ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި ނަމަވެސް، އެ ވެކްސިނާމެދު އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް އިންޑިއާއިން ހާމަކޮށްފިއެވެ.

ހަމަ އެއާއެކު، އިންޑިއާއިން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްޓާނުލާ ކުރިއަށް ގެންދާނޭ ކަމަށްވެސް ބުނެފައި ވެއެވެ.

އޮކްސްފޯޑް/އެސްޓްރަޒެނެކާއިން އީޖާދުކުރި ކޮވިޑް ވެކްސިން އުފައްދަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުންނެވެ. އެ ވެކްސިނަށް އިންޑިއާގައި ދީފައިވާ ނަމަކީ "ކޮވިޝީލްޑް" އެވެ.

އިންޑިއާގެ ރައްޔިތުންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 35 މިލިއަން މީހުންނަށް ވެކްސިން ދީފައިވާއިރު، އޭތެރެއިން ގިނަ މީހުން ޖަހާފައިވަނީވެސް އެސްޓްރަޒެނެކާގެ ވެކްސިނެވެ.

އެ ވެކްސިން ޖަހާ ބައެއްގެ މީހުންނަށް ބްލަޓް ކްލޮޓް ނުވަތަ ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވާކަމުގެ ރިޕޯޓްތަކާ ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލާފައެވެ.

އެ ގައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ބޮޑެތި ގައުމުތައް ކަމަށްވާ ފަރަންސޭސިވިލާތް، ސްޕެއިން، ޖަރުމަނުވެސް ހިމެނެއެވެ.

އެސްޓްރަޒެނެކާގެ ވެކްސިނަކީ ރާއްކާތެރި ވެކްސިނެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެ، އަދި އެސްޓްރަޒެނެކާގެ ވެކްސިނަށް ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ޔޫރަޕިއަން ޔޫނިއަންގެ މެޑިސިންސް ރެގިއުލޭޓަރ އީއެމްއޭއިން ބުނެފައިވީ ނަމަވެސް، ޔޫރަޕްގެ ބައެއް ގައުމުތައް އަދިވެސް ތިބީ މަޑުކޮށްލައިގެންނެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނެފައިވަނީ، ސައިޑް އިފެކްޓްސްގެ ރިސްކަށްވުރެ އެސްޓްރަޒެނެކާގެ ވެކްސިނުން ލިބޭ ފައިދާ މާބޮޑު ކަމަށެވެ.

އިންޑިއާ ސަރުކާރުގެ ވެކްސިނާބެހޭ އެޑްވައިޒަރީ ގްރޫޕްގެ މެމްބަރު ވިނޯދު ކޭ ޕޯލް ވިދާޅުވީ، ވެކްސިނާމެދު އުފެދިފައިވާ ކަންބޮޑުވުންތައް ކަމާބެހޭ ކޮމިޓީން މިހާރު ރިވިއުކުރަމުންދާ ކަމަށާއި، ނަމަވެސް، ބްލަޑް ކްލޮޓްވުމާއި، ވެކްސިނާ ގުޅުމެއް ވާކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައި ނުވާކަމަށެވެ.

"އަދިވެސް އަޅުގަނޑު ޔަގީންކަންދެން، މިކަމުގައި ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްގެ ނިޝާނެއް ނުފެނޭ. އެހެންވެ، އަޅުގަނޑުމެންގެ ވެކްސިން ޕްރޮގްރާމް ބާރަށް ކުރިއަށްދާނެ. އެހެން މަސްދަރުތަކުން ލިބޭ މައުލޫމާތުވެސް އިންޑިއާއިން ގެންދަނީ ބަލަމުން. އެކަމަކު، މިއަދާ ހަމައަށް ކަންބޮޑުވާންޖެހޭ އެއްވެސްކަމެއްނެތް"
ވިނޯދު ކޭ ޕޯލް

އިންޑިއާގައި އެސްޓްރަޒެނެކާގެ ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެބޮޑު ކުންފުންޏެވެ.

އެ ކުންފުނިން އުފެއްދި އެސްޓްރަޒެނެކާގެ ވެކްސިންގެ އެތައް މިލިއަން ޑޯޒެއް ދުނިޔޭގެ އެތައް ގައުމަކަށް އެކްސްޕޯޓް ކޮށްފައި ވެއެވެ. ވެކްސިން ފޮނުވި ގިނަ ގައުމުތަކަކީ ދުނިޔޭގެ ފަގީރު ގައުމުތަކެވެ.