އެމެރިކާގެ ކުރީގެ ރައީސް ޑޮނަލޑް ޓްރަމްޕަކީ ތެދުގެ މައްޗަށް އެއްވެސް ބުރަވެވަޑައިގަތުމެއްނުވާ ބޭފުޅެއްކަމުގައި ތުހުމަތު ކުރެވެމުންދިޔަ ރައީސެކެވެ. ތެދު އެއީ ޓްރަމްޕު ޤަބޫލުފުޅުކުރައްވާ އެއްޗެއް ނޫންކަމަށްވެސް ބައެއް މީހުން ބުނެއުޅުނެވެ. އެހެންވިޔަސް ޓްރަމްޕުގެ ކުރީން އެމެރިކާގައި ވެރިކަންކުރެއްވި ބައެއް ބޭބޭފުޅުން އިތުރުފުޅު ހެއްދެވުމާއި ދޯހަޅި ކަންކަން އަންތަރީހުން ގޮސް ބިރުވެރިކަމުގެ އިންތިހާއަށް ގޮސްފައިވެއެވެ. އެހެންވީމާ ޓްރަމްޕާއި އެބޭބޭފުޅުން އަޅައި ކިޔާނީ ކިހިނެއްހެއްޔެވެ؟

ޢިރާޤުގެ ރައީސްކަމުގައި އޭރު ހުންނެވި ޞައްދާމް ޙުސައިން 1990 ވަނަ އަހަރު ކުވޭތުގެ ވެރިކަމުގެ މައްޗަށް ގަދަބާރު ހިންގެވުމާއި ގުޅިގެން އެއިރު އެމެރިކާގެ ރައީސަކަށް ހުންނެވި ޖޯޖް ޑަބްލިޔު ބުޝް ކޯފާވެގެން ހަޅޭއްފުޅު ލައްވަވައިގަތީ މިގޮތަކަށް މިކަމެއް ނުވެވޭނެ ކަމަށް ވިދާޅުވަމުންނެވެ. އެދަނޑިވަޅުގައި އެމެރިކާގެ ފައުޖުތައް ގަލްފުގެ ތެރެއަށް ރޫޅައިލެއްވުމާއި އެކު ޢަސްކަރީ ފަިޔަވަޅު އެޅުމަށް ބުޝް ނިންމެވި ނިންމެވުމާއިމެދު އެމެރިކާގެ ޢާންމު ރައްޔިތުންގެ ބަރޯސާއާއި އިތުބާރުކަން ކުޑަވެގެންދިޔައެވެ.

އެދުވަސްވަރު ކުވޭތު ސަރުކާރު ފިލައިތިބެ އެމެރިކާގެ ޕަބްލިކް ރިލޭޝަން ކުންފުޏްޏެއްގެ އެހީހޯދިއެވެ. އެއީ ހިލް އެންޑް ނޯލްޓަން ނަމަކަށްކިޔާ ކުންފުންޏެކެވެ. މި ކުންފުންޏަކީ ބުޝްގެ ކުރީގެ ޗީފް އޮފް ސްޓާފް ވޮޝިންގޓަން ޑީސީގައި ހިންގަވާ އޮފީހެކެވެ.

މި ކުންފުނިން ހެކިތަކެއް ނެރުމުގެ ސައްލާކޮށް ރޭވުންތަކެއް ރޭވިއެވެ. އެ ރޭވުމުގައި ނެރުނީ ޢުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. ނައިރާ ނަމަކަށްކިޔާ މިކުއްޖާ ކަރުނައިންފޯވެ ގިސްލަމުން ޝަކުވާކުރިއެވެ. އެމެރިކާގެ ކޮންގްރެސްގައި އޮކްޓޫބަރު މަހު މިކުއްޖާ ކުރި ޝަކުވާގައި ބުނެފައިވަނީ ޢިރާޤު ސިފައިން ކުވޭތުގެ ހޮސްޕިޓަލަކަށްވަދެ ތުއްތު ކުދީންތައް އިންކިއުބޭޓަރުތަކުން ނަގައި އެކުދީން މަރުވުމަށް ތަޅުން މަައްޗަށް އުކައިލި ކަމުގައެވެ. ރިޕޯރޓަރުންނަށްވެސް ކަށަވަރުކޮށްދިނީއެވެ. އެހެން ނަމަވެސް ޢިރާޤާއި ދެކޮޅަށް ތެދުވާނެ ބާރެއް އުފެއްދުން ނޫން އެހެން ކަމެއް އެކުއްޖާ ލައްވައި ނުކުރުވައެވެ.

ޢިރާޤަށް އެމެރިކާ ސިފައިން އަރައިގަނެ ކުވޭތުން ޢިރާޤު ސިފައިން ބޭލިފަހުން އެނގުނީ އެކުއްޖާއަކީ އެމެރިކާގައި ހުންނަވާ ކުވޭތުގެ އެމްބެސެޑަރުގެ އަންހެން ދަރިފުޅު ކަމެވެ. އަދި އެކުއްޖާގެ ޝަކުވާއަކީ އެއްވެސް ޙަޤީޤަތެއް ހުރި ބިންގަލެއް ނޫންކަމަށް ޖޯން މެކާތަރ އޭނާގެ ފޮތުގައި ލިޔުއްވައިފައި ވެއެވެ. އަދި އެއީ 1991 ވަނަ އަހަރު ހިންގި ގަލްފް ހަނގުރާމައިގެ ޕްރޮޕެގެންޑާއެއް ކަމުގައެވެ.

އެމެރިކާގެ އޭރުގެ ރައީސް ޖޯޖް ބުޝް، ހަދަހަދައިގެން ދެއްކި މިވާހަކަ ތަކުރާރު ކުރައްވައިފައިވަނީ ހަނގުރާމައަށް މަގުފަހި ކުރެއްވުމަށެވެ.

