އާދަކާދަ (އުރުފު) އަކީ ބަޔަކު މީހުން ޒަމާނުންސުރެ އަމަލުކުރަމުން އަންނަ ގޮތްތަކަށް ދެވިފައިވާ ނަމެކެވެ. ކޮންމެ ބައެއްގެ ތެރޭގައިވެސް ހަރުލާފައިވާ އަދި އަމަލުކުރަމުން އަންނަ ގޮތްތަކެއް ހުންނާނެއެވެ. އެކި ތަންތަނުގައި އަމަލުކުރަމުން އަންނަ ގޮތްތައް ތަފާތުވުމަކީ ވެދާނެކަމެވެ. މިކަން މިހެންވުމުގައި ސަބަބުތަކެއް ހުރެއެވެ. އެއީ ދީނުގެ އުސޫލުތަކާއި މުޖުތަމައު ބައްޓަންވެފައިވާ ގޮތުންނާއި ސަރަހައްދުގެ ގޮތުންނެވެ. އަދިވެސް އެހެން ސަބަބުތައް ހުރެދާނެއެވެ. މިކަންކަމަށް އާދަކާދައޭ ކިޔައިއުޅެއެވެ.
އާދަކާދަ، އާދަކާދައަކަށްވުމުގައި ހަމަވާންޖެހޭ ޝަރުތުތަކެއް ވެއެވެ. މިއީ ކުއްލިއަކަށް އުފަންވާ ކަމެއްނޫނެވެ. މިކަމަކީ ދިގުޒަމާންތަކެއްވެ އެތަނެއްގެ އަހުލުވެރިން އެކަމަށް ތަބާވާ، އެބަޔަކު ބަލައިގަނެފައިވާ އަދި ރަނގަޅުކަމެއް ކަމުގައި ދެކޭ ކަންކަމެވެ. މިޝަރުތުތައް ފުރިހަމަވުމުން އާދަކާދައެއް ގޮތުގައި އެކަން ދެމިއޮވެއެވެ. ތާރީހުގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޒަމާން ބަދަލުވަމުން ދިޔުމަކީ ދިގު މުއްދަތުން އާދާކާދައަށް ބަދަލު އަންނަ ސަބަބެކެވެ.
މިއީ ދިވެހިރާއްޖެ ބަލައިގަނެފައިވާ މަބްދައުއެއްކަން އެނގެނީ ބައެއް ޤާނޫނުތަކުގައި އެކަމަށް ނަޒަރުކޮށްފައިވާތީއެވެ. އާދަކާދައަކީ ޤާނޫނެއް އުފަންވުމުގެ އަސްލެކެވެ. ބަޔަކު އަމަލުކުރަމުންދާ ގޮތް ޤާނޫނެއްގައި ލިޔެވިފައި ނެތަސް އެކަމަށް ޤާނޫނީ ބުރަދަންދެވޭނެއެވެ. ދުނިޔޭގެ ޤައުމުތަކުން ނިންމުންތައް ނިންމުމުގައި މިކަމަށް ރިއާޔަތްކުރާއިރު، އިންސާފުގެ މަގަށް ރުޖޫއަވުމަށް މިއީ ވަރަށް މުހިންމު މަސްދަރެކެވެ.
އިސްލާމީ ޝަރީއަތުގައި މިކަމަށް ވަރަށްބޮޑަށް އަހަމިއްޔަތުކަން ދީފައިވެއެވެ. އެގޮތުން ފިޤްހީ ޤާއިދާއެއްގެ މާނައިގައިވެއެވެ. ''އާދަކާދައަކީ އެމައްޗަށް ހުކުމްކުރެވޭނެ ޝަރުއީ ހުއްޖަތެކެވެ.'' މިހެންނެވެ. ބުއްދި ޤަބޫލުކުރާ ނަޒަރިއްޔާތަށް ބަލާއިރު، ހެދުންފަހާ މީހަކު ގަމީހުގެ ކަނާއަތް ފަރާތުގައި ޖީބު ހަރުކުރަނީ މީހަކު އެދިގެން ނުވަތަ ބުނެގެން ނޫނެވެ. އަދި އެކަން ޤާނޫނެއްގައި ލިޔެފައިވާތީއެއްވެސް ނޫނެވެ. މީހުން ބަލައިގަނެފައިވާ ގޮތަކީ އެއީކަމަށްވާތީއެވެ.
