ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއާއި، ވެކްސިން އެލަޔަންސް ގުޅިގެން ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ފޮނުވި ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ފަލަސްތީނަށް ގެންގޮސްފިއެވެ.

ވެކްސިން ޝިޕްމަންޓް ފަލަސްތީނަށް ގެންދިޔައީ އިސްރާއީލު މަގުންނެވެ.

ކޮވެކްސް ފެސިލިޓީގެ ދަށުން ކުރިއަށްއޮތް މަސްތަކުގައި ފަލަސްތީނަށް ވެކްސިންގެ އިތުރު ޝިޕްމަންޓްތައް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.

ފަލަސްތީނު ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ދަށުން ފަލަސްތީނަށް މިއަދު ލިބުނީ ފައިޒަރ/ބަޔޯއެންޓެކްގެ 38،000 ޑޯޒާއި، އޮކްސްފޯޑް/އެސްޓްރަޒެނެކާގެ 24،000 ޑޯޒްގެ ވެކްސިނެވެ.

މީގެތެރެއިން ފައިޒަރގެ ވެކްސިން އާދީއްތަ ދުވަހުން ފެށިގެން ޖަހަން ފަށާނެ ކަމަށާއި، ނަމަވެސް، ޑަބްލިޔޫއެޗްއޯއިން ސައިންޓިފިކް ނިންމުމެއް ނިންމަންދެން އެސްޓްރަޒެނެކާގެ ވެކްސިން ގުދަންކޮށްފައި ބަހައްޓާނީ ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ.

އެސްޓްރަޒެނެކާގެ ވެކްސިނާ ގުޅޭގޮތުން ދުނިޔޭގައި ކަންބޮޑުވުންތަކެއް އުފެދެމުންދާތީ، އެ ވެކްސިން ރިވިއުކުރުމުގެ މަސައްކަތް ޑަބްލިޔޫއެޗްއޯގެ ވެކްސިންގެ ރައްކާތެރިކަމާބެހޭ ޚާއްސަ އެކްސްޕާޓުންގެ ޕެނަލުން އިއްޔެ ފަށާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ހާމަކޮށްފައި ވެއެވެ.

ވެކްސިން އެކްސްޕާޓުން ރިވިއުކުރުން ކުރިއަށް ގެންދިޔަ ނަމަވެސް، ވެކްސިން ކެމްޕެއިން މެދުކަނޑާނުލާ ކުރިއަށް ގެންދަން ޑަބްލިޔޫއެޗްއޯއިން ހޯމަދުވަހުވަނީ ގައުމުތަކަށް ގޮވާލާފައެވެ.

ފަލަސްތީނު ސަރުކާރުން ބުނެފައިވަނީ، އަލަށް ލިބުނު ވެކްސިންގެ ސަބަބުން، ހުޅަނގު އައްސޭރިއާއި، ޣައްޒާގައި ވެކްސިން ޖެހުމަށް ހިންގާ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް އަންނާނެ ކަމަށެވެ.

ފަލަސްތީނު ސަރުކާރުން އުންމީދުކުރަނީ އާބާދީގެ %20، ކޮވެކްސް ފެސިލިޓީގެ ދަށުން ލިބޭ ވެކްސިނުން ކަވަރ ކުރެވޭނެ ކަމަށެވެ.

އަލަށް ލިބުނު ވެކްސިން ބޭނުންކުރާނީ ސިއްހީ އެހީތެރިންނާއި، ކެންސަރާއި ކިޑްނީގެ ބަލިތަކުގެ މީހުންނާއި އަދި އުމުރުން 75 އަހަރުން މަތީގެ މީހުންނަށް ކަމަށްވެސް ބުނެފައި ވެއެވެ.

ފަލަސްތީނު ސަރުކާރުން ކޮވިޑް ވެކްސިން ދިނުމުގައި ސަރުކާރުގެ މިނިސްޓަރުންނާއި، ވީއައިޕީންނަށް އިސްކަންދޭ މައްސަލަ ފެންމަތިވެ، ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުން ގޮސްފައި ވެއެވެ.

މިމައްސަލަ ތަހްގީގު ކުރުމަށް ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުނާއި، މަދަނީ ޖަމާއަތްތަކުންވަނީ ގޮވަލާފައެވެ.