އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން ޖެހުން ކުރިއަށްގެންދަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔޫއެޗްއޯއިން ދުނިޔޭގެ ގައުމުތަކަށް ގޮވާލައިފިއެވެ.

ޑަބްލިޔޫއެޗްއޯއިން މިކަމަށް މިގޮވާލީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ކުރިއަށްގެންދަން ޔޫރަޕިއަން މެޑިސިންސް އޭޖެންސީއާއި އަދި ޔޫކޭގެ ކަމާބެހޭ އިދާރާއިންވެސް ގޮވާލާފައި ވަނިކޮށެވެ.

ޖެނީވާގައި ހުންނަ ޑަބްލިޔޫއެޗްއޯއިގެ މައި މަރުކަޒުގައި ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެނަލް ޑރ. ޓެޑްރޯސް އަދަނޮމްވަނީ، އެސްޓްރަޒެނެކާގެ ވެކްސިންޖެހުން ކުރިއަށް ގެންދިއުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ.

"މި މުހިންމު ކޮވިޑް-19 ވެކްސިން ޖެހުން ކުރިއަށްގެންދަން ގައުމުތަކަށް އަޅުގަނޑު ގޮވާލަން" ޑރ. ޓެޑްރޯސް އަދަނޮމް

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް މިކަމަށް މި ގޮވާލެއްވީ، ޑަބްލިޔޫއެޗްއޯގެ ވެކްސިންގެ ރައްކާތެރިކަމާބެހޭ ޚާއްސަ އެކްސްޕާޓުންގެ ޕެނަލުން، އެސްޓްރަޒެނެކާގެ ވެކްސިނާ ބެހޭގޮތުން އުފެދުނު ކަންބޮޑުވުންތައް ރިވިއު ކުރުމަށްފަހު ހާމަކުރި މައުލޫމާތާ ގުޅިގެންނެވެ.

ޑަބްލިޔޫއެޗްއޯގެ ވެކްސިން އެކްސްޕާޓުންގެ ޕެނަލުން ބުނެފައިވަނީ، މިހާތަނަށް އެއްކުރެވުނު މައުލޫމާތުތައް ރިވިއުކުރިއިރު، އެސްޓްރަޒެނެކާގެ ވެކްސިން ޑޯޒް ޖަހައިގެން، ބްލަޓް ކްލޮޓްވުމުގެ މައްސަލަ ނުވަތަ އެ ހާލަތު ޖުމްލަގޮތެއްގައި އިތުރުވާކަމަށް ނުދައްކާ ކަމަށެވެ.

އެސްޓްރަޒެނެކާގެ ވެކްސިނުން "ޕޮޒިޓިވް" ފައިދާ ކުރާ ކަމަށާއި، ބަލީގެ ހާލަތު ގޯސްވުމާއި އަދި ބަލީގައި މަރުވުމުގެ ފުރުސަތުވެސް އެ ވެކްސިނުން ކުޑަކޮށްދޭ ކަމަށް ޑަބްލިޔޫއެޗްއޯގެ ވެކްސިން އެޑްވައިޒަރީ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ޔޫރަޕިއަން މެޑިސިންސް އޭޖެންސީއާއި، އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާއިންވެސް ބުނެފައިވަނީ، ސައިޑް އިފެކްޓްސްގެ ރިސްކަށްވުރެ އެސްޓްރަޒެނެކާގެ ވެކްސިނުން ލިބޭ ފައިދާ މާބޮޑު ކަމަށެވެ.

އީޔޫގެ އޭޖެންސީއާއި، އިނގިރޭސިވިލާތުގެ ކަމާބެހޭ އިދާރާއިން މިގޮތަށް ބުނުމާ ގުޅިގެން، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި ޔޫރަޕްގެ ބައެއް ގައުމުތަކުން މިހާރުވަނީ އެ ވެކްސިން އަލުން ޖަހަން ފެށުމަށް ނިންމާފައެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެނަލް ޑރ. ޓެޑްރޯސް އަދަނޮމް ވިދާޅުވީ، އެސްޓްރަޒެނެކާގެ ވެކްސިން މުހިންމުވާ އަނެއް ސަބަބަކީ، ކޮވެކްސް ސްކީމްގެ ތެރެއިން ދުނިޔޭގެ ގައުމުތަކަށް ފޮނުވަމުންދާ ވެކްސިންގެ %90 އަކީ އެސްޓްރަޒެނެކާގެ ވެކްސިން ކަމަށް ވުމެވެ.

"ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ކަމާމެދު އެއްވެސް ސުވާލެއްނެތް. އޮކްސްފޯޑް/އެސްޓްރަޒެނެކާގެ ވެކްސިން، އެ ބަލިން ދިފާއުކޮށްދޭ" ޑރ. ޓެޑްރޯސް އަދަނޮމް