ސަޢޫދީ ޢަރަބިއްޔާގައި ހުންނަވައި އެމެރިކާ ސިފައިންނަށް ދެއްވި ތަޤުރީރެއްގައި ބުޝް ވިދާޅުވީ ތުއްތުކުދީން އިންކިއުބޭޓަރުތަކުން ނަގައި ދަރުހިއްކަން މަގުމައްޗަށް އަޅައިލާހެން ތަޅުންގަނޑު މައްޗަށް އުކައިލާ މަރުވާން ދޫކޮށްލި ކަމުގައެވެ. މެކާތަރ ލިޔުއްވައިފައިވާ ގޮތުގައި ބުޝްގެ މި ހޮޅި ވާހަކައަކީ އެމެރިކާގެ ރައްޔިތުންވެސް ޢިރާޤާއި ދެކޮޅަށް ޢަސްކަރީ ފިޔަވަޅުއެޅުމަށް ގޮވައިލި ގޮވައިލުމަށް ބާރު އަޅައިދިން ކަމެއް ކަމުގައެވެ.

ހަނގުރާމައަށް ދިއުމަށްޓަކައި 1991 ވަނަ އަހަރުގެ ޖެނުއަރީމަހު ބުޝް ހުށަހެޅުއްވި ހަނގުރާމައިގެ ޤަރާރު ސެނޭޓުގައި ފާސްވީ ކިރިޔަކިރިޔާއެވެ. މެކާތަރ ލިޔުއްވައިފައިވާ ގޮތުގައި ހަނގުރާމައަށް ދިއުމުގެ ޙުއްޖަތެއްގެ ގޮތުގައި އިންކިއުބޭޓަރުގެ ވާހަކަ 6 ސެނޭޓަރުން ދައްކަވައިފައިވެއެވެ.

އޭގެ ކުޑަ ދުވަސްކޮޅެއްފަހުން އޮޕަރޭޝަން ޑެޒަރޓް ސްޓޯމް ފެށުނެވެ.

ބުޝްއާއި ޑިކް ޗޭނީ 1991 ވަނައަހަރު

އިންކިއުބޭޓަރުގެ މި ބޮޑު ދޮގު ޙަޤީޤަތުގައި ފެނިގެންދިޔައީ އެކޮޅުކޮޅުންނެވެ. ގަލްފުގެ ފުރަތަމަ ހަނގުރާމައިގެ ތެރޭގައި ޙަޤީޤަތުގައިވެސް ތުއްތު ކުދީން އިންކިއުބޭޓަރުތަކުން ނަގައި މަރައިލިއެވެ. ނަމަވެސް އެކަން ހިނގީ ހަމައެކަނި އެމެރިކާ އިސްވެ އޮތް ލަޝްކަރުންދިން ވައިގެ ޙަމަލާތަކުގައެވެ.

ޢިރާޤަށް ބޮންއެޅި ފުރަތަމަރޭ ގޮވުންތަކާއި އެކު ބަޣުދާދުން ކަރަންޓުދިޔައެވެ. މި ބިރުވެރިކަމުގެ ތެރޭގައި ބަޣުދާދުގެ ކުޑަކުދީންގެ ހޮސްޕިޓަލުގައި ސިހިސހި ތިބި މައިން އެމީހުންގެ ދަރީންތައް އިންކިއުބޭޓަރުތަކުން ނަގައިގެން ރައްކާތެރި ތަނަކަށް ގެންދިޔައެވެ. އެތަނަކީ ފިނި ގަދަ ބިންގަރާހެކެވެ. ނިއުޔޯރކް ޓައިމްސްއިން ރިޕޯރޓުކޮށްފައިވާ ގޮތުގައި އެތާނގައި ތުއްތު 40 ކުދީން މަރުވިއެވެ. މިއީ ޢިރާޤަށް ދިން ވައިގެ ޙަމަލާގައި މަރުވި މަދަނީންގެ ތެރެއިން ބައެކެވެ. 42 ދުވަސް ވަންދެންދިން މިޙަމަލާގައި އެތައްހާސް މަދަނީންނެއް ފަނާވެގެންދިޔައެވެ.

ބުޝް ތަކުރާރު ކުރައްވައި ދެއްކެވި އިންކިއުބޭޓަރުގެ ވާހަކައަކީ ދޮގެއްކަން ބުޝްއަށް އެނގިވަޑައިގަތްކަން ހާމަކުރެވިފައެއް ނުވެއެވެ. ޢާންމު ގޮތެއްގައި ވައިޓްހައުސްއިން ކުރާކަމަކީ ރައީސަކު ދައްކަވާ ވާހަކަފުޅު ތެދުކުރުމެވެ. ޚާއްޞަކޮށް މިފަދަ ބިރުވެރި ވާހަކަތަކެވެ.

ހަނގުރާމަ ނިމުމާހިސާބުން މެނުވީ އެމެރިކާގެ ނޫސްވެރީންނަށް ނައިރާގެ ވާހަކައިގެ ދޮގުތެދު ހާމަކުރެވޭވަރެއް ނުވިއެވެ. އަދި ފުށުއަރާ މިވާހަކަ ވަނީ ބުޝްގެ ޙަޔާތާއިމެދު ލިޔުނު ފޮތުގައި އުނިކޮށްފައެވެ. އަދި ބުޝް އަވަހާރަވި ފަހުން އޭނާގެ ރިޔާސީ ދައުރުގެ މަތި އޮމާންކުރާ ރިޕޯރޓުތަކުންވެސް އެވާހަކަ ވަނީ އުނިކޮށްފައެވެ.

