ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޕޯޓޯ އަތުން އެގްރިގޭޓް ނަތީޖާއިން ކުރިނުހޯދި ޔުވެންޓަސް މުބާރާތުން ކެޓުމާއި ގުޅިގެން އެންމެ ބޮޑު ފާޑުކިޔުންތަކެއް އަމާޒުވީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ފާޑުކިޔާ ފަރާތްތަކަށް ހެޓްރިކަކުން ރައްދުދީފިއެވެ.
ރޮނާލްޑޯ ވަނީ އާދިއްތަ ދުވަހުގެރޭ އިޓާލިއަން ލީގުގައި ކެގްލިއަރީ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި އެޓީމަށް ތިން ލަނޑު ކާމިޔާބުކޮށްދީ ހެޓްރިކް ހަދާފައެވެ. 1-3 އިން ޔުވެންޓަސް މޮޅުވުމާއެކު މިހާރު އެޓީމު އޮތީ އިޓާލިއަން ލީގުގެ ޕޮއިންޓް ތާވަލުގެ ތިންވަނައިގައި ކުޅުނު 26 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އެއްމެޗު އިތުރަށް ކުޅެގެން 56 ޕޮއިންޓާއެކު އޮތީ އޭސީ މިލާން އެވެ. އަދި އެއްވަނައިގައި އިންޓާ އޮތީ 27 މެޗުން 65 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް އަތުން ބަލިވި ކެގްލިއަރީ އޮތީ ތާވަލުގެ 17 ވަނައިގައި 27 މެޗުން ލިބުނު 22 ޕޮއިންޓާއި އެކުގައެވެ.
މެޗުގައި ރޮނާލްޑޯ ވަނީ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލަނޑެއް ކާމިޔާބުކޮށްދީ ލީޑު ނަގާދީފައެވެ. އަދި ލީޑު ފުޅާކޮށްދިން ލަނޑު އޭނާ ކާމިޔާބުކުރީ އޭގެ 15 މިނެޓު ފަހުންނެވެ. މިހާފު ނިމުމުގެ ކުރިން މެޗުގެ 32 ވަނަ މިނެޓުގައި ރޮނާލްޑޯ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. ކެގްލިއަރީގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޖިއޮވާނީ ސިމިއޯނޭ އެވެ.
ރޭގެ މެޗުގައި ކާމިޔާބުކުރި ތިން ލަނޑާއެކު 36 އަހަރުގެ ރޮނާލްޑޯ ވަނީ މިހާތަނަށް ޕްރޮފެޝަނަލް ކެރިއަރުގައި 770 ލަނޑު ކާމިޔާބުކޮށްފައެވެ. މީގެކުރިން މި ރެކޯޑް އޮތީ 767 ލަނޑާއެކު ބްރެޒިލް އަދި ފުޓުބޯޅައިގެވެސް ލެޖެންޑް، ޕެލޭ އަތުގައެވެ.
ރަސްމީ ލިޔެކިޔުންތަކުން ޕެލޭގެ ގޯލް ރެކޯޑަކީ 757 ލަނޑު ކަމަށްވީ ނަމަވެސް އޭނާވެސް އަދި ފުޓުބޯޅައިގެ އެހެން ފަރާތްތަކުންވެސް ވަނީ ޕެލޭގެ ޕްރޮފެޝަނަލް ކެރިއަރުގައި އިތުރު 10 ލަނޑު ކާމިޔާބުކޮށްފައިވާކަމަށް ބުނެފައެވެ. ރޮނާލްޑޯ މީގެ ހަފްތާތަކެއް ކުރިން 757 ލަނޑު ހަމަކުރިނަމަވެސް އޭރު މިކަމާ ގުޅިގެން ރޮނާލްޑޯ އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އެހެންނަމަވެސް މެޗަށްފަހު ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މީގެކުރިިން ޕެލޭގެ 757 އޮފިޝަލް ގޯލް ރެކޯޑް މުގުރާލެވުނު ކަމުގައިވީނަމަވެސް އެކަން އެހާ ކުަލަގަދަކޮށް ފާހަގަނުކުރި ސަބަބު ބުނެފައެވެ.
މީގެއިތުރުން ރޮނާލްޑޯ ވަނީ ކުރިއަށް ހުރި މެޗުތަކާއި ޗެލެންޖް ތަކަށް ކެއްމަދުވެފައި ވާކަން ހާމަކޮށްފައެވެ. އަދި އޭނާގެ ވާހަކަ އަދި ނުނިމޭ ކަމަށާއި އަދި ނިމެން ގާތްވެސް ނުވާކަމަށް ރޮނާލްޑޯ ވަނީ ބުނެފައެވެ.
އެންމެ ފަހުގެ ސީޒަނުގައި އިޓާލިއަން ލީގުގެ ޓައިޓަލް ހޯދި ޔުވެންޓަސް އަށް މިސީޒަނުގެ މިހާތަނަށް އައިއިރު އެއްވަނަ މަގާމު ނުލިބި އޮތުމާއި ޗެމްޕިއަންސް ލީގުން އެހާ އަވަހަށް ވަކިވާން ޖެހުމާ ގުޅިގެން ބައެއް ފަރާތްތަކުން ދިޔައީ ރޮނާލްޑޯގެ ދުވަސް ހަމަވެއްޖެ ކަމަށްބުނެ ވަރަށް ބޮޑަށް އޭނާއަށް ފާޑުކިޔަމުންނެވެ.
އެހެންނަމަވެސް އަނެއްކާވެސް ރޮނާލްޑޯ މިވަނީ އޭނާގެ އަސްލު ފެންވަރު ދައްކާލާ، އޭނާއާއި މެދު ޝައްކު އުފައްދާ ފަރާތްތަކަށް ވަރަށް ފުރިހަމަ ރައްދެއް ދީފައެވެ.