އުމުރުން 18 އަހަރުން ދަށުންގެ ކުދިން އެއްވެސް ބޭނުމެއްގައި ގެއިން ބޭރަށް ނުކުތުން، ފިލިޕީންސްގެ ވެރިރަށް މެނީލާގައި މަނާކޮށްފިއެވެ.

މީގެކުރިން ގެއިން ބޭރަށް ނުކުތުން މަނާކޮށްފައި އޮތީ ކުޑަކުދިންނަށް ނަމަވެސް، އުމުރުފުރާ ފުޅާކޮށް، މިހާރުވަނީ 18 އަހަރުން ދަށުގެ ހުރިހާ އެންމެނަށް ގެއިން ބޭރަށް ނުކުތުން މަނާކޮށްފައެވެ.

މި ނިންމުމަށް އަމަލުކުރަން ފަށަނީ މާދަމާއިން ފެށިގެންނެވެ.

މިފިޔަވަޅަކީ، މެނީލާގައި ކޮވިޑްބަލި އަނެއްކާވެސް ވަރަށް ބާރަށް ފެތުރެމުންދާތީ، ބަލި ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މެނީލާގައި ހިމެނޭ ސިޓީތަކުގެ މޭޔަރުން މަޝްވަރާ ކުރުމަށްފަހު އަޅަން ނިންމި ފިޔަވަޅެކެވެ.

މެޓްރޯ މެނީލާ ޑިވެލޮޕްމަންޓް އޮތީރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބުދަ ދުވަހުން ފެށިގެން ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންނަށް އެކަނި ކަމަށެވެ.

ފިލިޕީންސަކީ ކޮވިޑްބަލި ފެތުރުން ހުއްޓުވަން އެންމެ ދިގުލައިގެންދިޔަ އަދި އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެއް ގައުމެވެ. އެ ފިޔަވަޅުތަކުގެ ދަށުން ވެރިރަށް މެނީލާގައި 15 އަހަރުން ދަށުގެ އެއްވެސް ކުއްޖަކަށް ގެއިން ބޭރަށް ނުނިކުމެވެއެވެ.

އެގައުމުގައި އަޅާފައި ހުރި ފިޔަވަޅުތަކަށް ލުއިދޭން ފަށާފައިވަނީ ނިމިގެންދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ.

މިމަހު ފިލިޕީންސްގައި ކޮވިޑްބަލި އަލަށްޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައި ވެއެވެ.

މިދިޔަ އިއްޔެއަކީ، މިދިޔަ އަހަރުގެ އޮގަސްޓުގެފަހުން އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

އިއްޔެ އެކަނިވެސް 5،404 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ.

މިކަމާހެދި، މެނީލާގައި އިއްޔެއިން ފެށިގެންވަނީ ދެ ހަފްތާގެ މުއްދަތަށް ރޭގަނޑަށް ކާފިއު ހިންގާފައެވެ.

މީގެއިތުރުން، މެނީލާގައި ބޮޑަށް ބަލި ފެތުރިފައިވާ ސަރަހައްދުތަކުގައި އިތުރު ފިޔަވަޅުތައްވެސް އަޅާފައި ވެއެވެ.