ރައީސުންގެ ތެދުވެރިކަމެއްނެތް ޚިޔާނާތްތެރިކަމުގެ ހެކިތައް އަޅައިކިއުމުގެ ވާހަކަތައް މީޑިއާތަކުން އެންމެ ބޮޑަށް ދެކީ ޓްރަމްޕުގެ ވެރިކަމުގައެވެ. ވޮޝިންގޓަން ޕޯސްޓުގެ ޢަރުޝީފުގައި ޓްރަމްޕުގެ 30 ހާހަށްވުރެ ގިނަ ބަޔާން އެބަހުރިކަމަށް އެމީހުން ބުނެއެވެ. މިހުރިހާ ބަޔާނަކީވެސް ދޮގާއި މަގު އޮޅުވައިލާ ވާހަކަތައް ކަމަށް ބުނެއެވެ.

ޗާޕުކުރެވިގެން ނެރެވުނު ނޫސްތަކުގައި ހުރި ބައެއް ވާހަކަތަކަށް ބަލާއިރު އެމެރިކާގެ އިޤުތިޞާދު އެންމެ ރަނގަޅުވެގެންދިޔައީ ޓްރަމްޕުގެ ވެރިކަމުގައެވެ. ނުވަތަ އެމެރިކާގައި ޓެކްސް ދައްކާމީހުންގެ އަތުން ނެގޭ މިންވަރު ކުޑަކޮށް އެހެނިހެން ގޮތްގޮތުން ޤައުމުގެ އާމްދަނީ އިތުރުކުރެއްވި ކަމުގައެވެ. ނުވަތަ ޗައިނާއަށް ދަރައިފައި އޮތް މިންވަރު ކުޑަކުރެއްވިއެވެ. މިޔާއި އެކު ޓްރަމްޕު ހޯއްދެވި މިންވަރު އެތައް ގުނައަކަށް އެރިކަމަށް ވެއެވެ.

މިބާވަތުގެ ގިނަ ވާހަކަތަކާއި ބަހަނާތައް، މިސާލަކަށް ޓްރަމްޕު ގޮލްފް ކުޅުއްވުމާއި އޭނާގެ މުއްސަނދިކަން ނުވަތަ އޭނާ ވަޑައިގަތް އެއްވުމެއްގައި ސްނޯ ފޭބި ވާހަކަފަދަ ވާހަކަތަކަކީ މުހިންމުކަން ދީފައިވާ ވާހަކަތަކަކަށް ނުވެއެވެ. އަދި އަސާސްތަކެއްގެ މައްޗަށް ރައްޔިތުންގެ ސަމާލުކަމެއް ދީފައިނުވާ ކަންކަމެވެ. ނަމަވެސް އެވާހަކަތައްވެސް އަޑުފަށް ކިޔަމުން ދިޔައެވެ.

ލިންޑަން ބީ ޖޯންސަން

އެހެން ނަމަވެސް އެހެން ބައެއް ވާހަކަތަކަށް ބަލާއިރު ކޮރޯނާވައިރަހުގެ ނުރައްކަލާއިމެދު އެމެރިކާ ރައްޔިތުން ވާވައްދަވަން އުޅުއްވުމާއި ހެކި ދެއްކިފައިނުވާ 2020 ވަނަ އަހަރުގެ އިންތިޚާބު އޮޅުވައިލިކަމަށް ވިދާޅުވިފަދަ ވާހަކަފުޅުތައް ވެގެންދިޔައީ ކަންބޮޑުވުމާއި ގެއްލުންތަކެއްދިން ސަބަބަކަށެވެ. ދި އެމެރިކަން ލައި: ރައްޔިތުންގެ ސަރުކާރާއި އެހެނިހެން ސިޔާސީ ވިގަނިތައް ފޮތް ލިޔުއްވި ބެންޖަމިން ޖިންސްބާރގް ވިދާޅުވެފައިވަނީ ރައީސުން ދޮގުވެރިކަމާއި ހިސާބަށް އަންނައިރު އެއްވާހަކައަކުން ކުރާ ނޭއްގާނި އަސަރު އަނެއް ވާހަކައަށްވުރެ ބޮޑެވެ.

އޭނާ ވިދާޅުވީ ޙަޤީޤަތް ފޮރުވައިގެން ބޮޑު ބުޝްގެ ދަރިކަލުން ޖޯރޖް ޑަބްލިޔު ބުޝް އެމެރިކާގެ ރައްޔިތުންނަށް މަގު އޮޅުވައިލެއްވީ ޢިރާޤު ހަނގުރާމައަށެވެ.

މީގެ ތެރޭގައި ޢިރާޤުގެ ރައީސް ޞައްދާމް ޙުސައިންގެ އަތްޕުޅުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށާ އެހެންވީމާ ނިއުކުލިއަރ ހަތިޔާރުވެސް ނުހުރެ ނުދާނެ ކަމަށްވިދާޅުވެ އަނެއް ވާހަކައަށް ބާރު ދެއްވުންފަދަ ކަންކަން ހިމެނެއެވެ. އަދި ޢިރާޤަކީ އަލްޤާއިދާގެ ބައިވެރިއެއް ކަމަށް ދެއްކެވުންވެސް ހިމެނެއެވެ. މި ވާހަކަތަކަކީ ޖާސޫސީ ހެކިތަކެއްވެސް ނެތް ވާހަކަތަކެކެވެ.

ޕްރޮފެސަރ ޖިންސްބާރގް ވިދާޅުވީ މިބާވަތުގެ ބޮޑުތި ދޮގުތަކަކުން މަގުފަހިކުރާ ޢަސްކަރީ ފިޔަވަޅުތަކަކީ އެންމެ ގެއްލުންހުރި ކަންތަކެވެ. ނަމަވެސް މި ސިފަތަކަށް ބަލާއިރު ޓްރަމްޕުގެ ކުރީގެ ރައީސުން ފަދައިން އޭނާއަށް ތުހުމަތުކުރާނެ ޖާގައެއް ނެތެވެ.

