"ނާއިލް ޝާލިނީއާއި ކައިވެނި ކުރަން އުޅުނު ހަބަރަކީ ނިޒާމަށް ކެއްކުރަން ދަތިވި ހަބަރެކެވެ. އެހެންކަމުން ނިޒާމްބެލީ ނާއިލްގެ ދުވަސް ދުއްވާލުމަށެވެ. އެގޮތުން ނިޒާމްގެ ޑީލަރުންގެ ތެރެއިން މީހަކު މެދުވެރިކޮށް ނާއިލް އެކްސިޑެންޓްކޮށްލީއެވެ. މިކަން އަދި އެކަކަށްވެސް ނޭނގޭނެއެވެ. މިއީ ނިޒާމްގެ ބޮޑު ސިއްރެވެ. މިސިއްރު ކޮންމެވެސް ދުވަހަކުން އެނގޭނެއެވެ."

*****

(13 މާޗް 2021 އާ ގުޅޭ)

ޝާލިނީގެ ބައްޕަ އިބްރާހިމްފުޅަކީ ރަށުގެ ނަންހިނގާ ވިޔަފާރިވެރިއެއް ކަމަށްވާ ނިޒާމުގެ ފިހާރައެއްގައި މަސައްކަތްކުރާ މީހެކެވެ. ނިޒާމަކީ ރަށުގެ ޒުވާނުންގެ މެދުގައި ބަސްކިޔާ މީހެކެވެ. ނަމަވެސް އެންމެނަށް އެނގޭ ހަޤީޤަތަކީ ކުރިން ނިޒާމަކީ އެހާ މުއްސަނދި މީހެއް ނޫންކަމެވެ. އޭނާ ކިޔަވައިގެން ރަށަށް އައިސް ކުއްލިއަކަށް ފެނުނީ ވިޔަފާރިވެރިއެއްގެ ގޮތުގައެވެ. މީހުން ބުނާ ގޮތުގައި ނިޒާމް މާލެ ދިޔައީ ކިޔަވާކަށް ނޫނެވެ. ރަނގަޅު ވަޒީފާއަކަށެވެ.

މީހުންގެ ލޯމައްޗަށް ހަޤީޤަތް ނޭގުނު ނަމަވެސް ނިޒާމަކީ އެންމެ ކުޑަ ދުވަހުއްސުރެވެސް ޝާލިނީދެކެ ލޯބިވާ މީހެއްކަމެވެ. އެތައް ފަހަރަކު މަގުމަތިން ޝާލިނީ ހިފަހައްޓައި ލޯތްބަށް އެދި ސަލާންޖަހާފައިވާ ކަމެވެ. ނަމަވެސް ޝާލިނީ އެކަމަށް އިންކާރުކޮށްފައި ވާކަމެވެ. ނިޒާމްގެ ދިރިއުޅުން ހުންނަ ގޮތުން މީހުންގެ ކުރިމަތީ އޭނާގެ ޤަދަރު އުފުލެއެވެ. ނަމަވެސް އަޑީގައި ފޮރުވިފައިވާކަމެއް އެކަކަށްވެސް ނޭޏގޭނެއެވެ. އަދި އޭނައަކީ ރަށުގައި މަސްތުވާތަކެތި ޑީލްކުރާ މީހެއްކަމެއް އެކަކަށްވެސް ނޭޏގެއެވެ. އޭނާ އެކަން ކުރަނީ ވަރަށް ސިއްރުންނެވެ. އޭނާ ޑިލް ކުރުމުގައި ގެންގުޅޭ އުކުޅުތަކާއި، އޭނާއަށް އެކަމުގައި ވާގިދޭ ރަޙްމަތްތެރިންނަކީ ހުދު ކޮބައިކަމެއް އެކަކަށްވެސް ނޭގެއެވެ.

ޝާލިނީގެ ބައްޕަ އިބްރާހިމްފުޅަކީ ނިޒާމްއަށް ވަރަށް ސަޕޯޓްކުރާ މީހެކެވެ. އެހާ ޒުވާންއިރު ރަށުގެ ޤަދަރުވެރި ވިޔަފާރިވެރިއަކަށް ވުމުންނެވެ. އަދި އޭނާގެ ފިހާރައެއްގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާތީއެވެ. އިބްރާހިމްފުޅަކީ ސަކަ މިޒާޖެއްގެ މީހަކަށްވުމުން ޒުވާން ބައެއް ފިރިހެންކުދިން ޝާލިނީއާއި ކައިވެނިކުރަން ބޭނުންކަމަށް އިބްރާހިމް ފުޅުގާތު ބުނެއެވެ. ނަމަވެސް އެއީ އެކުދިން މަޖަލަކަށް ދައްކާ ވާހަކަކަމަށް ހީކޮށްލައިގެން އިބްރާހިމްފުޅު އުޅެނީއެެވެ.

