ނިދާން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. ހަމަ އުނދަގޫ ވަނީއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޔަގީނުން ވެސް ގޯސްކަމެއް ނުކުރަމެވެ. މީހަކު ނުރުހޭ ކަމެއްވެސް ނުކުރަމެވެ. ދެން ނުނިދޭންވީ ކީއްވެ ހެއްޔެވެ؟ ވިސްނަން އޮވެވުނީ ކިހައި އިރަކު ކަމެއް ނޭނގެއެވެ. އިރުތަކެއް ފަހުން ހަނދާންވީ މިއަދު މެންދުރު ނަހުދާ ދެއްކި ވާހަކަތަކެވެ.

ނަހުދާއަކީ އަހަރެންގެ އެކުވެރިއެކެވެ. ގާތްކަމަށް ވުރެ ގާތް މީހެކެވެ. އަހަރެންގެ އިތުބާރު ލިބިފައި ދެތިން މީހުންގެ ތެރެއިން އެކަކެވެ. ނަހުދާ ގާތުގައި މިއަދު އެ ގެއަށް ދާނަމޭ ބުނެވުނެވެ. އެ ޔަގީންކަން އޭނާއަށް ދެވުނެވެ. ނަމަވެސް އެކަން ހަނދާނުން ކައްސާލީއެވެ. ހަމަ އެއްގޮތަކަށް ވެސް ހަނދާން ނުވީއެވެ.

ފޯނު ނެގުމަށްފަހު، އަހަރެން ނަހުދާއަށް ގުޅާލީމެވެ.

" ކޮބާ؟ ހަނދާންވެއްޖެ ދޯ؟" ފޯނު ނެގުމާއެކު ވާހަކަ ފެށީ ނަހުދާއެވެ.

"ވަރަށް ބޮޑަށް ސޮރީ. ހަމަ ހަނދާން ނެތުނީ" އަހަރެން މަޢާފަށް އެދުނީމެވެ.

"އަހަރެންނަށް ކުރިންވެސް އެނގެޔޭ ވާނީ ތިހެންކަން. މި ގެއަށް އަންނަން ވެއްޖެނަމަ ރީހާނު ހަނދާން ނެތޭނެ. އަހަރެންގެ މަންމަމެން ދެކެ މިހާރު ރީހާނު ބިރުގަނޭ ވިއްޔާ" ނަހުދާ ދެއްކި ވާހަކަތައް އަހަރެން މެދުކަނޑުވާލީމެވެ.

"ނޫން. ތިހެން ނުބުނޭ. އަހަރެން ގަސްތުގައި ކުރިކަމެއް ނޫން. ހަމަ ހަނދާން ނެތުނީ"

"އެހެންވިއްޔާ ދެން ކޮން އިރަކުން އަންނާނީ؟" އަހަރެންގެ ވާހަކަ ހުއްޓުވަމުން ނަހުދާ ސުވާލުކުރިއެވެ.

"މިހާރު ދާންވީތަ؟" އަހަރެން ވެސް ކުރީ ސުވާލެކެވެ.

"އާނ!. ކެރެންޏާ ހަމަ އަންނަންވީ" ނަހުދާގެ ޖަވާބު މާ އަވަސްވެފައި ކުރެވެ. އަހަރެން ވިސްނައިލީމެވެ.

"މި އޮތް ދަންވަރު ތި ގެއަށް. އޭރު މަންމަމެން ބުނާނީ ކީކޭ؟"

"މަންމަ... މަންމަމެން އުފާވާނީނު. އަހަރެން ރީހާނާ ގުޅުމަކީ މަންމަމެން ވަރަށް ބޭނުންވާ ކަމެއް. އެ ވާހަކަ ދައްކާވަރުން ރީހާނު ގެންނަން ވެސް މި އުޅެނީ. މަންމަމެން ހީކުރަނީ އަހަރެންނާއި ރީހާނާ މައްސަލަ ޖެހިގެން އުޅެނީ ކަމަށް" ނަހުދާ އޮޅުން ފިލުވައިދިނެވެ.

