީއެވެ. މި ފަހަރު ވެސް ކަލާފާނާއި ޖަމާލުކަލޯ ޝަހީދުކޮށް ކާމިޔާބު ލިބުނީ ކާފަރުންނަށެވެ. މިކަން ހިނގީ ހިޖުރީ ސަނަތުން 993ވަނަ އަހަރުއެވެ. އެއީ މީލާދީން 1585ވަނަ އަހަރެވެ. ބުނެވޭ ގޮތުގައި ކަލާފާނުގެ ހަށިކޮޅު ގުރާބާއެކީ އައިސް ލައްވީ ހަންޏާމީދޫއަށެވެ. ފަސްދާނު ލެވިފައި ވަނީ އެ ރަށުގައެވެ.
އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަރަންމަނި ކީރިތި މަހާރަދުން (ރަސްކަމަށް އިސްވެވަޑައިގަތުމުގެ ކުރިން މުޙައްމަދު މަނިކުފާނު) އަކީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރު (ދެވަނަ) ނުވަތަ އިބްރާހީމް ރަސްގެފާނުގެ ދަރިކަލެކެވެ. މި ރަދުންނަށް ޝަހީދު ކުޅަ ބަންޑާރައިން މިހެން ވެސް ކިޔައި އުޅެއެވެ. ޣިޔާޘުއްދީން ރަދުންގެ ރަސްކަމުގެ 7 ވަނަ އަހަރާއި 35 ވަނައަށްވީ ހުކުރު ދުވަހު ޙައްޖަށް ވަޑައިގަންނަވަމުން ރަސްކަމުގެ ކަންތައްތައް ކުރެއްވުމަށް ޙަވާލުކުރެއްވީ އެ ރަދުންގެ ދައިތާފުޅު އާމިނާ ކަނބާފާނާއި، އެ ކަމަނާގެ ފިރިކަލުން ޢަލީ ޝާހުބަންދަރު (ވެލާނާމަނިކުފާނު) އާއެވެ.
ޣިޔާޘުއްދީން ރަދުން ޙައްޖަށް ވަޑައިގަތްތާ ހަތަރުވަނައަށްވީ ދުވަހު ޢަލީ ޝާހުބަންދަރު އޭނާގެ މައްޗަށް ވެރިކަން ބަދަލުކޮށް ގަދަވެވަޑައިގަތެވެ. އަދި މީގެފަހުން ހިނގައިދިޔަ ދެބަސްވުންތަކުގައި ދޮންބަންޑާރައިންގެ އެއްބަނޑު އެއްބަފައި ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ ދަރިކަލުން މުޙައްމަދު މަނިކުފާނު، ޢަލީ ޝާހުބަންދަރު އަތުން ރަސްކަން އަތުލައްވައި އޭނާ ރަސްކަމަށް އިސްވެވަޑައިގަތެވެ. ރަސްކަމަށް އިސްވެވަޑައިގަތުމުގެ ފަހުން މުޙައްމަދު މަނިކުފާނުގެ ނަންފުޅު އައްސުލްޠާނު މުޙައްމަދު ޝަމްސުއްދީން އިސްކަންދަރު (ދެވަނަ) އަށް ބަދަލުކުރެއްވިއެވެ.
ޙައްޖު ދަތުރުފުޅު ނިންމެވުމަށްފަހު ޣިޔާޘުއްދީން ރަދުން އެނބުރިވަޑައިގެން ރާއްޖެ ވެދެވަޑައިގެންނެވީ ތިލަދުންމައްޗަށެވެ. މިހިސާބުން މާލޭގެ ޚަބަރުތައް އައްސަވައި މާލެއަށް ފުރާވަޑައިގަތެވެ. ނައު ދަށްވެގެން އެމަނިކުފާނަށް މާލެއަތޮޅަށް ވެދެވަޑައިގެންނެވުނީ ގުރައިދޫ ވިލިނގިލިވަރު ކައިރިންނެވެ. މިތާނގައި ނަވުގައި ވަޑައިގެން ހުންނަވައި، އެއިރު ހުންނެވި ރަދުންނަށް ފަތެއް ފޮނުއްވިއެވެ. މި ފަތުގައި، މާތްކަލާނގެ ކުރެއްވި ނިޔާފުޅަށް ރުހިވަޑައިގެން ހުންނެވިކަމަށާއި، ރަދުންނާއި ފާށަނާކިލެގެފާނު އަރިހުން އަމާންކަން އެދިވަޑައިގެން ހުންނެވި ކަމަށް ލިޔުއްވިއެވެ. މި ފަތް ވިދާޅުވެފައި ރަދުންނާއި ފާށަނާކިލެގެފާނު ރުހިވަޑައެއްނުގަތެވެ. ދެން އަސްކަރުންގެ ބަޔަކު ފޮނުއްވައިގެން، އެ ނަވުގައި ތިބި މަސައްކަތު މީހުންނާއި ދިވެހީން މާލެ ގެންނަވައި ރަދުންގެ އަރިސް ތިން މީހަކާ ހަނގުބޭކަލުން ދޯނިކޮޅެއްގައި ނައުދޮށަށް ފޮނުއްވިއެވެ. މި މީހުން ޣިޔާޘުއްދީން ދޯނިކޮޅަށް ލައިގެން ނަވުގައި ތިބި މީހުންނަށް ނުފެންނަ ހިސާބަށް ދުރަށް ގެންގޮސް، ގައިކޮޅުގައި ބަރޯސި ބަނދެފައި އެ މަނިކުފާނު ކަނޑުފައްތައި ޝަހީދުކޮށްލީއެވެ. މި ކަން ހިނގީ ހިޖުރައިން 1188ވަނަ އަހަރުގެ ޝަޢުބާން މަހުގެ ކުރީކޮޅުގައެވެ.