ޖޯންސް ހޮޕްކިންސް ޔުނިވަރސިޓީގެ ޕޮލިޓިކަލް ސައިންސް ލެކްޗަރަރ ވިދާޅުވީ މައްސަލައަކީ އެމެރިކާގައި ރައީސުން ޚިޔާރުކުރުމުގެ އިޖުރާޢަތު އޮންނަނީ އަސާސީ ބިންގަލުގެ މަތީގައި ރެނދު އަޅުވައިލައިފައެވެ. އެހެންވީމާ އުފެދެނީ ފުރޭތަތަކެއް ކަމުގައެވެ.

މި ކަމަށް އެތައް އަހަރެއްގެ ކެމްޕޭން ބޭނުންވެއެވެ. އަދި ނެތް މިންވަރަށްވުރެ ޝަޚުޞިއްޔަތު ބޮޑުކަމަށް ދެއްކުމާއި މޮޅުކަން ދައްކާ އަދި އަމިއްލަ އެދުމާއި ތިމާނޫން އެހެން މީހަކު ނެތް ވަރަށް ދައްކާ މީހަކުނޫނީ އެފަދަ ކަމަކާ ކުރިމަތިވެސް ނުލާކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ޒަމާނެއްގައި ކުޑަކުދީން ފަދައިން ދައްކާ ކޮންމެ ވާހަކައަކަށް އިތުބާރުކުރާ ގޮތަށް އެމެރިކާގެ ކޮމާންޑަރ އިން ޗީފަށް ރައްޔިތުން އިތުބާރު ކުރިއެވެ. އަދި އެމީހުންނަށްވުރެ ސާހިބުކަން ބޮޑު ބައެއް ރައްޔިތުންނަކަށް ނޯވެއެވެ. ނަމަވެސް އެކަން ބަދަލުވީ ކިހާ ހިސާބަކުން ހެއްޔެވެ؟

ތާރީޚު ލިޔުއްވާ ގިނަ ބޭފުޅުން މި ގެއްލުންތައް ފެށުނު ހިސާބު ލިންޑަން ބެއިންސް ޖޯންސަންއާއި ހިސާބަށް ގެންދަވައެވެ. ނަމަވެސް އޭނާއަކީ ރައްޔިތުންނަށް އޮޅުވައިލެއްވި ފުރަތަމަ ރައީސެއް ނޫނެވެ.

ޖޯން އެފް ކެނެޑީގެ ބޭބޭފުޅު އެއްފަހަރަކު ވިދާޅުވީ ޖޯންސަން ވަނީ ހުރިހާކަމާއިމެދު އިތުރުފުުޅު ހައްދަވަމުން ގެންދަވައިފައެވެ. އަދި އިތުރުފުޅު ހައްދަވަން ނުޖެހޭ ތަންތާނގައިވެސް އިތުރުފުޅު ހައްދަވައިފައިވާ ކަމުގައި ވިދާޅުވިއެވެ.

ޖޯންސަންގެ އިތުރުފުޅު ހެއްދެވުން ފެނުނީ ވިއެޓްނާމް ހަނގުރާމައިންނެވެ. އެއީ ޓޮންކިން ގަލްފުގެ ތެރޭގައި ނުހިނގާ ހަނގުރާމައެއްގެ ވާހަކަ ވިދާޅުވެގެންނެވެ. އެއީ 1964 ގެ އޯގަސްޓުމަހު ގަލްފުގެ ތެރޭގައި ކަނޑުމަތީގެ ޙަމަލާތަކެއް ދެއްވިކަމަށް ވިދާޅުވެގެންނެވެ. ނަމަވެސް ނުހިންގާ މި ޙަމަލާގެ ވާހަކަ ވަނީ ވިއެޓްނާމް ހަނގުރާމަ ހޫނުވެގެންދިޔަ ކަމަކަށެވެ.

ނަމަވެސް އޭގެ ދެމަސްފަހުން ވޯޓު ހޯއްދެވުމަށްޓަކައި އޮހައިއޯގެ އެކްރަންގައި ވާހަކަ ދައްކަވަމުން ނުވައެއް ނުވަތަ 10 ހާސް މޭލު ދުރުގައި ހަނގުރާމަކުރުމަށް އެމެރިކާގެ ރައްޔިތުން ނުފޮނުއްވަވާނެކަމަށް ޖޯންސަން ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގަތުމާއިއެކު ސިއްރު ސިއްރުން އެމެރިކާގެ ފުރަތަމަ ފައުޖު ހަނގުރާމައިގެ މައިދާނުގައިވާ ޖަންގަލިތަކާއި ހަނޑޫ ދަނޑުތަކަށް ފޮނުއްވިއެވެ. އަދި އެންމެފަހުން ބައި މިލިއަނެއްހާ ސިފައިން ވިއެޓްނާމް ހަނގުރާމައަށް ފޮނުއްވެވިއެވެ.

ޖޯންސަން، އޭނާގެ ގަޑުބަޑުވި ޚާރިޖީ ސިޔާސަތުގެ މައްޗަށް ފަރުދާއެއް ލެއްވުމާއި ގުޅިގެން އޭނާގެ ސިޔާސީ ޙަޔާތް އިތުރަށް ގޯސްވެގެން ދިޔައެވެ. އަދި އެކަމުގެ ސަބަބުން ނޫސްވެރީން އޭނާގެ ސަރުކާރުގެ ނުރަނގަޅު ސިފަތަށް ނެރެންފެށިއެވެ. ޚާއްޞަކޮށް އިތުބާރާއި ތެދުވެރިކަމެއްނެތް ސިފަތަކުގެ ތަފާތެވެ.

