އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިން އަލުން ޖަހަން ފަށަން، އެ ވެކްސިން ޖެހުން ވަގުތީގޮތުން މެދުކަނޑާލި ޔޫރަޕްގެ ބައެއް ގައުމުތަކުން ނިންމައިފިއެވެ.

އެ ގައުމުތަކުން އެގޮތަށް ނިންމީ، އެސްޓްރަޒެނެކާގެ ވެކްސިންޖަހާ ބައެއް މީހުންނަށް ބްލަޑް ކްލޮޓްވުމުގެ މައްސަލަ ދިމާވާ ކަމަށް ފެތުރުނު ރިޕޯޓްތައް ރިވިއު ކުރުމަށްފަހު، ސައިޑް އިފެކްޓްސްގެ ރިސްކަށްވުރެ އެސްޓްރަޒެނެކާގެ ވެކްސިނުން ލިބޭ ފައިދާ މާބޮޑު ކަމަށް ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުރާސްފަތި ދުވަހު ބުނުމާ ގުޅިގެންނެވެ.

ބްލަޑް ކްލޮޓްވުމުގެ މައްސަލަތަކާއި، ސިއްހީ ސީރިއަސް އެހެން ބައެއް މައްސަލަތައް ބައެއް މީހުންނަށް ދިމާވާ ކަމަށް ބުނާ ރިޕޯޓްތަކާ ގުޅިގެން 17 ގައުމަކުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލިއެވެ. ނުވަތަ ކަމާބެހޭ އިދާރާތަކުން ވަކި ގޮތެއް ނިންމަންދެން ވެކްސިން ޖެހުން ފަސްކުރިއެވެ.

އެހެން ނަމަވެސް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ ބުނުމާ ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވަނީ، ވެކްސިން ޖަހަން ފަށަން ނިންމާފައެވެ.

އެގޮތަށް މިހާތަނަށް ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، ސައިޕްރަސް، ފަރަންސޭސިވިލާތް، އިޓަލީ، ލެޓްވިއާ، ލިތުއޭނިއާ އަދި ސްޕެއިންއެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން މަޑުޖައްސާލި ނިންމުން އަދިވެސް ބަދަލު ނުކުރާ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ، އޮސްޓްރިއާ، ބަލްގޭރިއާ، ޑެންމާކް، ޖަރުމަނުވިލާތް، އައިސްލޭންޑް، ނެދަރލޭންޑްސް، ނޯރވޭ، އަޔަރލޭންޑް، ރޫމޭނިއާ އަދި ސްވިޑެންއެވެ.

ޔޫރަޕުން ބޭރުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި ތައިލެންޑުން އަލުން ވެކްސިން ޖަހަން ފަށާފައި ވާއިރު، އިންޑޮނޭޝިޔާއާއި، ވެނެޒުއެލާއިން ވެސް އަދި ވަކި ގޮތެއް ނުނިންމައެވެ.