"މަށަށް ކުރިން ވެސް ހީވި ތިޔަ ކަހަލަ ކަމެއް ހެން. އެހެން ނޫންނަމަ މާ ވަރަކުން ތި ގެއަށް އަހަރެން ގެންދާކަށް ނޫޅޭނަން ދޯ؟" ނަހުދާ ދޭ ޖަވާބެއް ބެލުމަށް އަހަރެން ދޯގެ ސުވާލެއް ކޮށްލީމެވެ.

"ނޫން... އަހަރެން ވެސް ބޭނުން ރީހާނު މި ގެއަށް ގެންނަން. އެކަމަކު އުޅޭލެއް ބުރަވީމާ އެހައި ގިނައިން ދައުވަތު ނުދެނީ. އަހަރެންގެ ފަރާތުން އުނދަގޫ ނުޖައްސަން ވެގެން އެކަމަށް ނޭދެނީ." ނަހުދާގެ ޖަވާބު ވަރަށް ސާފެވެ.

"އަޅެ ނަހުދާ ބުނެބަލަ! އަހަރެން މި ނޫން ގޮތަކަށް ހުރެއްޖެ ނަމަ އަހަރެން ތި ގެއަށް ގެންދާނަންތަ؟" އަހަރެން ބޭނުންވީ ނަހުދާއަށް އުނދަގޫ ކޮށްލާށެވެ.

"ދެން ކުރާ ސުވާލު. ތި ސުވާލުކުރޭ މިގެއަށް އައިސް. މިހާރު ތި އަންނަނީ ދޯ؟" ނަހުދާ ބޭނުންވާ ގޮތް އޭނާ ހާމަކުރިއެވެ.

"ކިތައް މިނެޓުތަ ތި ދެނީ؟" އަހަރެން އެހީމެވެ.

"ބަރާބަރު 5 މިނެޓު. އެންމެ މިނެޓެއް ލަސްވިޔަސް މިގެއަކަށް ނުވައްދާނަން. އޭރުން ޖެހޭނީ އެނބުރިދާން. އޯކޭތަ؟" ހިނިތުންވުމާއެކު ނަހުދާ ކަނޑައެޅީ ސަމާސާ ޝަރުތެކެވެ. އެ ޝަރުތަށް އަހަރެން އާނއެކޭ ބުނީމެވެ.

އަހަރެން އަވަސްވެގަތީމެވެ. ނަހުދާ ބުނި ވަގުތުކޮޅު ތެރޭގައި އެ ގެއަށް ދެވިދާނޭ ހިތައެވެ. ބާރު ބޮޑު މަޖީދީ މަގުން އިރަށް އަހަރެން މިސްރާބު ޖެހީމެވެ. ދެތިން މިނެޓު ނުވަނީސް ޒިކުރާ މިސްކިތާ ހަމައަށް އަހަރެންނަށް ދެވުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޭ އެރިއިރު އަހަރެން އޮތީ ހޮސްޕިޓަލުގައެވެ. އޭރު މަންމައާއި ބައްޕަ އަހަރެންގެ ދެފަރާތުގައި ތިއްބެވެ.

"އަހަރެންނަށް ކިހިނެއް ވީ؟" ވަރުދެރަވެފައިވާ އަހަރެންނަށް ކޮށްލެވުނީ ސުވާލެކެވެ. އެ ސުވާލު ކުރި އިރުވެސް ބޮލަށް ބަރުކަން ފާހަގަކުރެވުނެވެ. ބޮލުގައި އޮޅާފައިވާ ބެންޑޭޖުން މުޅި މޫނު ކަހަލަ ގޮތަކަށް ފޮރުވާފައިވާހެން ވެސް ހީވިއެވެ. ބައެއް ފަހަރު ހަރަކާތްކުރުމަށް ހަށިގަނޑު ލޮޑުވެފައިވާހެން ވެސް ހީވިއެވެ.