ނިކްސަން

އޭނާގެ ފަހަތުން ދެން ވަޑައިގަތް ރިޗަރޑް ނިކްސަން އެމެރިކާގެ ރައީސް ކަމަށް ވަޑައިގަތުމަށްޓަކައި ވެވަޑައިގަންނަވަމުންދިޔަ ވަޢުދުތަކަކީވެސް ރައްޔިތުންގެ އިތުބާރު ގެއްލިގެންދިޔަ ކަމެކެވެ. ނިކްސަން ރައީސް އޮފީހަށް ވަޑައިގަތުމަށްޓަކައި ވަޢުދުވެ ވަޑައިގަތީ ވިއެޓްނާމްގައި އެމެރިކާއިން ހިންގަމުންދިޔަ ޤަތުލު ޢާންމުތައް ތެދުވެރިކަމާއި އެކު ނިމުމަކަށް ގެންނަވާނެ ކަމުގައެވެ. ނަމަވެސް ސިއްރިޔާތުގައި ގެންދެވީ އެ ހަމަނުޖެހުން އިތުރަށް ފުޅާކޮށް ހޫނު ކުރައްވަމުންނެވެ. އޭރު އެ ސަރަޙައްދުގައި ވަކި ފަރާތަކަށްނުޖެހި އޮތް ކެމްބޯޑިއާ ހަނގުރާމައިގެ ތެރެއަށް ވައްދަމުންނެވެ.

ހަމައެހެންމެ ރައްޔިތުންނަށް އޮޅުވައިލެއްވި ވޯޓަރގޭޓްގެ މައްސަލަވެސް ދިޔައީ އެފަދައިންނެވެ. ނިކްސަންގެ ވާދަވެރި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ފޯން ކޯލުތައް އަޑުއެހުމާއި އެމީހުންގެ ސިޔާސީ ހަރަކާތްތައް ބަނގުރޫޓު ކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. މިކަމުގެ ސަބަބުން ނިކްސަންގެ ރިޔާސީ ޙަޔާތް މުޅީން ފުނޑުފުނޑުވިއެވެ.

އެމެރިކާގައި އެއްދުވަސްވަރެއްގައި ކިޔަވައިދިން އެކައްޗަކީ އޭގެ ޢިބްރަތުގެ މައްޗަށް ބިނާކޮށް ނިކްސަންގެ އަމާނާތްތެރިކަމުގެ ވާހަކައިން ތެދު ބުނާށެވެ. ނަމަވެސް ނިކްސަންގެ މި ތެދުވެރިކަމުގެ ވާހަކައަކީ ޙަޤީޤަތެއް ނޫނެވެ.

މި ގޮތަށް ހުރި ވާހަކަތަކުން އެއްވާހަކައަކީ ޖޯރޖް ވޮޝިނގްޓަން ޅަޢުމުރުގައި އޭނާގެ ބައްޕަގެ އަރިއަހުގައި ހެއްދެވި އިތުރުފުޅެވެ. އެގޮތުން ޖޯޖް ވޮޝިންގޓަން އޭނާ ގެންގުޅުއްވި ކޯރާޑިއަކުން ގޭގައި ހުރި ޗެރީގަހެއް ކަނޑުއްވައިލުމަށްފަހު ވިދާޅުވީ ބާއްޕާއޭ، އަޅުގަނޑަކަށް ދޮގެއް ނުބުނެވޭނެ ކަމުގައެވެ.

މިއީ ޖޯރޖް ވޮޝިންގޓަންގެ ޙަޔާތާއިބެހޭ ގޮތުން ލިޔުނު ފޮތުގައި އީޖާދު ކުރެވިފައިވާ ވާހަކައެކެވެ.

ޤައުމުގެ ބައްޕައެއްގެ ދަރަޖައިގައި ހުންނެވި މިފަދަ ބޭފުޅަކު މި ބާވަތުގެ ބޭކާރު އެއްވެސް އުރަތްޕެއްނެތް ދޮގުތަކުން ބަރީއަވެގެނެއް ނުވެއެވެ.

1788 ވަނަ އަހަރު ޖޯރޖް ވޮޝިންގޓަންވަނީ އޭނާގެ ޙަޔާތުގެ މައްޗަށް އަލުން ލިޔުއްވުމަށް މަސައްކަތް ކުރައްވައިފައެވެ. އޭގައި ބަޔާންކުރައްވައިފައިވާ ގޮތުގައި ޔޯރކްޓައުންގެ މައްޗަށް އިނގިރޭސީން ހޯދި ކާމިޔާބުގެ ފަހަތުގައިވާ ވިސްނުންތެރިއަކީ އޭނާކަމުގައެވެ. ނަމަވެސް އެއީ އިންޤިލާބީ ހަނގުރާމައިގެ 7 އަހަރު ކުރިއެވެ. ނަމަވެސް ވާރޖީނިއާގައި ހިނގި މި ހަނގުރާމައިގެ އަޞްލު މޭސްތިރީންނަށްވީ އިނގިރޭސީންގެ ބައިވެރި ފަރަންސޭސި ވިލާތެވެ.

އެމެރިކާގެ އެންމެ ފުރަތަމަ ކޮމާންޑަރ އިން ޗީފްގެ ޙަޔާތާއި ގުޅޭގޮތުން ރޮން ޗާރނޯ 2010 ވަނަ އަހަރު ލިޔުއްވި ފޮތުގައި ފާހަގަ ކުރައްވައިފައިވާ ގޮތުގައި ވޮޝިންގޓަން ބޯހަރުކަމާއި އެކު ވަކާލާތު ކުރައްވަމުން ގެންދެވީ ނިއު ޔޯރކަށް ޙަމަލާ ދެއްވުމަށެވެ.

މިއީ ރައީސެއްގެ ޞޫރައިގާ ހުންނަވައި ނުބައި ކަމެއް ކުރުމުގެ އެއްސިފަ ކަމަށްވެސް ބެލެވިދާނެއެވެ.

މިފަދަ ބައެއް ވާހަކަތަކުގެ ތެރޭގައި ވައިޓްހައުސްގެ ބައެއް ބޭފުޅުން ހައްދަވައިފައިވާ ދޮގުތައްވެސް އެހާ ދޯހަޅިއެވެ.

