އޭއެފްސީ ކަޕަށް ޓީމުގެ ސްކޮޑް ވަރުގަދަކުރުމަށް އީގަލްސް އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ސްޓޭޓް މިނިސްޓަރ އަދި ތަޖުރިބާކާރު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އެޓީމުގެ ސްކޮޑް ލިސްޓުގައި ހިމަނައިފިއެވެ.

މިސީޒަނުގައި މީގެކުރިންވެސް އަޑުބަރޭ އީގަލްސްގެ ފަރިތަކުރުންތަކުން ފެނިފައިވީނަމަވެސް އީގަލްސްގެ ޓީމް ލީސްޓުގައި އޭނާގެ ނަން ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް ރޭގެ ނިޔަލަސް ދިވެހި ލީގުގެ ޓްރާންސްފަރ މާކެޓް ބަންދުވިއިރު ފަހުވަގުތު އީގަލްސް އިންވަނީ އޭނާ ލިސްޓުގައި ހިމަނާފައެވެ. އަދި އިއްޔެ އެޓީމުން ބޭއްވި ފަރިތަކުރުންތަކުގައިވެސް އަޑުބަރޭ ވަނީ ބައިވެރިވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރުމަހަށް ތާވަލުކުރި އޭއެފްސީ ކަޕްގެ ބާކީ މެޗުތައް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ބާއްވަން ނިންމިއިރު، މާޒިޔާއިން މުބާރާތައް ފަރިތަކުރުންތައް ފެށުމާއެކު އެޓީމުގެ ފަރިތަކުރުންތަކުގައިވެސް އަޑުބަރޭ ވަނީ ބައިވެރިވެފައެވެ. އެހެންނަމަވެސް އޭއެފްސީން ފަހުން މުބާރާތް ކެންސަލްކުރަން ނިންމުމާއެކު ދެން މާޒިޔާއިންވެސް އަޑުބަރޭ ޓީމް ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.

އަސްހަދު އެންމެ ފަހުން ފެނިގެންގޮސްފައިވަނީ 2018 ވަނަ އަހަރު ކްލަބް ގްރީންސްޓްރީޓްގެ ކެޕްޓަންގެ ގޮތުގައެވެ. އެހެންނަމަވެސް އެސީޒަނުގައި ފަޔަށްލިބުނު ބޮޑު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރަށްދާން ޖެހުނުއިރު، ފާއިތުވީ ސީޒަނުގައިވެސް އޭނާ ފެނިގެންގޮސްފައެއް ނުވެއެވެ.

ކްލަބް ވެލެންސިއާއިން ކެރިއަރުފެށި އަސްހަދު ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބޮޑެތި ޓީމުތައް ކަމަށްބެލެވޭ ގިނަ ޓީމުތަކަކަސް ކުޅެފައެވެ. އެގޮތުން ވީބީ އައްޑޫ އެފްސީ ލީގު ޑޮމިނޭޓްކުރި ދުވަސްވަރު އެޓީމަށްވެސް ކުޅެފައިވާ އަސްހަދު ވަނީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ވިކްޓްރީ އަށްވެސް އޭނާ ކުޅެފައިވެއެވެ.

އަދި 2015 ވަނަ އަހަރު ނިއުރޭޑިއަންޓް އިން ލީގު ކާމިޔާބުކުރިއިރު އެޓީމުގެ ކެޕްޓަން ބޭންޑު އަޅައިގެން ޓީމު ލީޑުކުރީވެސް އަސްހަދުއެވެ. މާޒިޔާއިން 2014 ވަނަ އަހަރުގެ އެފްއޭ ކަޕާއި 2016 ވަނަ އަހަރުގެ ލީގުގެ އިތުރުން 2017 ވަނަ އަހަރުގެ މާލޭ ލީގު ކާމިޔާބުކުރިއިރު އެޓީމުގައިވެސް މުހިންމު ދައުރެއް އޭނާ އަދާކޮށްފައިވެއެވެ.

ފޯވަޑެއްގެ ގޮތުގައި ފުޓުބޯޅަ ކެރިއަރުފެށި އަސްހަދު ބޮޑަށް ވިދާލީ އޭނާ މިޑްފީލްޑަރެއްގެ ގޮތުގައި ދެއްކި ތަފާތު މޮޅުކުޅުމާއި އެކުގައެވެ. ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކާ. ގައުމީ ޓީމުގެ ކެޕްޓަންކަން ކުރުމުގެ ޝަރަފުވެސް ހޯދާފައިވާ އަސްހަދު، ގައުމީ ޓީމުން ރިޓަޔާ ކުރީ 2018 ވަނަ އަހަރުއެވެ.