މިގޮތުން އެއްދުވަހަކު ރަށުގެ ބަނދަރު ފަރާތުގައި ހުރި ޖޯއްޔެއްގައި އިބްރާހިމް ފުޅު އޮށޯވެލައިގެން އޮއްވާ ނިޒާމް އެތަނަށް އައެވެ. އަދި ޖެހިގެންހުރި ޖޯލީގައި ޖައްސާލުމުން އިބްރާހިމްފުޅު ވާހަކަ ދައްކަން ފެށިއެވެ.

"ނިޒާމަށް އެނގޭތަ. މިހާރު މިރަށުގައި ޑްރަގުބޯ ކުދިން ވަރަށް ގިނަ. ކުރިންދުވަހަކުވެސް އެހެރަ އާދަނުގެ ދަރި ފައިޒާން ބޮއެގެން ހުއްޓާ ފުލުހުންނަށް ފެނިގެން ގެންގޮއްސި" މިހެން ބުނުމުން ނިޒާމުގެ މޫނުން ކޮންމެވެސް ވަރަކަށް ހާސްކަން ފެނުނެވެ. ނަމަވެސް ކީއްކުރާނީ ހޭ ބުނެލިއެވެ.

މިހެން ބުނުމާއެކު އެކުދިންނަށް ހެޔޮމަގެއް ދައްކަން މިއަދު މިރަށުގައި ހުރި ޒުވާނަކީ ތީ ނޫންހޭ ބުންޏެވެ. އަދި ނިޒާމްގެ ވަޒީފާއެއްގައި ބޭބެ މަސައްކަތްކޮށްގެން ލިބޭ ލާރިކޮޅުން ބޭބެގެ ދިރިއުޅުންވެސް މަޑުމަޑުން ރަނގަޅުވަމުން ދާކަމަށް އިބްރާހިމްފުޅު ބުންޏެވެ.

މިހެން ބުނުމުން ބޯ ޖަހާލުމަށްފަހު ނިޒާމް ވާހަކަ ފެށިއެވެ. ''އިބްރާހިމްފުޅުބެ ގާތު ކަމަކު ކިޔަންވެގެން މިއައީ"

އިބްރާހިމްފުޅު؛ އެއީ އަނެއްކާ ކޮންކަމެއް. ނިޒާމްފަދަ މާތް މީހަކު ބުނުމުން އިބްރާހިމްފުޅުބެއަށް ކޮށްދެވޭވަރުގެ ކަމެއް ވިއްޔާ ކޮށްދޭނަން. އަވަހަށް ބުނޭ.''

މިހެން ބުނުމުން އިބްރާހިމްފުޅުގެ ދަރި ޝާލިނީ ދެކެ ވަރަށް ކުރީއްސުރެ ލޯބިވާ ކަމަށާއި، އޭނާއާއި އިންނަން ބޭނުންވާކަމަށް ބުންޏެވެ. އަދި އެކަން ވެއްޖެނަމަ އިބްރާހިމްފުޅުބެގެ ދެކަނބަލުން ހައްޖަށް ފޮނުވާނެ ކަމަށްވެސް ބުންޏެވެ.

މިހެން ބުނުމާއެކު ވަރަށް އުފަލުން ހުރެ' "އިރާދަކުރެއްވިއްޔާ ތިކަން ވާނެޔޭ، އަހަރެމެން ކަހަލަ ނިކަމެތި އާއިލާއަކަށް ތިޔަފަދަ ފުރިހަމަ ދަނބިދަރިއެއް ލިބުމުން ވަރަށް އުފާވާކަމަށް ބުންޏެވެ. މިހެން ބުނެ އިބްރާހިމްފުޅު ގެއަށް ދިޔައެވެ. އިބްރާހިމްފުޅު ދާތަން ފެނުމުން މަކަރުވެރި ގޮތަކަށް ނިޒާމް ބަލާލަމުން ހީލުމަށްފަހު އެނބުރި ދިޔައެވެ.

އިބްރާހިމްފުޅު ގެއަށްގޮސް އޭނާގެ އަންހެނުން ވަހީދާއަށް ގޮވާލިއެވެ. ވަހީދާ ބަދިގެތެރޭގައި ހުރެފައި އިބްރާހިމްފުޅު ގޮވާއަޑުު އިވިގެން އޭނާގެ ގާތަށް ދިޔައެވެ. އަދި އިބްރާހިމް ފުޅު އުފާވެފައި ހުރިތަން ފެނުމުން އަނެއްކާ ކިހިނެއްވީތޯ ސުވާލު ކުރިއެވެ. އެވަގުތު އިބްރާހިމްފުޅު ބުންޏެވެ. އަހަރެން މަސައްކަތްކުރާ ފިހާރައިގެ ވެރިޔާ ނިޒާމް އަހަރެމެންގެ ދަރިފުޅު ޝާލިނީ އާއި ކައިވެނިކުރަން އެދެފިއެވެ. މިހެން ބުނުމާއެކު ވަހީދާވެސް ތީ ރަނގަޅު ކަމެއްކަމަށާއި، ޝާލިނީގާތު މިވާހަކަ ދައްކާނެކަމަށް ބުންޏެވެ.