ދުނިޔެއިން އާ މަޢުލޫމާތުތަށް ހޯދުމުގައި އުޅުނު ޔޫރަޕުގެ ތިމާވެށީގެ ތަޖުރިބާކާރަކު ބޯދާ މީހަކަށް ހައްދަވައި ތޮމަސް ޖެފަސަންވަނީ ކެހެރި ދިގު ބިލާދަރު ޖަނަވާރަކީ އެމެރިކާގައި އުޅުނު ޖަނަވާރުތަކެއް ކަމުގައެވެ. އެއީ މިޒަމާނުގެ ތާރީޚުގެ ތެރެއަށް އެމެރިކާ ވަނުމުގެ ކުރީންނެވެ.

ހަމަ މިގޮތަށް އެމެރިކާގެ ރައީސް ރޮނަލްޑް ރޭގަންއަކީވެސް އިތުރުފުޅު ހެއްދެވުމުގައި އަރައިވަޑައިގެން ހުންނެވި ބޭފުޅެކެވެ. އެގޮތުން 1983 ވަނަ އަހަރު އޭނާ ވިދާޅުވެފައިވަނީ އެމެރިކާގެ ސިފައިންގެ ޖާސޫސީ ބައިގާ ފޮޓޯ ނަންގަވާ ބޭފުޅަކަށް އުޅުއްވިއިރު ނާޒީން މީހުން މރަމުންދިޔަ މަރުކަޒުތައް ވީޑިއޯ ކުރެއްވި ކަމުގައެވެ. މިވާހަކަ އޭނާ ވިދާޅުވީ އިޒުރޭލުގެ އޭރުގެ ބޮޑުވަޒީރު ޔިޒަކް ޝަމީރުގެ އަރިއަހުގައި ވައިޓް ހައުސްގައެވެ. ނަމަވެސް ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ރޭގަން އެމެރިކާއިން ބޭރަށް ވަޑައިގެންފައެއް ނުވެއެވެ. އެހެނެއްކަމަކު ވަރަށް މަދު މީހަކު ނޫނީ ރޭގަންގެ މި ދޮގު ހަނދާނެއް ނެތެވެ.

ވޮޝިންގޓަން ޕޯސްޓުގެ ޢަރުޝީފުގައިވާ ޓްރަމޕުގެ ގިނަ ބަޔާންތަކަކީވެސް ދެބަހެއް ނުވާނެ ގޮތުން ހަނދާނުން ފޮހެވިގެންދާނެ ބަޔާންތަކެކެވެ. އެހެން ނަމަވެސް މިފަހަކުން ޕެންސިލްވާނިއާ އެވެނިއު 1600 އިގެ ރައްޔިތަކަށްވި މިފަދަ މޮޔައެއްގެ ބަޔާންތަކުގެ ސަބަބުން އެމެރިކާގެ ސިޔާސީ ގިއުގަނޑުގެ ތެދުވެރިކަމުގެ ހުރިހާ އަކަތަކެއް ރޫޅައިފައިވެއެވެ.

ޤައުމިއްޔަތުގައި ދޮގު: ރައީސުން އިތުރުފުޅު ހައްދަވަނީ ކީއްވެތޯއެވެ، އަދި އެކަމުގައި އެންމެ ކުރީގައި ޓްރަމްޕު ހުންނެވީ ކީއްވެތޯއެވެ ފޮތް ލިޔުއްވި ޕްރޮފެސަރ އެރިކް އޯލްޓަރމަން ވިދާޅުވީ އެމެރިކާގައި ޖުމްހޫރިއްޔާ ފެށުނީއްސުރެ ރައްޔިތުން ގެންދަނީ ރައީސުންގެ އިތުރުފުޅު ހެއްދެވުން ތަޙައްމަލް ކުރަމުންނެވެ.

އެހެން ނަމަވެސް ލީޑަރުން ހައްދަވާ އިތުރުފުޅުތައް ތަޙައްމަލް ނުކުރާ ބައެއްގެ ތެރެއަށް ސިޔާސީ ނިޒާމެއްގައި ފްރެންކަންސްޓައިން އުފެއްދި ފުރޭތައަކީ ޑޮނަލްޑް ޓްރަމްޕުކަމުގައެވެ. އެހެން ނަމަެވސް އެ އިތުރުފުޅުތައް ހެއްދެވުމަށް އެދެވިގެން ދިޔައީއެވެ.

ކެޕިޓޯލް ހިލްގެ ހަމަނުޖެހުންތަކާއި ވަކިފަރާތަކަށް ބުރަވެގެން ސައްލާވެގެންދިޔަ ރޭވުންތަކާއި އިންތިޚާބު ވަގަށް ނެގި ވާހަކައާއި ޝައިޠާނީ ސިކުނޑިއެއްގެ ސިޔާސީ ވިސްނުމާއި މިފަދަ ހުރިހާކަމެއް ހުރީ ޑޮނަލްޑް ތްރަމްޕުގެ ވެރިކަމާއި ގުޅުވިފައެވެ. އަދި ޚިޔާލީ ދުނިޔެއެއްގެ ތެރެއަށް ބަޔަކު ވައްދައިގެން ދޮގާއި މަކަރާ ޙީލަތުން ރައްޔިތުން ވާވެއްދުމަކީ ރައީސުންގެ ޝަޚްޞިއްޔަތު ރައްޔިތުންގެ ކުރިމަތީގައި ބޮޑުވެގެންދާ ކަމެއްކަމަށް ފާހަގަވެއެވެ.

ނަތީޖާ ރަނގަޅު މަދަނީ އެއްފިލާވަޅު ހޯއްދަވައިދެއްވި އެއްބޭފުޅަކީ ވިލިއަމް ޖެފަރސަން ކްލިންޓަނެވެ. ކެމެރާތަކުގެ ކުރިމައްޗަށް ފޮރުވިގަންނަވަން އުޅުއްވި އަޚުލާޤީ މައްސަލައެކެވެ.