ދީނާއި ޤައުމުގެ ދިފާޢުގައި އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ބަޔަކު ހަނގުރާމަކޮށް ޝަހީދުވީ އަނެއް ދުވަހަކީ 1988 ނޮވެމްބަރު 3ވަނަ ދުވަހެވެ. މިއީ ހިތާމަވެރި ހާދިސާއެއް ހިނގި ދުވަހެކެވެ. އެހެނިހެން ފަހަރުތަކެކޭ ވެސް އެއްފަދައިން މި ފަހަރަކީ ވެސް ދިވެހީންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރިވީ ބަޔަކު ވެރިކަން ބޭނުންވެގެން، ޤައުމުގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތްކުރި ފަހަރެކެވެ. މިކަން ކުރުމަށް ޓަކައި، ވަކިވެގަންނަން މަސައްކަތްކުރާ ސިލޯނުގެ ޓެރަރިސްޓު ޖަމާޢަތެއްކަމަށްވާ ޕްލޯޓް ގެ އެހީ ވަނީ ހޯދާފައެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނައަށްވީ ބުރާސްފަތި ދުވަހުގެ ފަތިހު ދުޝްމިނުން މާލެއަށް ފައިބައި ސިފައިންގެ މައިދޮރާ ދިމާއަށް ޙަމަލާ ދޭންފެށިއެވެ. ހަމަމިއާއެކު ސިފައިންގެއިންވެސް ރައްދުގައި ވަރުގަދަ ޙަމަލާތައް ދެމުން ގެންދިޔައެވެ. މިޙަމަލާތަކުގައި ދިވެހި އެތައް ބަޔަކު ޝަހީދުވިއެވެ. ޝަހީދުވި ސިފައިންގެ ތެރޭގައި
1- ކުޑަނެތި ތުއްތު މަނިކު ހ. ވައްތީނިގެ،
2- ކުޑައާދަމްގެ ކުޑަތުއްތު މ. ކައުސްލިޕް،
3- އާދަމް ނަޞީރު ހ. ޝޭޑީ ވިލާ،
4- ޙުސައިން މުޙައްމަދު މަބުސްތާނުގެ ބ. ތުޅާދޫ މ. މަސްތަކާގެ،
5- ޙުސައިން އާދަމް މާވާގެ / ހދ. ކުޅުދުއްފުށި،
6- މުޙައްމަދު އިބްރާހީމް ބަހާރުގެ ހއ. މުޅަދޫ މ. މެކާނޯގެ،
7- މުޙައްމަދު ޙަސަން ރަބީޢުގެ ތ. ދިޔަމިނގިލި މއ. ޗާންދަނީފްލާވާރ،
8- ޢަބްދު ޒުހައިރު ޝަރީފާމަންޒިލް ގދ. ތިނަދޫ ހ. މާބަނޑޭރިއާގެ، މި 8 މީހުން ހިމެނެއެވެ.
(ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް / 3 ނޮވެމްބަރު 1991)
ނޮވެމްބަރު ތިނެއްގެ ނުރައްކާތެރި ޙަމަލާތަކުގެ ޝިކާރައަކަށް ދިވެހިރައްޔިތުން ވިޔަނުދެއްވާ އެބައިމީހުން ސަލާމަތްކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑަށް ވިސްނަވައި ބޭރުގެ އެހީ ހޯއްދެވިއެވެ. އެހީ ހޯއްދެވީ އިންޑިޔާ ސަރުކާރުންނެވެ.
