އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯގެ ވެކްސިންގެ ރައްކާތެރިކަމާބެހޭ އެކްސްޕާޓުން ޖެނީވާގައި ބައްދަލުކުރަން ފަށައިފިއެވެ.

ޑަބްލިޔޫއެޗްއޯގެ ވެކްސިންގެ ރައްކާތެރިކަމާބެހޭ ޚާއްސަ އެކްސްޕާޓުންގެ ބައްދަލުވުން ފެށިއިރު، އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބައެއް މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެ، އެތައް ގައުމަކުން މިހާރުވަނީ އެ ވެކްސިންޖެހުން ވަގުތީގޮތުން ހުއްޓާލާފައެވެ.

ގައުމުތަކުގައި ކަންބޮޑުވުން އުފެދިފައިވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބައެއް މީހުންނަށް ބްލަޑް ކްލޮޓްވުމުގެ މައްސަލަތައް ދިމާވާކަމަށް ބެލެވޭތީއެވެ.

ރައްކާތެރިކަމާމެދު ސުވާލާއި ކަންބޮޑުވުން އުފެދިގެން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން މިހާތަނަށް ހުއްޓާލި ޔޫރަޕްގެ ގައުމުތަކަކީ، ފަރަންސޭސިވިލާތް، ޖަރުމަނު، ޕޯޗުގަލް، އިޓަލީ، ނެދަރލޭންޑްސް، ޑެންމާކް، ނޯރވޭ، އޮސްޓްރިއާ، އައިސްލޭންޑް، ރޫމޭނިއާ، ބަލްގޭރިއާ އަދި އަޔަރލޭންޑްއެވެ.

ޔޫރަޕްގެ މިލިސްޓަށް މިއަދު އިތުރުވެފައިވަނީ، ސައިޕްރަސް، ލަގްޒަމްބާރގް، ލެޓްވިއާ އަދި ސްވިޑަންއެވެ.

ޔޫރަޕުން ބޭރުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ފަސްކުރި ގައުމަކީ އިންޑޮނޭޝިޔާއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓިންގެ މައްސަލަ ދިމާވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް ބުނެ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އިއްޔެވެސްވަނީ، ވެކްސިން ކެމްޕެއިން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ދުނިޔޭގެ ގައުމުތަކަށް ގޮވާލާފައެވެ.

އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާގުޅޭ މައުލޫމާތު ދިރާސާކުރުމަށް ޑަބްލިޔޫއެޗްއޯގެ ވެކްސިން އެކްސްޕާޓުން ބައްދަލުކުރަން ފެށިއިރު، އެސްޓްރަޒެނެކާގެ ވެކްސިން ޖަހައިގެން ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވަމުންދާ ކަމަށް ބުނާ މައްސަލަތަކުގައި އެއްކުރެވިފައިވާ މައުލޫމާތު ރިވިއު ކުރުމަށް ޔޫރަޕިއަން މެޑިކަލް އޮތޯރިޓީވެސް މާދަމާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރިވިއުކުރުން ކުރިއަށްދިޔަ ނަމަވެސް، ވެކްސިން ކެމްޕެއިން ހުއްޓާނުލުމަށް ޔޫރަޕިއަން މެޑިކަލް އޮތީރިޓީންވެސް، އީޔޫގެ މެމްބަރު ގައުމުތަކަށް އިލްތިމާސް ކޮށްފައި ވެއެވެ.