ސްރީލަންކާ ސަރުކާރުން ބުރުގާ މަނާކުރަން އުޅެނީ ބުދިސްޓުން ރުއްސަންވެގެން ކަމަށް، މުސްލިމް ކައުންސިލް އޮފް ސްރީލަންކާއިން ބުނެފިއެވެ.

އެ ކައުންސިލްގެ ނައިބް ރައީސް ހިލްމީ އަހްމަދު ވިދާޅުވީ، މިއީ، ސަރުކާރުގެ "ރޭސިސްޓް އެޖެންޑާގެ" ދަށުން ކުރަންއުޅޭ ކަމެއް ކަމަށާއި، ސަރުކާރުން މުސްލިމުންގެ ފަހަތުން ދުވަނީ، ބުދިސްޓުން ރުއްސަންވެގެން ކަމަށެވެ.

ސްރީލަންކާގައި ބުރުގާ މަނާކުރުމަށް ކެބިނެޓްގެ ހުއްދަހޯދަން އެކަމާބެހޭ ކަރުދާހުގައި ސޮއި ކުރައްވާފައިވާ ކަމަށް ސްރީލަންކާ ސަރުކާރުގެ މިނިސްޓަރ ފޮރ ޕަބްލިކް ސެކިއުރިޓީ ސަރަތު ވީރަސޭކަރާ ހާމަކުރައްވާފައިވަނީ އިއްޔެއެވެ.

ބުދިސްޓު ފައްޅިއެއްގައި ހުންނަވައި އިއްޔެ އޭނާ ވިދާޅުވީ، މިއީ "ގައުމީ ސަލާމަތަށްޓަކައި" އަޅަން ނިންމި ފިޔަވަޅެއް ކަމަށެވެ.

ބުރުގާ އެޅުމަކީ "ހަރުކަށި ފިކުރު" ފެތުރުމަށް މަގުފަހިވާ ކަމެއް ކަމަށްވެސް މިނިސްޓަރ ފޮރ ޕަބްލިކް ސެކިއުރިޓީ ސަރަތު ވީރަސޭކަރާ ވިދާޅުވެފައި ވެއެވެ.

ބުރުގާ މަނާކުރުމުގެ އިތުރުން، ސަރަތު ވީރަސޭކަރާގެ ކަރުދާހުގައި، ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހިންގާ 1،000 އަށްވުރެ ގިނަ އިސްލާމީ ތައުލީމު އުނގަންނައިދޭ ސްކޫލްތައް ބަންދުކުރަންވެސް ހިމަނާފައި ވެއެވެ. އެ ސްކޫލްތައް ބަންދުކުރަނީ، ތައުލީމާބެހޭ ގައުމީ ސިޔާސަތާ ޚިލާފަށް ހިންގާތީ ކަމަށްވެސް ކަރުދާހުގައި ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ސްރީލަންކާގެ މުސްލިމުންވަނީ، ޕަބްލިކް ސެކިއުރިޓީ މިނިސްޓަރުގެ މި ހުށަހެޅުން ބަލައިނުގަންނަކަން ހާމަކޮށްފައެވެ.

މީގެ މައިގަނޑު ބޭނުމަކީ، ސްރީލަންކާގެ ބައިގިނަ ބުދިސްޓުން ރުއްސުން ކަމަށާއި، އަދި މިއީ ސްރީލަންކާގައި ބައިބައިވުން އުފައްދަން ކުރާން އުޅޭ ކަމެއް ކަމަށްވެސް ބުނަމުން ގެންދެއެވެ.

ބުރުގާ އެޅުން މަނާކުރުމަށާއި، އިސްލާމީ ސްކޫލްތައް ބަންދުކުރަން ޕަބްލިކް ސެކިއުރިޓީ މިނިސްޓަރ ހުށަހެޅުއްވި ނަމަވެސް، އެއަށް އަމަލުކުރެވޭތީ ސްރީލަންކާގެ ކެބިނެޓުން ފާސްކޮށް އަދި އޭގެފަހުން ޕާލަމެންޓުންވެސް ފާސްކޮށް އެކަމަށް ގާނޫނެއް ހެދުމުންނެވެ.

ސްރީލަންކާގެ އާބާދީގައި 22 މިލިއަން މީހުން ހިމެނޭއިރު، އޭގެތެރެއިން %75 އަކީ ސިންގަޅަ ބުދިސްޓުންނެވެ. މުސްލިމުންގެ ނިސްބަތަކީ ގާތްގަނޑަކަށް %9 އެވެ. އަދި ބައިމަދު ތަމަޅައިންގެ ނިސްބަތަކީ ގާތްގަނޑަކަށް %16 އެވެ. ގިނަ ތަމަޅައިންނަކީ ހިންދޫންނެވެ.

ކޮވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދަން ސްރީލަންކާ ސަރުކާރުން މަޖުބޫރު ކުރީވެސް ބުދިސްޓުންގެ ފިއްތުންތަކުގެ ސަބަބުން ކަމަށް މުސްލިމުން ބުނަމުންދިޔައެވެ.

އދއާއި، އިސްލާމީ ދުނިޔެއާއި، ސްރީލަންކާ މުސްލިމުންގެ ދެކޮޅުހެދުންތަކާއި، ފިއްތުންތައް ބޮޑުވެ، މުސްލިމުންގެ ހަށިތައް އަންދަންޖެހޭ ގޮތަށް ސަރުކާރުން އެކަށައެޅި އުސޫލު ފަހުންވަނީ އަނބުރާ ގެންގޮސްފައެވެ. މިހާރު ނިންމާފައިވަނީ، ކޮވިޑް ބަލީގައި މަރުވާ މުސްލިމުންގެ ހަށިތައް ސްރީލަންކާގެ އުތުރުގެ އައްސޭރިފަށުގައި އޮންނަ ފަޅުރަށެއް ކަމަށްވާ އިރަނައިޓިވޫގައި ވަޅުލާގޮތަށެވެ.