ރާއްޖޭގެ ކުޅިވަރު ކުރިއަރުވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީކުރުމަށް އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވެވުނު އެމްއޯޔޫއަށް، އިންޑިއާ ސަރުކާރުގެ ކެބިނެޓުން ރުހުންދިނުމުން، ރާއްޖޭގެ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފް އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ.

2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހެދުނު މި އެމްއޯޔޫ އަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ރުހުންދިންކަން ހާމަކޮށް އޯލް އިންޑިއާ ރޭޑިއޯ ނިއުސް އިން ލިޔުނު އާޓިކަލް އެއް ޓުވީޓު ކުރައްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޒުވާނުން އަދި ކުޅިވަރާއި ގުޅުންހުރި ކަންކަމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ހެދުނު މި އެމްއޯޔޫއަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ރުހުންދިނުމުން އެކަމާ އުފާކުރައްވާ ކަމަށާއި، މިކަން ހާސިލް ކޮށްދެއްވުމަށްޓައި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީ އާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އަދި އިންޑިއާގެ ކުޅިވަރާބެހޭ ވަޒީރު، ކިރަން ރިޖީޖޫ ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ބައިލެޓަރަލް އެކްސްޗޭންޖް ޕްރޮގްރާމް" އެއްގެ ދަށުން ދެގައުމުގެ ކުޅިވަރާއި ޒުވާނުންނާއި ގުޅުންހުރި އެކިއެކި ކަންކަން ކުރިއެރުވުމަށްޓަކައި ވެވުނު މި އެއްބަސްވުމުގެ ދަށުން، ދެގައުމުގައިވެސް ސްޕޯޓްސް ސައިންސް، ސްޕޯޓްސް މެޑިސިން، ކޯޗިންގ ޓެކްނިކްސްގެ އިލްމު އިތުރުކޮށް ދެގައުމު ގުޅިގެން ކުޅިވަރުގެ ހާއްސަ ފެސްޓިވަލް ތަކާއި ކޭމްޕްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމުގެ ސަބަބުން ކުޅިވަރުން ބައިނަލްއަގްވާމީ މައިދާނުގައި އެތްލީޓުންނަށް ބޮޑެތި ކާމިޔާބީތަކެއް ހޯދުމުގެ ހާއްސަ ތަމްރީނުތަކެއްދެވި، އެކަމުގެ މަގު ފަހިވެގެންދާއިރު ކުޅިވަރުގެ އިތުރުން އެހެންކަންކަމުގައިވެސް ދެގައުމުގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށް، އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އަދި މި އެމްޔޫއޯގެ ސަބަބުން ލިބޭ ފައިދާތައް ލިބުމުގައި ވަކި ޖިންސަކަށް، ވަކި ފަންތިއަކަށް އަދި ވަކި ދީނެއްގެ ބަޔަކަށް ތަފާތުކުރުމެއް ނުގެންގުޅެ، ހަމަހަމަކަމާއިއެކު ދެގައުމަށް ނިސްބަތްވާ ކޮންމެ ރައްޔިތަކަށްވެސް މިކަމުގެ ފައިދާ ކުރާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މިނިސްޓަރ މަހްލޫފް ޝުކުރު އަދާކުރައްވާ ކުރެއްވި ޓުވީޓު ރީޓުވީޓް ކުރައްވާ އިންޑިއާގެ ކުޅިވަރާބެހޭ ވަޒީރުމ ކިރެން ރިޖީޖޫވެސް ވަނީ ޓުވީޓެއް ކުރައްވާފައެވެ. މި ޓުވީޓުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އާއި އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރާ މޯދީގެ ހިންގުންތެރި ލީޑާޝިޕްގެ ދަށުން އިންޑިއާ އާއި ރާއްޖޭގެ ރަހުމަތްތެރިކަން އައު ހަރުފަތަކަށް ހިނގައްޖެކަން ފާހަގަކުރައްވާފައި ވެއެވެ، އަދި ކޮވިޑްގެ ހާލަތުން އަރައިގަނެވުމުން މިނިސްޓަރ މަހްލޫފް އާއިއެކު ދެގައުމުގެ ކުޅިވަރު ހަރަކާތްތައް ފެށުމަށް އުންމީދު ކުރައްވާކަމަށްވެސް ކިރެން ވިދާޅުވިއެވެ.

އެމްއޯޔޫ އަށް އިންޑިއާ ސަރުކާރުގެ ކެބިނެޓުން ރުހުންދީފައިވާއިރު ފާއިތުވީ ފެބްރުއަރީ މަހު "މޯލްޑިވްސް އިންޑިޔާ ޕާޓްނަރިންގ އިން ދަ ޑިވެލޮޕްމަންޓް އޮފް ޔޫތް އެންޑް ސްޕޯޓްސް" އިވެންޓުގައި ވާހަކަދައްކަވަމުން އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު ވަނީ ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް ގާއިމްކޮށް ތަރައްގީ ކުރުމަށްޓަކައި އިންޑިއާއިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

އިންޑިއާގެ އެހީގައި ރާއްޖޭގައި ކުޅިވަރު ކުޅުމަށާއި، ރަނގަޅު ސިއްހަތެއްގައި ހުރުމަށްޓަކައި ކަސްރަތުކުރާނެ ވަސީލަތްތައް ގާއިމުކުރުމަށްޓަކައި، މާލީގޮތުން ބޮޑެތި އެހީތެރިކަމެއް ފާއިތުވީ ދެއަހަރު ދީފައިވާއިރު އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު ވަނީ ދީފައެވެ. އަދި 1996 ވަނަ އަހަރުން ފެށިގެން މުޅި މާލޭގެ ރައްޔިތުން ކަސްރަތުކުރުމަށްޓަކައި އަދި ރަނގަޅު ސިއްހަތެއްގައި ހުރުމަށް ތަފާތު އެތައް ހަރަކާތްތަކެއް ހިންގަމުން އައި އެކުވެނި ދުވާ ޓްރެކް ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ އަހަރު ހުޅުވީވެސް އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންނެވެ.

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ތަރައްގީކޮށް ކުޅިވަރު އެތްލީޓުން ތަމްރީނުކުރުމުގެ އިތުރުން ހުރިހާ ދިވެހި ރައްޔިތުންވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގިނަގުނަ ވަސީލަތްތަކެއް ވަނީ ގާއިމްކޮށްދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މިހާތަނަށް ކުޅިވަރުގެ މަޝްރޫއުތަކަށް 345 މިލިޔަން ރުފިޔާއަށް ވުރެ ގިނައިން ވަނީ ޚަރަދުކޮށްފައެވެ.

މިސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން މާލެ ފިޔަވާ އަތޮޅުތެރޭގައި ރަނގަޅު ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކެއް އެޅުމަށް ނިންމާފައިވާއިރު މިހާތަނަށް 40 އަށްވުރެ ގިނަ ރަށުގައި ޓާފް ފުޓުބޯޅަ ދަނޑު އެޅުމަށް ކޮންޓްރެކްޓް އުސޫލުން ވަނީ ހަވާލް ކޮށްފައެވެ. އަދި 8 ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ވަނީ ޓާފް އަޅާފައެވެ. މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 57 ފުޓްސަލް ދަނޑާއި 104 ކުޑަކުދިންގެ ޕާކުވެސް ވަނީ ގާއިމްކޮށްފައެވެ.