"އިހަށް ރެސްޓްކޮށްލާ ދަރިފުޅާ" ބައްޕަގެ މޫނުމަތިން ފެނުނު މާސްޔޫސްކަމުން އެތައް ޖަވާބެއް އަހަރެންނަށް ލިބުނެވެ. އިރުތަކަކު ވިސްނަން އޮތުމަށް ފަހު އަހަރެން ދެ ލޯ މަރާލީމެވެ. ވީގޮތް ހަނދާނަށް ގެނެވޭތޯއެވެ.

ވެރިވެފައިވާ ނުތަނަވަސްކަމާއެކު ވަރަށް ތަތްކޮށް އަނެއްކާ ވެސް އަހަރެންނަށް ކޮށްލެވުނީ ސުވާލުތަކެކެވެ.

"ކޮބާ ނަހުދާ؟ މިހާރު ގަޑިން ކިހައި އިރެއް؟ އޭނާ ނާދޭތަ؟"

"ނަހުދާ އެބަ އާދޭ. މިހާރު އެހަރަ 10 ޖަހަނީ.." އަހަރެންނަށް ޖަވާބު ދިނީ މަންމައެވެ. އެ ޖަވާބާއެކު އަހަރެން ފުން ނޭވާއެއް ލީމެވެ.

ކުށްލިއަކަށް މެއަށް އެރީ ތަދެކެވެ. ބުރަކަށި ހީވީ ފިހުނުހެނެވެ. ލާން އުޅުނު ނޭވާ ވެސް ހުއްޓުނީއެވެ. އަހަރެންނަށް އިހުސާސް ކުރެވުނީ ދެނެވެ. ދެން ވީގޮތެއް ނޭނގުނެވެ. ވޭނާ ތަދާއެކު އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނުކަން އެނގުނީ މާ ފަހުންނެވެ.

އަހަރެން ނަހުދާއާ ދިމާވީ ޖެހިގެން އައި ދުވަހުއެވެ. އެދުވަހު ނަހުދާ ރުއެވެ. ގިސްލިއެވެ. އަހަރެންނަށް އެހެން ދިމާވީ އޭނާގެ ސަބަބުން ކަމަށް ބުންޏެވެ. އަހަރެންގެ ހިތާމާގައި ވެސް ބައިވެރިވިއެވެ. ނަހުދާގެ މުޅި ޢާއިލާ ވެސް އަހަރެންނަށް ހަމްދަރުދީވިއެވެ. އެ ހަމްދަރުދީން އަހަރެންގެ ހިތަށް ލިބުނީ އުފަލެވެ. އަރާމާއި ހިތްހަމަ ޖެހުމެވެ. ލިބިގެން ދިޔައީ ފާރުވެ ހަލާކުވެފައިވާ ހަށިގަނޑަށް އަވަސް ފަރުވާއެވެ.

ނަމަވެސް ޔަގީންވާ އެއް ކަމެއް އޮތެވެ. އެއީ ކޮޅަށް ހުންނަން އަހަރެންނަށް އުނދަގޫވުމެވެ. މައިބަދައަށް ލިބުނު އަނިޔާއިން ދެ ބަދައެއް ހަލާކުވެފައިވުމުގެ ސަބަބުންނެވެ. އަހަރެންނަށް އިޚްތިޔާރުކުރަން މަޖުބޫރުވީ ފުރޮޅުލީ ގޮނޑިއެވެ. ގިނަ ވަގުތު އިންނަން ޖެހުނީ އެ ގޮނޑީގައެވެ. އަމިއްލަ ހާލައިގެން ނޫޅެވޭ މީހަކަށް އަހަރެންވިއްޔޭ ހިތަށް އެރިއެވެ. އެކަމަކު އުންމީދު ކަނޑައެއް ނުލަމެވެ. އަދި ފަހުން ރަނގަޅުވާނެކަމަށް ވިސްނީމެވެ.

