އެމެރިކާގެ ހުރިހާ ރައްޔިތުން ކޮވިޑް ވެކްސިން ޖެހުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިލްތިމާސް ކުރައްވައިފިއެވެ.

ޓްރަމްޕް ވިދާޅުވީ، ކޮވިޑް ވެކްސިންއަކީ ރައްކާތެރި އަދި ބަލިން ދިފާއުކޮށްދޭ ވެކްސިންތަކެއް ކަމަށެވެ.

ޓްރަމްޕް މިކަމަށް އިލްތިމާސް މިކުރެއްވީ، ފޮކްސް ނިއުސްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެކްސިނާ ގުޅޭގޮތުން ވާހަކަ މިދެއްކެވީ، ކޮވިޑް ބަލިން ސަލާމަތްވުމަށް އެމެރިކާގައި ވަރުގަދަ ވެކްސިން ޕްރޮގްރާމެއް ކުރިއަށްދާއިރު، ޓްރަމްޕްގެ ސަޕޯޓަރުންނާއި، ރިޕަބްލިކަން ޕާޓީގެ މެމްބަރުންނާއި އަދި އެމެރިކާގެ ގިނަ ބަޔަކު އަދިވެސް ވެކްސިން ޖެހުމަށް ދެކޮޅު ހަދަމުންދާތީއެވެ.

މިކަމުގެ ސަބަބުން، ކޮވިޑް ބަލިން އަރައިގަތުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސްތަކާއި ނުރައްކާތައް ކުރިމަތިވެފައެވެ.

އެމެރިކާއަކީ ކޮވިޑް ބަލީގެ ހާލަތު ދުނިޔޭގައި އެންމެގޯސް، އަދި ބަލީގައި އެންމެ ގިނަމީހުން މަރުވެފައިވާ ގައުމުވެސް މެއެވެ.

ޓްރަމްޕްވަނީ، އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އޭނާއަށް ވޯޓުދެއްވި ހުރިހާ އެންމެން ވެކްސިން ޖެހުމަށް އިލްތިމާސް ކުރައްވާފައެވެ.

ވެކްސިން ޖެހުމާއި ނުޖެހުމަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ މިނިވަންކަމުގެ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ކޮވިޑް ވެކްސިނަކީ ރައްކާތެރި އަދި ކޮވިޑް ޖެހުމުން ދުރުކޮށްދޭ އެއްޗެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ވެކްސިނާ ދެކޮޅު ހައްދަވައި، އަދި ކޮވިޑް ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމާއި، މާސްކް އެޅުމަށްވެސް ދެކޮޅު ހައްދަވަމުން ގެންދެވި ޑޮނަލްޑް ޓްރަމްޕް، ވައިޓްހައުސްއިން ނުކުމެވަޑައި ގަތުމުގެ ކުރިން ސިއްރިއްޔާތުގައި ވެކްސިން ޖައްސަވާފައިވާކަން ދާދިފަހުންވަނީ ހާމަވެފައެވެ.

ވެކްސިން ޖެހުމަށް އާންމުންނަށް ހިތްވަރު ދެއްވުމުގެ ގޮތުން މިހާރުގެ ރައީސް ޖޯ ބައިޑެންއާއި، ނައިބް ރައީސް ކަމަލާ ހެރިސް ޑިސެމްބަރުމަހު ވެކްސިން ޖެއްސެވީ މީޑިއާގެ ކުރިމަތީގައެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާއާއި، ޖޯޖް ޑަބްލިޔޫ ބުޝްއާއި، ބިލް ކްލިންޓަންވެސް ވެކްސިން ޖެއްސެވީ ކެމެރާތަކުގެ ކުރިމަތީގައެވެ. އެއީވެސް ވެކްސިނަށް ރައްޔިތުންގެ އިތުބާރު ހޯދުމުގެ ގޮތުންނެވެ.

އެކަމަކު، ޓްރަމްޕް ރައީސްކަމުގައި ހުންނަވައި، ވެކްސިން ޖެއްސެވީ ސިއްރިއްޔާތުގައި ކަމުން، އެކަމާ ގިނަބައެއްގެ ފާޑުކިއުން ޓްރަމްޕަށް އަމާޒުވެގެން ދިޔައެވެ. ޓްރަމްޕްގެ ވެކްސިން ޖެއްސެވިކަން އޭނާގެ އެންމެ އަރިސް ބޭފުޅުންނަށްވެސް އެނގިވަޑައެއް ނުގަންނަވައެވެ.

އާންމުން ވެކްސިން ޖެހުމަށް ހިތްވަރު ދެއްވުމަށް ރިޕަބްލިކަން ޕާޓީގެ ތެރެއިން ޓްރަމްޕަށާއި، އޭނާގެ ވެރިކަމުގެ ނައިބް ރައީސް މައިކް ޕެންސަށް މިފަހުން ގޮވާލުންތައް އިތުރުވެފައި ވެއެވެ.