ޖެހިގެން އައި ދުވަހެވެ. ޝާލިނީ ކޮޓަރީގައި އޮއްވާ ވަހީދާ ކޮޓަރިއަށް ވަނެވެ. އަދި ބައްޕައާއި މަންމަވެސް ބޭނުންވަނީ ޝާލިނީއަށް އުފާވެރި ދިރިއުޅުމެއް ހޯދާދޭން ކަމަށާއި، ނިޒާމް ޝާލިނީގެ ކައިވެންޏަށް އެދޭ ވާހަކަ ބުންޏެވެ. އަދި މިކަމަކީ ބައްޕަވެސް ވަރަށް ރުހޭ ކަމެއްކަމަށް ބުންޏެވެ.

މިހެން ބުނުމާއެކު ޝާލިނީގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރުނެވެ. އަދި ނުރުހުމުގެ ނަޒަރަކުން ބޯ ހޫރާލިއެވެ. އަދި ނާއިލް ދުނިޔޭގައި ނެތަސް އެނޫން އެހެން މީހަކު ދެކެ ލޯބިވާނެ ހިތްވަރެއް ނެތްކަމަށް ޝާލިނީ ބުނަމުން ދިޔައެވެ.

މިހެން ބުނުމާއެކު ޝާލިނީގެ މަންމަ ވަރަށް އަސަރާއި އެކު ބައްޕައަށްޓަކައި ނަމަވެސް މިފަހަރު މިކަމަށް ރުހެން އެދުމުން، މަންމައާއި ބައްޕަގެ އެދުމުގެ މަތިން އަހަރެން ތި ކައިވެނި ކުރާނަމޭ ޝާލިނީ ބުންޏެވެ. އަދި މަންމަ ދިއުމުން އެކަނި ކޮޓަރިތެރޭގައި އޮވެ، ގިސްލާފައި ރޯން ފެށިއެވެ.

ހަފްތާއެއް ފަހެވެ. ނިޒާމް އާއި ޝާލިނީގެ ކައިވެނި ކުރެވިއްޖެއެވެ. އަދި ކައިވެނިކޮށްގެން ނިޒާމްގެ ގެއަށް ޝާލިނީ ބަދަލުވިއެވެ. އެ ގެއަކީ ނިޒާމް ގަނެފައިވާ ގެއެކެވެ. އެގޭގައި މި ދެމަފިރިން ނޫން އިތުރު ބަޔަކު ނޫޅެއެވެ.

ކައިވެނީގެ ފުރަތަމަ ދުވަސްކޮޅު ނިޒާމް ވަރަށް ރަނގަޅެވެ. ނަމަވެސް ފަހުން ފަހުން އައިސް ރޭގަނޑު ނިދަން އަންނަނީ އެހާ ލަހުންނެވެ. ނިޒާމް ގެއަށް އަންނައިރު ޝާލިނީ ހޭލާ އޮތަސް އެއްޗެހި ކިޔައެވެ. ލަހުން އަންނަ ސަބަބެއް އަހާލިޔަސް ރުޅި އާދެއެވެ. މިހެން ބުނުމުން ފިރިމީހާ ކިތަންމެ ލަހުން ގެޔަށް އައިސް އަނބިމީހާ ބަލާކަށް ނުޖެހޭނެޔޭ ބުންޏެވެ. އަދި ލަހުން ގެއަށް އާދެވެނީ އޮފީހުގެ މަސައްކަތްތައް ބުރަ ކަމުން ކަމަށްވެސް ބުންޏެވެ.

މިގޮތުގައި ދުވަސްތައް މާޒީވެ ދެއެވެ. ބައެއްރޭރޭ ޝާލިނީ ނިދާފައި އޮންނައިރު ބަޔަކު މީހުން ގޭގައި އުޅޭހެން ހީވެގެން ބަލާވެސް ލެވެއެެވެ. ނަމަވެސް ކޮޓަރިން ނިކުތަސް އެކަމާ ނިޒާމް ރުޅި އަންނާނެއެވެ. އަދި ފަހުން ފަހުން ކަމަކާނުލާ އަނިޔާވެސްކޮށް ހަދައެވެ. އެހެންވެ ބިރުން އޮއެވެނީއެވެ. (ނުނިމޭ)

***

އެޑިޓަރުގެ ނޯޓު: މި ވާހަކައިގެ ދެވަނަބައި ޝާއިއު ކުރެވޭނީ އަންނަ ބުރާސްފަތި ދުވަހުއެވެ.