އެތައް ދުވަހަކަށް ފަހު އަހަރެންގެ މޫނު ރަނގަޅު ވިއެވެ. މޫނުމަތީ އޮތް ބެންޑޭޖު ނަގައި އަހަރެންގެ މޫނު އަހަރެންނަށް ދެއްކިއެވެ. އެއީ ހަމަ އަހަރެން ހެއްޔެވެ؟ މުޅި މީހާގެ ސިފަ ވަނީ ބަދަލުވެފައެވެ. އެއް ކޮލުގެ މަސްގަނޑު އޮތީ ވަޅު ވަދެފައެވެ. ކަނާތު ލޮލުގެ މަތީ ބުމައިގައި ބޮޑު ލަކުނެއް ހުއްޓެވެ. ދަތްދޮޅިން ވެސް ބައެއް ވަނީ ވަކިވެފައެވެ. އަމިއްލަ ސޫރަ ފެނިފައި މާޔޫސްވިއެވެ. ނަހުދާ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އޭނާ އަހަރެންނާ އެކު އުޅެން ބޭނުންވާނެ ހެއްޔެވެ؟ އަހަރެންގެ މިހާލާއެކު ދިރިއުޅެފާނެ ހެއްޔެވެ؟

މާ ގިނަ ދުވަސްތަކެއް ނުވެއެވެ. ނަހުދާ ބަދަލުވެއްޖެއެވެ. އަހަރެންނަށް ގޮވާލަން އައި އައުން މަދުވެއްޖެއެވެ. އަހަރެން ގުޅިޔަސް ފޯނު ނަގަން އުނދަގޫ ވެއްޖެއެވެ. ބައެއް ފަހަރު ކުރިމަތީ ނުބުނި ނަމަވެސް އޭނާ ބިޒީކަން ހަނދާން ކޮށްދެން ފެށިއެވެ. ފަހުން ގުޅާނެކަމަށް ބުނެ ފޯނު ބާއްވަން ފެށިއެވެ. ނަމަވެސް އެ ފަހެއް ނައެވެ. އެ ބިޒީކަމެއް ނުކެނޑުނެވެ. އެންމެ ފަހުން އަހަރެންނަށް މަޖުބޫރުވީއެވެ. އަހަރެން ދެކެ ފޫހިވީތޯ ސުވާލުކުރަން ޖެހުނީއެވެ.

މައްސަލައެއް ނެތެވެ. އަހަރެން އެއްބަސް ވަމެވެ. މިއަދު އަހަރެންނަކީ ނުކުޅެދޭ މީހެކެވެ. ނަހުދާ ބޭނުންވާ ހުރިހާ ކަމެއް ކޮށްދެވޭ މީހަކަށް ނުވެދާނެއެވެ. ނަމަވެސް މި ހިތުން ނަހުދާއަށް ދެވިފައި އޮތް ލޯބިން ކުޑަވެސް މިންވަރެއް އުންޏެއް ނުވެއެވެ. އަދި ނުވެސް ވާނެއެވެ. ނަމަވެސް ކުރިން އުޅުނު ގޮތަށް ތެދުވެ ހިނގުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. ކުރިން ދެއްކި ހުރިހާ ވާހަކަތަކެއް ތެދުކުރަން ފަސޭހަ ނުވެދާނެއެވެ. އެ ހުވަފެންތައް ހަގީގަތަކަށް ހަދަން ދަތިވެދާނެއެވެ. ނަމަވެސް މި ހިތް މަރެއް ނުވެއެވެ. މިހިތުގައި ޖަހަމުންދާ ވިންދެއް ނުހުއްޓެއެވެ. ހުއްޓިގެން އުޅެނީ ނަހުދާގެ ހިތުގައި އަހަރެންނަށް ޓަކައި ޖެހި ލޯބީގެ ވިންދެއެވެ. ގެއްލިގެން އުޅެނީ އެ ހިތުން އަހަންނަށް ދިން ޖާގައެވެ. ކުރާނެ ކަމެއް ނެތެވެ. މިއީ ތަގުދީރެވެ.

