އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ އަދަދު 12 އަށް އަރައިފިއެވެ.

ވެކްސިންޖެހި ބައެއް މީހުންނަށް ބްލަޑް ކްލޮޓް ނުވަތަ ލޭގައި ގަނޑުލޭކޮޅު އުފެދުމާއި، ސިއްހީ އެހެންވެސް ބައެއް މައްސަލަތައް ދިމާވަމުންދާ ކަމުގެ ރިޕޯޓްތަކާ ގުޅިގެން މިހާތަނަށް އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ގިނައީ ޔޫރަޕްގެ ގައުމުތަކެވެ.

ޔޫރަޕުން މި ލިސްޓަށް އެންމެފަހުން އިތުރުވެފައިވަނީ ނެދަރލޭންޑްސްއެވެ.

ތަފާތު އެކި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން އެސްޓްރަޒެނެކާގެ ވެކްސިން އަދި އެސްޓްރަޒެނެކާގެ ބައެއް ބެޗްތަކުގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އޮސްޓްރިއާ، ނޯރވޭ، ޑެންމާކް، އައިސްލޭންޑް، ރޫމޭނިއާ، ތައިލެންޑް، ޑިމޮކްރަޓިކް ރިޕަބްލިކް އޮފް ކޮންގޯ، ބަލްގޭރިއާ، އިޓަލީ، އަޔަރލޭންޑް، ނެދަރލޭންޑްސް އަދި އިންޑޮނޭޝިޔާއެވެ.

އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ މިއަދު ވިދާޅުވީ، ޔޫރަޕުން ވެކްސިންޖަހާ ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅު އުފެދޭކަމުގެ ރިޕޯޓްތަކާ ގުޅިގެން އެ ގައުމުގައި އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ފަސްކޮށްފައިވާ ކަމަށެވެ.

ކޮވެކްސް ފެސިލިޓީގެ ތެރެއިން އިންޑޮނޭޝިޔާއަށް 1.1 މިލިއަން ޑޯޒްގެ ވެކްސިން ގެންގޮސްފައި ވެއެވެ. އަދި ކުރިއަށްއޮތް 2 މަސްތެރޭ އިތުރު 10 މިލިއަން ޑޯޒް ގެންދިއުމަށްވެސް ހަމަޖެހިފައި ވެއެވެ.

އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ބުޑީ ގުނާޑީ ސަޑިކިން ވިދާޅުވީ، އެ ވެކްސިން އިންޑޮނޭޝިޔާގައި ޖަހަން ފަށާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ކޮންފަމޭޝަން ލިބުމުން ކަމަށް، އިންޑޮނޭޝިޔާގެ ފޫޑް އެންޑް ޑްރަގް އޭޖެންސީން ނިންމާފައިވާ ކަމަށެވެ.

ނެދަރލޭންޑްސްގައި ވެކްސިންޖެހި މީހުންގެ ތެރެއިން 10 މީހަކަށް ސީރިއަސް ސައިޑްއިފެކްޓްސްގެ މައްސަލަ ދިމާވެފައިވާ ކަމަށް ވެއެވެ. ނަމަވެސް، ބްލަޑް ކްލޮޓްގެ މައްސަލައެއް ރިޕޯޓްކޮށްފައި ނެތްކަމަށް ވެއެވެ.

އަޔަރލޭންޑުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން މެދުކަނޑާލީ، އެ ވެކްސިން ޖެހި ނޯރވޭގެ ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަތައް ދިމާވެ އަދި ނޯރވޭއިން ފަހުން ލިބުނު އިތުރު އައު މައުލޫމާތަކާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެފައި ވެއެވެ.

އަޔަރލޭންޑުން އެސްޓްރަޒެނެކާގެ ވެކްސިންޖެހުން ހުއްޓާލީ އަޔަރލޭންޑްގެ ނޭޝަނަލް އިމިއުނައިޒޭޝަން އެޑްވައިޒަރީ ކޮމިޓީން އެކަމަށް ރެކޮމެންޑް ކުރުމާ ގުޅިގެންނެވެ.