މަހަށްގޮސް އައިސް މަސްބަހާނެ ގޮތާގުޅޭ ޤާނޫނެއް ނެތެވެ. ކަންކުރަންޖެހޭ ގޮތް ލިޔެފައިވާ ލިޔުމެއްވެސް ނުމެއޮވެމެއެވެ. މައްސަލައެއް ނުޖެހި މިއަދާއިހަމައަށްވެސް މިކަން އޮތީ މިހެންނެވެ. އެކަންކުރަނީ ކުރިންވެސް އަމަލުކުރަމުން އަންނަ ގޮތަށެވެ. ރެސްޓޯރަންޓުތަކުގައި ފްރައިޑްރައިސްއަށް އަގު ޖަހާފައި ހުންނަނީ އެއްވައްތަރު ފްރައިޑްރައިސް ކަމަށްވާނަމަ އެއްއަގެވެ. ފްރައިޑްރައިސްގެ 2 ތަށީގައި ހިމެނޭ ބަތްފުށްތައް އެއްވަރުވުމަކީ މުސްތަހީލުކަމެކެވެ. އެހެންވިޔަސް އަގު ނަގަނީ ބަތްފުށް ގިނަ ފްރައިޑްރައިސްއާއި މަދު ފްރައިޑްރައިސްގައިވެސް އެއް ވަރަށެވެ. މިގޮތަށް ކިތައްމެ ކަމެއް ފެންނަން އެބަހުއްޓެވެ.
އާދަކާދައަކީ އެއާއިނުލާ ޤާނޫނީ ނިޒާމު ފުރިހަމަ ނުވާނެ އެއްޗެކެވެ. ޤާނޫނީ ރުކުނެކެވެ. އުންސުރެކެވެ. މައްސަލައެއް ޖެހިއްޖެނަމަ އާދަކާދާއަށް ބެލުމަށްފަހު ކޯޓުތަކުވެސް ކަންކަން ނިންމުމަކީ ކުރެވޭނެ ކަމެކެވެ. އަދި އެކަން އެހެން ކުރަމުންވެސް އައިސްފައިވެއެވެ. އާދަކާދައާއި ފުށުއަރާ ގޮތަށް ޤާނޫނެއް ގެނައުން ދުސްތޫރީ ހަމަ ތަނެއް ނުދެއެވެ. އެގޮތަށް ޤާނޫނެއް އައިސްފިނަމަ އެ ޤާނޫނެއް، މުޖުތަމައު ބަލައިނުގަތުގެ ސިފަ ފާޅުވާނެއެވެ. އާދަކާދައިގެ ގޮތުގައި މީހުން ބަލައިގަނެފައިވާ ކަންކަމުގެ މައްޗަށް ނިންމާ ނިންމުންތަކަކީ އެކަމަށް ޤާނޫނީ ބުރަދަން ދެވިފައިވާ ކަމެއްގޮތުގައި ބަލަންވާނެއެވެ.
އާދަކާދައެއް ބަދަލުކޮށްލަން މަސައްކަތްކުރުމަކީ، ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ނުބައި ކަމެއްގެ މައްޗަށް އާދަކާދައެއް ތަރުތީބުވުމަކީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. އެހެންކަމުން އާދަކާދައަށް ބޯލަނބާ ކިޔަމަންވުމަކީ ޤާނޫނަށް ބޯލަނބާ ކިޔަމަންވުމެވެ. ރަނގަޅު އާދައެއްގެ މައްޗަށް ތަރުތީބުގެން އަންނަ ކޮންމެ ކަމަކީ ރަނގަޅުކަމެކެވެ. އާދަކާދައަކީ ޤާނޫނީ ހުއްޖަތަކަށް ވެގެންދަނީ އެހެންވީމައެވެ. އާދަކާދައާއި ނުލައި ޤާނޫނީ ނިޒާމު ފުރިހަމައެއް ނުވާނެއެވެ.
މިކަހަލަ ދިރާސީ ލިޔުންތައް އިތުރުކޮށްލަ ދެއްވާ...
ވަރަށް ރަނގަޅު ލިޔުމެއްކަން ފާހަގަކޮށް ލިޔުންތެރިޔާއަށް ޝުކުރުވެރިވަން