ކަންކަން ނިންމާ ފެންވަރުގަ އަންހެނުންނާއި ފިރިހެނުންގެ ވިސްނުމާއި ދިރިއުޅުމުގެ ތަޖުރިބާ އެއް ހަމައެއްގައި ބައިވެރިކުރުމުން ތަރައްގީއަށް ކުރެވޭ ކަންކަމުގެ މަންފާ ދެ ޖިންސަށްވެސް އެއްވަރަކަަށް ލިބިގެންދާނެ ކަމަށް ޖެންޑާ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ ތެރެއިން 33 އިންސައްތަ ގޮނޑި ޚާއްސަ ކުރެވިފައިވަނީ އަންހެނުންނަށް ކަމަށާއި މި ފިޔަވަޅަކީ ދިވެހި ތާރީޚުގައިވެސް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ، ކަންކަން ނިންމާ ފެންވަރުގަ އަންހެނުންނާއި ފިރިހެނުންގެ ވިސްނުމާއި ދިރިއުޅުމުގެ ތަޖުރިބާ އެއް ހަމައެއްގައި ބައިވެރިކުރުމުން ތަރައްގީއަށް ކުރެވޭ ކަންކަމުގެ މަންފާ ދެޖިންސަށްވެސް އެއްވަރަކަަށް ލިބިގެންދާނެ ކަމަށެވެ.

އަދި އަންހެނުންގެ މައުނަވީ ބައިވެރިވުން އިތުރުވުމުން އިގްތިސާދީ ގޮތުންނާއި އިޖްތިމާޢީގޮތުން އަދި ސިޔާސީގޮތުން ގައުމަށް އިތުރު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމާމެދު ޝައްކުނުކުރައްވާ ކަމަށާއި، ކަންކަން ނިންމާ ފެންވަރުގަ އަންހެނުން އިތުރުވެ ގާނޫނު ހަދާ މަޖިލީހުގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސިޔާސީ ޕާޓީތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

އަދި އުންމީދަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ މިންތީގެ ތަފާތުުކުރުންތައް ނައްތާލުމަށް ބާރުއަޅާ ގާނޫނުތަކަށްވެގެންދިޔުން. އަދި އަންހެނުންގެ ނިސްބަތް މަދު ދާއިރާތަކުގަ އަންހެނުންގެ ހިއްސާ އިތުރުކޮށް ވަގުތީ ޚާއްސަ ފިޔަވަޅުތަކެއް އެޅޭނެގޮތްވުން.
ޖެންޑާ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

2016 ވަނަ އަހަރު ވުޖޫދަށް އައި ޖެންޑަރ އީކުއަލިޓީ ގާނޫނުގެ ދަށުން ކުރުމަށް ކަނޑައަޅާފައިވާ ގިނަ ކަންކަން ތަފާތު ގޮންޖެހުންތަކާހެދި މިއަދާއިހަމައަށް ކުރެވިފައިނުވާ ކަމަށާއި ފާއިތުވި އަހަރު ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ގާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ ކަންކަމުގެ އިތުރަށް ރިޕޯޓުކުރުމާބެހޭ އުސޫލުތައް ގަވާއިދު އަދި ޖެންޑަރ އީކުއަލިޓީ ގާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ލޯކަލް ކައުންސިލްތަކާ ހަވާލުކުރުމުގެ ގަވާއިދު ހަތަރު އަހަރަށް ފަހު އެކުލަވާލުމުގެ މަސައްކަތް ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް މި ގަވާއިދުތައް ގެޒެޓްކުރެވި އަމަލުކުރެވިގެންދާނެ ކަމަށާއި މި ގާނޫނު ތަންފީޒުކުރުމަށްޓަކައި އެކުލަވާލައިފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އަދި މޮނިޓްރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯރކް އަލުން މުރާޖާކުރުމަށްފަހު މިއަހަރުގެ ތެރޭގައި ތަންފީޒުކުރެވިގެންދާނެ ކަމަށްވެސް ޖެންޑާ މިނިސްޓަރ ވިދާޅުވިއެވެ.