އަހަރެން އަވަސް އަރުވާލައިގެން މަގުމައްޗަށް ނުކުތީ ނަހުދާ ބުނެގެންނެވެ. ވަގުތު ކަނޑައަޅައި އެ ގެއަށް ދިއުމަށް ދަޢުވަތު ދިނީ ނަހުދާއެވެ. ވަގުތަށް ނުދެވިއްޖެނަމަ ދެން ހަދާނެ ގޮތްވެސް ބުނީ ނަހުދާއެވެ. މި ކަންކަން ނަހުދާގެ ހަނދާނަކު ނެތެވެ. އެ ހުރިހާ ކަމެއް ބިންވަޅު ނެގިފައި ވަނީ އަހަރެންގެ ހިތުގައެވެ. އެހެން ނޫންނަމަ މިއަދު ނަހުދާއަކަށް އަހަރެން ހުތުރެއް ނުވީހެވެ. އަހަރެންނާ ދުރަކަށް ނުހިނގީހެވެ. އަހަރެންގެ ބޭނުން ކެނޑިގެނެއް ނޫޅުނީހެވެ. ލޯތްބަކީ ހަމައެކަނި ޖިސްމު ކަމަކަށް ނުބެލީހެވެ. އިޝްގަކީ ބޭރުފުށުގެ ސޫރަކަމަކަށް ނުނިންމީހެވެ.

އަހަރެންގެ ނުކުޅެދުންތެރި ޙަޔާތް މި ގޮތުގައި ހޭދަކުރަމުންދާތާ 11 އަހަރު ވަނީއެވެ. އަދިވެސް މި ހިތުގައި ޖަހަނީ ނަހުދާގެ ވިންދެވެ. މި ހިތުގައި ކުރެހިފައި ވަނީ ނަހުދާގެ ލޯތްބެއެވެ. މި ހިތަށް އުފާވެރިކަން ލިބިގެން ދަނީ ނަހުދާގެ ހަނދާން ތަކުންނެވެ. ނަމަވެސް އެއީ މާޒީކަން އަހަންނަށް އެނގެއެވެ. ނަހުދާއަކީ އެހެން މީހެއްގެ އަންބެއްކަން ވެސް އެނގެއެވެ. އެއީ ކުއްޖެއްގެ މަންމަކަން ވެސް އެނގެއެވެ. ނަމަވެސް މިހިތުގައި އޮތް ލޯތްބެއް ނުފިލިއެވެ. އެ ލޯބި ބަލެއް ނުވިއެވެ. އެ ލޯބި ފޫއްސެއް ވެސް ނުވިއެވެ.

ލޯތްބަކީ ހާދަހާ ތަފާތު އެއްޗެކެވެ. އެކި މީހުންނަށް އެ ލޯބިން ލިބެނީ އެކި ރަހައެވެ. ބައެއް މީހުންނަށް އެ ލޯބި ވެވެނީ ލޯމަތީ ފެންނަން ހުންނަ ސޫރަ ދެކެވެ. ސޫރަ ބަދަލުވާއިރަށް ބައެއް ފަހަރު ލޯބި ވެސް ބަދަލުވެއެވެ. ނަހުދާއަށް ވީ އެހެންނެވެ. އަހަރެންނަށް ވީ އެހެނެއް ނޫނެވެ. ނަހުދާ ދުރަށް ދިޔުމުން އެ ލޯބިން މި ހިތުގައި ފޮޅުނު މާތައްވީ އިތުރެވެ. އެ ހަނދާންތަކުން ބިނާކުރެވުނު އުންމީދުގެ ގަނޑުވަރު ވީ އުހެވެ. އެ މާޒީން ދުވަމުން ދިޔަ ވަސް ވީ ގަދައެވެ. އެހެންވެ މިހާރު ވެސް އިންތިޒާރު ކުރެވެނީއެވެ. އެއީ ދެމިގެންވާ އިންތިޒާރެއްކަމަށް ގަބޫލުކުރެވެނީއެވެ.