ކޮވިޑް ވެކްސިން ޖެހުން ހުއްޓާނުލާން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގެ ގައުމުތަކަށް އިލްތިމާސް ކޮށްފިއެވެ.

ޑަބްލިޔޫއެޗްއޯއިން މިކަމަށް އިލްތިމާސް މިކުރީ، އެސްޓްރަޒެނެކާގެ ވެކްސިންގެ މައްސަލާގައި ޔޫރަޕްގެ ޚިޔާލު ދެބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ޑަބްލިޔޫއެޗްއޯއިން ބުނެފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ދިމާވެގެންއުޅޭ ކަމަށް ބުނާ މައްސަލަތައް އެ ޖަމްއިއްޔާގެ އެޑްވައިޒަރީ ޕެނަލުން މިހާރު ރިވިއުކުރަމުން ގެންދާ ކަމަށެވެ.

ރިވިއުގެ ނަތީޖާ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެން ނަމަވެސް، އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅޭގޮތުން އެޑްވައިޒަރީ ޕެނަލުން މިދިޔަމަހު ދީފައިވާ ރެކޮމެންޑޭޝަނަށް ބަދަލެއް އައުމަކީ ދުރުކަމެއް ކަމަށް ޑަބްލިޔޫއެޗްއޯގެ ތަރުޖަމާނެއް ކަމަށްވާ ކްރިސްޓިއަން ލިންޑްމަޔަރ ވިދާޅުވިއެވެ.

"މައްސަލަތަކެއް ދިމާވެގެން އުޅެނީ ވެކްސިންގެ ސަބަބުން ކަމުގެ އެއްވެސް ހެއްކެއް މިއަދާ ހަމައަށްނެތް. އެހެންކަމުން، ވެކްސިން ކެމްޕެއިން ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ މުހިންމުކަމެއް. މީހުންގެ ފުރާނަތައް ސަލާމަތްކޮށް މި ވައިރަހުގެ ސަބަބުން ފެތުރޭ ބަލިމަޑުކަން ނިމުމަކަށް ގެނެވޭނީ އޭރުން" ކްރިސްޓިއަން ލިންޑްމަޔަރ

އެސްޓްރަޒެނެކާގެ ވެކްސިނަކީ، ކޮވިޑާ ދެކޮޅަށް ދުނިޔޭގައި އެންމެ ފުރަތަމަ ތަރައްގީކޮށް ދޭން ފެށުނު އެއް ވެކްސިނެވެ. އަދި އެ ވެކްސިނަކީ އަގުހެޔޮ އަދި އެއްތަނުން އަނެއްތަނަށް އުފުލުމާއި، ރައްކާކޮށްފައި ބަހައްޓަންވެސް ފަސޭހަ ވެކްސިނެކެވެ.

މިއީ، ކޮވެކްސް ފެސިލިޓީގެ ތެރެއިން ދުނިޔޭގެ ފަގީރު އަދި ތަރައްގީވަމުން އަންނަ އެންމެ ގިނަ ގައުމުތަކުގައި ބޭނުން ކުރާނެ ވެކްސިންވެސް މެއެވެ.

އެހެން ނަމަވެސް، މި ވެކްސިނާމެދު އެންމެ ފުރަތަމަ ކަންބޮޑުވުންތައް އުފެދޭން ފެށީ ޔޫރަޕްގައެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވަނީ އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން އެއްކޮށް ހުއްޓާލާފައެވެ. ބައެއް ގައުމުތަކުން ހުއްޓާލާފައިވަނީ ބައެއް ބެޗްތަކުގެ ވެކްސިނެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން އެންމެފަހުން ހުއްޓާލި ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ފަރަންސޭސިވިލާތާއި، ޖަރުމަނު ހިމެނެއެވެ.

އޭގެކުރިން، ޑެންމާކް، ނޯރވޭ، އޮސްޓްރިއާ، އައިސްލޭންޑް، ރޫމޭނިއާ، ބަލްގޭރިއާ، އަޔަރލޭންޑް، އިޓަލީ އަދި ނެދަރލޭންޑްސް އިންވަނީ ވެކްސިން ޖެހުން ހުއްޓާލާފައެވެ.

ޔޫރަޕުން ބޭރުން، އެސްޓްރަޒެނެކާގެ ވެކްސިން ބޭނުންކުރުން ހުއްޓާލަން ނިންމި އެންމެ ފުރަތަމަ ގައުމަކީ ތައިލެންޑެވެ. އޭގެފަހުން އިންޑޮނޭޝިޔާއެވެ.

އެހެން ނަމަވެސް، ތައިލެންޑް ސަރުކާރުން މިހާރު ބުނެފައިވަނީ، އަންގާރަ ދުވަހުން ފެށިގެން އަލުން އެސްޓްރަޒެނެކާގެ ވެކްސިން ޖަހަން ފަށާނޭ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ވަރަށް ބޮޑު އިތުބާރެއް އެބައޮތްކަން ހާމަވާއިރު، ޔޫރަޕިއަން ޔޫނިއަންގެ މެޑިސިންސް އޭޖެންސީންވެސް ބުނަމުން ގެންދަނީ އެ ވެކްސިންގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

އެކަމަކު، ޔޫރަޕިން މެޑިސިންސް އޭޖެންސީން އެސްޓްރަޒެނެކާ ވެކްސިންގެ އެސެސްމަންޓެއް ހަދަމުންދާތީ، އީޔޫގެ ބައެއް ގައުމުތަކުން ވެކްސިން ޖެހުން މަޑުޖައްސާލައިގެންތިބީ އޭގެ ނަތީޖާގެ އިންތިޒާރުގައެވެ. އެސެސްމަންޓްގެ ނަތީޖާ އަންގާރަދުވަހު ހާމަކުރާނެ ކަމަށް ވެއެވެ.