އިޓަލީގައި، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން އިއްޔެ ހުއްޓާލާފައިވަނީ، އިޓަލީގެ އުތުރުގެ ޕީޑެމޯ ރީޖަނުގައެވެ. ޕީޑެމޯއިން ޖެހުން ހުއްޓާލީ އެސްޓްރަޒެނެކާގެ ވަކި ބެޗެއްގެ ވެކްސިނެވެ.

އޭގެކުރިން، އިޓަލީގެ މެޑިސިންސް އޮތޯރިޓީންވަނީ އެސްޓްރަޒެނެކާ ވެކްސިންގެ ވަކި ބެޗެއް އެއްކޮށް މަނާކޮށްފައެވެ.

އިޓަލީގައި ވެކްސިންގެ ބައެއް ބެޗްތައް ބޭނުންކުރުން މަނާކޮށްފައިވަނީ، ވެކްސިން ޖެހިފަހުން ބައެއް މީހުން މަރުވެފައިވާތީ އެކަން ތަހްގީގު ކުރުމަށެވެ.

ބަލްގޭރިއާއިން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލާފައިވަނީ، ވެކްސިން ޖެހިތާ މާ ގިނައިރެއް ނުވަނީވެސް އުމުރުން 57 އަހަރުގެ އަންހެނަކު މަރުވުމާ ގުޅިގެން، އެކަން ތަހްގީގު ކުރުމަށެވެ.

ޑީއާރް ކޮންގޯއިން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ފަސްކުރީ، އެ ވެކްސިނާމެދު ޔޫރަޕްގައި އުފެދެމުންދާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ. ކޮވެކްސް ފެސިލިޓީގެ ދަށުން ކޮންގޯއަށް 1.7 މިލިއަން ޑޯޒްގެ ވެކްސިން ގެންގޮސްފައި ވެއެވެ.

ޔޫރަޕުން ބޭރުން، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ފަސްކުރަން ނިންމި ފުރަތަމަ ގައުމަކީ ތައިލެންޑެވެ.

ރޫމޭނިއާއިން ހުއްޓާލީ، އިޓަލީގައިވެސް މައްސަލަ ޖެހިގެންއުޅޭ ވެކްސިންގެ ބެޗެވެ.

އައިސްލެންޑާއި، ޑެންމާކާއި، ނޯރވޭއިން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ޑެންމާކުން ވެކްސިން ޖެހުން ހުއްޓާލީ ދެހަފްތާއަށެވެ.

ޔޫރަޕާއި، ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާލުމާއި، އަދި ދުނިޔޭގެ ބައެއް ގައުމުތަކުން އެ ވެކްސިނާމެދު ކަންބޮޑުވުން ފާޅުކުރަމުން ގެންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއާއި، ޔޫރަޕިއަން މެޑިސިންސް އޭޖެންސީ އަދި އެސްޓްރަޒެނެކާ ކުންފުނިންވެސް ވަނީ، ވެކްސިންގައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެފައެވެ.

ބައެއް މީހުންނަށް ދިމާވާ ލޭގައި ގަނޑުލޭކޮޅު އުފެދުމާއި ވެކްސިނާ އެއްވެސް ގުޅުމެއް ނެތްކަމަށްވެސް ބުނެފައި ވެއެވެ.

އެސްޓްރަޒެނެކާއިން އިއްޔެ ވަނީ، އެ ކުންފުނީގެ ވެކްސިން ޖަހާފައިވާ މީހުން ރިވިއުކުރުމަށް ކުރި މަސައްތުގެ ނަތީޖާ ހާމަކޮށްފައެވެ.

އެ ކުންފުނިން ތަރައްގީކޮށްފައިވާ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓް އުފެދުމުގެ ރިސްކް އިތުރުވާންވީ އެއްވެސް ހެއްކެއް ފެނިފައި ނުވާކަމަށްވެސް ބުނެފައި ވެއެވެ.