މީގެއިތުރުން 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕް 2014 ގެ ތިންވަނަ ހޮވާ މެޗުގައި އަފްގާނިސްތާނާއި ދެކޮޅަށް ޕެނަލްޓީ ޝޫޓްއައުޓުގައި އަޑުބަރޭ ޖެހި ޕެނަލްޓީ ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ. އަދި ޔޫޓިއުބާއި އެހެނިހެން މީސްމީޑިއާ ޕްލެޓްފޯމްތަކުގައިވެސް އެންމެ މޮޅު ޕެނަލްޓީ ތަކުގެ ލިސްޓެއް އެކުލަވާލާ ހަދާފައިވާ ތަފާތު ވީޑިއޯ ތަކުގައި އަޑުބާރެގެ ޕެނަލްޓީ ވަނީ ހިމެނިފައެވެ. އަދި މިމެޗުގައި އަފްގާނިސްތާނުން ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފައިވަނިކޮށް ރާއްޖެއިން ނަތީޖާ ހަމަހަމަކުރި ލަނޑަކީ އަސްހަދުގެ އެހީތެރިކަމާއިއެކު ކާމިޔާބުކުރެވުނު ލަނޑެކެވެ.

https://www.youtube.com/watch?v=MDZGVIOcIIU

އީގަލްސްއިން އެފްއޭ ކަޕަށް ޓީމު ވަރުގަދަކުރަން ކުރާ މަސައްކަތުގެ ތެރެއިން އިތުރު ކުޅުންތެރިންތަކެއްގެ ސޮއެ އެޓީމުން ވަނީ ހޯދާފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއްކުޅުންތެެރިއަކީ އެޓީމުގެ ފަހަތް ވަރުގަދަކުރުމަށްޓަކައި ގެނައި ކްލަބް ގްރީން ސްޓްރީޓްސް އަށް ކުޅެމުން އައި މިސްރުގެ ޑިފެންޑަރު އެލްސައީދް އެވެ.

ތަޖުރިބާކާރު ކޯޗް، މުހައްމަދު ޝިޔާޒް (މޯހަން) ގެ އިރުޝާދުގެ ދަށުން ސީޒަންފެށި އީގަލްސް އިން ވަނީ ވަރުގަދަ މާޒިޔާ ބަލިކޮށް ސީޒަން ފެށުމަށްޓަކައި ކުޅުނު ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނުނިމެނިސް އެޓީމުގެ ކޯޗުކަމުން މޯހަން އިސްތިއުފާ ދިނުމާއި ގުޅިގެން އޭގެފަހުން އީގަލްސް ކުޅުނު ދެމެޗުގައިވެސް އެޓީމު ކުޅުނީ އެސިސްޓަންޓް ކޯޗް އަހްމަދު ނިމާދު (ނިމާ) ގެ އިރުޝާދުގެދަށުންނެވެ.

އެއަށްފަހު ރަސްމީކޮށް އީގަލްސްގެ ހެޑް ކޯޗްކަމުގެ މަގާމާ ހަވާލުވީ މިދިޔަ ސީޒަނުގައި ޓީސީ ގޮވައިގެން އޭއެފްސީ ކަޕްގައި ކުޅުނު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

މި އަހަރުގެ މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބާއްވާއިރު، ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ސެންޓްރަލައިޒްކޮށް ބާއްވަން ނިންމި ނިންމުމުގެ ދަށުން މިމުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅުމަށް ނިންމިއެވެ. އެހެންނަމަވެސް ފަހުން އެ މުބާރާތް ވަނީ ކެންސަލް ކޮށްފައެވެ.

އޭއެފްސީ ކަޕުގައި ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަ ގްރޫޕް ޑީގެ ހުރިހާ މެޗެއް ރާއްޖޭގައި ކުޅޭއިރު މި ގްރޫޕްގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށާއި އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

ކޮލިފައިންގ ކާމިޔާބުކުރާ ޓީމަކަށް ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ ލިބޭއިރު، ރާއްޖެއިން ކޮލިފައިންގައި ވާދަކުރާނީ މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ހޯދި އީގަލްސްއެވެ. އެގޮތުން ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީއާ އީގަލްސް ވާދަކުރަން ޖެހޭއިރު، އެ މެޗު ކުޅޭނީ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އެ މެޗުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެވިގެންދާނީ އެއް ލެގަށެވެ.