1998 ވަނަ އަހަރު ވައިޓްހައުސްއަށް ވަޒީފާގެ ތަޖުރިބާ ހޯދުމަށް ގެނެވުނު މޮނިކާ ލޮވިންސްކީ އާއި އެކު ހިންގެވި ނާޖާއިޒު ގުޅުމެއްގެ މައްސަލައިގާ ރިޕޯރޓަރުންނާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ކޯފާވެގެން އެއީ ނުކުރައްވާ ކަމެއް ކަމަށް ވިދާޅުވުމުންނެވެ. ނަމަވެސް ހުވައެއްގެ މަތީގައި ހުންނަވައިގެން އިތުރުފުޅު ހެއްދެވީތޯ ބެލުމަށް ހިންގުނު ތަޙުޤީޤުގައި ލިބުނު ހެކިތަކުގައި އެއީ މަޖަލަކަށް ނަމަވެސް ކުރެއްވި ކަމެއް ކަމުގެ ހެކި ލިބިފައިވެއެވެ. އަދި 22 އަހަރުގެ މި އަންހެން ކުއްޖާއާއި އެކު އޯވަލް އޮފީހުގައި ވިޔާނުދާ ޢަމަލެއް ހިންގެވިކަންވެސް އެނގިފައިވެއެވެ.

ޤައުމަށް ބޭވަފާތެރިވުމާއި ރައްޔިތުންނަށް އޮޅުވައިލެއްވުމުގެ ލަދުވެތިކަމެއް ކަމަށް ދެކިވަޑައިގަތުމިުގެ ބަދަލުގައި އެހެން ހިސާބެއްގައި އެ ދޮގުން ހިތްހަމަ ޖެހިވަޑައިގަތްކަމަށް ވިދާޅުވި ކަމުގައި ޖޯން އެފް ހެރިސް ލިޔުއްވި ދަ ސަވައިވަރގައި ލިޔުއްވައިފައިވެއެވެ.

މި މައްސަލައިގާ ހިތާމަކުރައްވާކަމަށް ޓީވީތަކުގެ ކުރިމަތީގައި އެއްބަސްވެ ވަޑައިގަތުމަށްޓަކައި ހަމަ އެއަހަރު ކްލިންޓަން ތައްޔާރުވެވަޑައި ގަންނަވަމުން ރަޙުމަތްތެރިއެއްގެ ކައިރީގައި ވިދާޅުވީ އެ ދޮގަކީ އޭނާ ސަލާމަތްކޮށްދިން ދޮގެއް ކަމުގައެވެ. އަދި މި މައްސަލައަކީ އެއް ފަރުދެއްގެ މައްޗަށް އޮތް ކަމެއް ނޫންކަމަށާއި ދެފަރާތުންވެސް އެއްބަސްވުމެއްގައި ކުރި ކަމެއްކަމަށް ކްލިންޓަން ދެއްކެވުމުން، އެންމެފަހުން އެއީ ބެހިގެންގޮސް ކުެއްވުނު މޮޔަކަމެއް ކަމަށް އެމެރިކާގެ ރައްޔިތުން ދުށްޓެވެ. އެއަށްފަހު ކްލިންޓަންގެ ސިޔާސީ ކަނދުރާ ޤަތުލު ޤާހުން ސަލާމަތްކޮށްދިނެވެ. ނަމަވެސް މިވާހަކައަކީ ވައިޓްހައުސްގެ ކަކޮޓަރީގެ ތެރޭގައި މަޖަލަކަށް ނަމަވެސް ހިތާމައާއިއެކު ދެކެވެމުންދާ ވާހަކައަކަށް ވިއެވެ.

ރައީސުން ނަހަމަ ވާހަކަފުޅު ދައްކަވާކަމަށް މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި ފުރާޅުގެ ދަށުގައި ހަރުދަނާ އަދި ތެދުވެރި ބަޔަކު މި ފުރާޅުގެ ދަށުގައި އަމުރުކުރަން ތިބުމަށް އެދެމެވެ، މިހެންނެވެ.

ރައީސުންގެ ވާހަކަފުޅުތައް މައުޞޫޢުން ބޭރަށް ދިއުމަކީވެސް ޢާންމު ކަމެކެވެ. އަދި ވިދާޅުވާން އުޅުއްވާ އެއްޗެއްގެ ބަދަލުގައި އެހެން ޢިބާރާތްތަކެއް އަމިއްލަ ފައިދާއަށް ބޭނުންފުޅު ކުރެއްވުންވެސް ހިމެނެއެވެ. އެގޮތުން 1846 ވަނަ އަހަރު ޖޭމްސް ޕޯލކް ކޮންގްރެސްއަށް ދެއްވި މެސެޖެއްގައި ވިދާޅުވީ މެކްސިކޯއިން އެމެރިކާގެ ސަރަޙައްދުގެ ތެރެއަށް ވަދެ އެމެރިކާގެ ރައްޔިތުން ލޭ އެމެރިކާގެ ބިމަށް އޮހުރުވައިފިކަމުގައެވެ. ނަމަވެސް މި ޙަމަލާއަކީ އޭނާ އަމިއްލަފުޅަށް ކުރެއްވިކަމެއްގެ ސަބަބުން ހިނގައިދިޔަ ކަމެކެވެ. އެއިރު އެ ތަނަކީ އެމެރިކާގެ ޝަހަރެއްކަމަށް ހަދަން އުޅެ، އެހެން ނަމަވެސް ދެބަސްވުން އުފެދިފައި އޮތް ސަރަޙައްދެކެވެ.