ޝަހީދުންގެ ދުވަހުގެ ނަމުގައި ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި ހިތްވަރުގަދަ ދިވެހި ބަޠަލުންގެ ހަނދާން އައުކޮށް، އެ ބަޠަލުން ދީނާއި ޤައުމަށް ޓަކައި ކޮށްދެއްވި އަގުނުކުރެވޭފަދަ ބޮޑު ޚިދުމަތްތަކުން ޢިބުރަތް ލިބިގަތުމެވެ. މާތް ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވި ބަޠަލުންނަކީ އަޅުގަނޑުމެންގެ ދިވެހި ހިތްތަކުގައި ދާއިމަށް ދިރިތިބޭ ބައަކަށް ހެދުމެވެ.
ޒަމާން ބަދަލުވެ ކަންކަން ބަދަލުވެ ދުނިޔެ ތަރައްޤީވާވަރަކަށް ގައުމުތަކަށް ދިމާވާ ކަންކަން ވެސް ބަދަލުވެދެއެވެ. އުފެދޭ ގޮންޖެހުންތައް ވެސް ތަފާތެވެ. އަޅުގަނޑުމެން ޝަހީދުންގެ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރަމުން ދާއިރު އަޅުގަނޑުމެންގެ ހިތްމައްޗަށް ގެންނާންވީ މި ކަންކަމެވެ. ޢިބުރަތް ހޯދަންވީ މި ފަދަ ހާދިސާތަކުންނެވެ. އަދި ވިސްނާ ފިކުރުކުރަންވީ މިހާރު އަހަރެމެންނަށް ތިބެވުނު ހާލާމެދުގައެވެ. ދިވެހީންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ ރީތި ސިފަ މުޅިން ފުހެވިދަނީއެވެ. ދިމާކުރުމާއި ހަޑިހުތުރު އެއްޗެހި ކިޔުމާއި މާރާމާރީއާއި މީހުން މެރުންފަދަ ކަންތައްތައް އިތުރުވަމުން ދަނީއެވެ. އެކަކު އަނެކަކަށް ކުރަމުން އައި އިޙްތިރާމް ކުރުން ނެތި ދިވެހީންގެ ރީތި އާދަކާދަތައް ގެއްލިދަނީއެވެ. ޑްރަގް ބޭނުން ކުރުމާއި އެތެރެކުރުމާއި، ޑްރަގްގެ ވިޔަފާރި އިތުރުވެ ކުރިފަޅަމުން ދަނީއެވެ. އެހެންކަމުން ޤައުމުގައި މިހާރު ހިނގަމުން މިދާ ކަންކަމާއި، ވިސްނުމަށް އަންނަމުން މިދާ ބަދަލުތައް، މިހިރީ ޚިޔާލުކުރަން ވެއްޖެ ކަންކަމެވެ. މަތިވެރި އަޚްލާޤީ ބިންގަލެއްގެ މަތީގައި ދިރިއުޅުން ބިނާކުރަމުން އައި ދިވެހިންގެ ސުލޫކީ މިންގަނޑު މިހާރު ބަދަލުވަމުން މިދާ ގޮތަށް ދާނަމަ ޤައުމީ މަސްލަހަތަށް އަރާފާނެ ބުރުލަކާ މެދު ވިސްނަން މިހާރު ވެސް ލަސްވެއްޖެއެވެ. މުޖުތަމަޢުގައި އޮންނަންވި އެކުވެރިކަމާއި ގާތްކަން ނެތެމުން އާޢިލާތަކާއި ޖަމާޢަތްތައް ބައިބައިވަމުން މިދާ ދިއުމަކީ ކުރިމަގަށް އޮތް ނުރައްކަލެއް ކަމުގައި ވިސްނައި ފިޔަވަޅު އަޅަންވެއްޖެއެވެ. ފަރުދުންގެ ފެންވަރުގައެވެ. އާޢިލާގެ ފެންވަރުގައެވެ. އަދި ޖަމާޢަތްތަކުގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައެވެ. ނޫންނަމަ މި ބިމުން ކޯދުލައި އަރަން ފަށާނީ މީރު ފެން އާރުތަކެއް ނޫނެވެ.
އަޅުގަނޑުމެން އެދެންވީ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުންދެއްވައި ހެޔޮ ރަޙުމަތްލެއްވުމަށެވެ. ދިވެހި ޤައުމަށް ބާއްޖަވެރި ކުރިއެރުމާއި ފާގަތި މުސްތަޤްބަލެއް ދެއްވުމަށެވެ. އިސްލާމްދީނާއި ދިވެހި ޤައުމަށް ޓަކައި ޖިހާދުކުރެއްވި އަބުޠާލުންނަށް ހެޔޮ ރަޙުމަތްލެއްވުމެވެ.