1940 ވަނަ އަހަރު ފްރެންކލިން ރޮޒަވެލްޓް އެމެރިކާގެ ވޯޓުލާމީހުނަށް ވިދާޅުވީ ތިޔަބައިމީހުންގެ ދަރީން އެހެން ޤައުމެއްގެ ހަނގުރާމައަކަށް ނުފޮނުވާނެ ކަމުގައެވެ. ނަމަވެސް އެދުވަސްވަރު އޭނާ ގެންދެވީ ނާޒީ ޖަރުމަނާއި ކުރިމަތިލެއްވުމަށް އަތްފުޅާ ކުރައްވަމުންނެވެ. އެހެންވީމާ އެއީވެސް ޢިބްރަތަކުންވެސް ދިފާޢުނުވާވަރުގެ ބޮޑު އިތުރުފުޅެކެވެ.

ހަމަ މިގޮތަށް 1945 ވަނަ އަހަރު ހެރީ ޓްރޫމަން ވިދާޅުވީ އެންމެ ފުރަތަމަ އެޓޮމިކް ބޮމެއް އެޅިކަމަށް ދުނިޔެ ފާހަގަކުރާނީ ހީރޯޝިމާގެ ޢަސްކަރީ މަރުކަޒަކަށެވެ. ނަމަވެސް އެ ބޮން އަމާޒުކޮށްފައި ވަނީ 1 ލައްކާ 40 ހަހަށްވުރެ އާބާދީ ބޮޑު ޝަހަރަކަށެވެ. މަރުވި އެންމެންނަކީވެސް މަަދަނީންނެވެ.

1960 ވަނަ އަހަރު އެމެރިކާގެ ޔޫ ޓޫ ޖާސޫސީ މަތިންދާބޯޓެއް ސޯވިއެޓުން ވައްޓައިލިކަމަށްބުނާ ބަޔާނެއް ޑުވައިޓް އެއިސަންހޯވަރ ފާސްކުރެއްވިއިރު އެބުނާ އުޅަނދަކީ މޫސުން ދިރާސާކުރާ މަތިންދާ ބޯޓެކެވެ. އަދި ފަހުން އެކަން ފާހަގަކުރެއްވުން ވެގެންދިޔައީ އޭނާ އެންމެ ހިތާމަކުރައްވަން ޖެހިވަޑައިގަތް އިތުރުފުޅަށެވެ.

ވޯޓަރގޭޓް މައްސަލައިގާ ރިޗަރޑް ނިކްސަން 1972 ވަނަ އަހަރު ވިދާޅުވެފައިވަނީ ވައިޓްހައުސްގެ އެއްވެސް މުއައްޒަފަކު އަދި އެމެރިކާ ސަރުކާރުގެ އެއްވެސް މީހަކު އެ ވިޔާނުދާ ޙާދިސާގައި ބައިވެރިވެފައެއް ނުވާނެ ކަމުގައެވެ. ނަމަވެސް އެއީވެސް ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެކެވެ.

1987 ވަނަ އަހަރު އީރާނާއި ކޮންޓްރާ ބާޣީންގެ ހަނގުރާމައަށް އިޝާރާތް ކުރައްވައި ރޮނަލްޑް ރޭގަން ދެއްކެވި ވާހަކަފުޅެއް ފަހުން ވަނީ އެހެން ގޮތަކަށް ބަދަލުވެގެން ގޮސްފައެވެ. ރޭގަން ވިދާޅުވީ ރަހީނު ކުރި ބަޔަކު މިނިވަންކުރުމަށް ހަތިޔާރުދީފައި ނުވާނެކަމަށް މަހެއްހާދުވަސްކުރީން އެމެރިކާގެ ރައްޔިތުންނަށް ވިދާޅުވި ކަމުގައެވެ. އަދި ރޭގަންގެ ހިތާއި ޒަމީރު ޤަބޫލުކުރަނީ އެއީ ތެދެއްނޫން ކަމުގައެވެ. ނަމަވެސް ހެއްކާއި ޤަރީނާތައް ދަކަނީ އެއީ ތެދެއްނޫން ކަމުގައެވެ.

ހަމަ މިގޮތަށް 2003 ވަނަ އަހަރު ޢިރާޤުގެ ވެރިކަން ވައްޓަވައިލެއްވުަމށްފަހު ޖޯރޖް ބުޝް ވިދާޅުވީ އަލްޤައިދާގެ ބައިވެރިއެއް ބޭރުކޮށްލެވިއްޖެ ކަމުގައެވެ. އަދި އެއްވެސް ޓެރަރިސްޓު ޖަމާޢަތެއްގެ އަތަށް ޢިރާޤުން ފަނާކުރަނިވި ހަތިޔާރެއް ނުލިބޭނެ ކަމުގައެވެ. ސަބަބަކީ ޢިރާޤުގެ ވެރިކަން ނެތިދިއުން ކަމުގައެވެ. ނަމަވެސް ޞައްދާމް ޙުސައިންގެ އަތްޕުޅުގައި އެފަދަ ހަތިޔާރު ހުރިކަމަށް ބުޝް ވިދާޅުވި ވާހަކަފުޅުތައްވީ ކަނޑައެޅިގެން ހުރި ދޮގުތަކަކަށެވެ.

ތިޔަބައިމީހުންގެ ޞިއްޙީ މަދަނަ ބޭނުންނަމަ މުއްދަތަކަށް އެމަދަނަ ބޭއްވިދާނެއޭ ބަރަކް އޮބާމާ ވިދާޅުވީ 2003 ވަނަ އަހަރު އޭނާގެ ސިޔާސީ ޙަޔާތް ވެރިކަމުގައި ދެމެހެއްޓެވުމަށެވެ. ނަމަވެސް ޕޮލިޓިފެކްޓުން ބުނެފައިވަނީ އެއީ އެހަރަުގެ ދޮގުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖަދެވިފައިވާ އެންމެ ބޮޑު ދޮގު ކަމުގައެވެ.