ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުންނެވެ.

ޕޮޒިޓިވްވުމާ ގުޅިގެން އިމްރާން ޚާން މިހާރުވަނީ އެކަހެރިވެވަޑައި ގެންފައެވެ.

ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިވަގުތަށް ހަމައެކަނި ކަށަވަރުކޮށް ދެވޭނީ ބޮޑުވަޒީރު ކޮވިޑަށް ޕޮޒިޓިވްވި ކަމާއި، އެކަހެރިވެވަޑައިގެންނެވިކަން އެކަނި ކަމަށެވެ. އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ބުނެފައި ވެއެވެ.

އުމުރުފުޅުން 68 އަހަރުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވް މިވީ، ކޮވިޑް ވެކްސިން ޖެއްސެވިތާ ދެދުވަސް ފަހުންނެވެ.

ޗައިނާގެ ސައިނޯފާރމް ކޮވިޑްވެކްސިން، އިމްރާން ޚާން ޖައްސަވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ޕާކިސްތާނު މިހާރު ތަޖުރިބާކުރަމުންދަނީ ކޮވިޑް ބަލީގެ ތިންވަނަ ރާޅެވެ. އަލަށް ބަލިޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދަތީ ހަރުކަށި ފިޔަވަޅުތައްވެސް މި ފަހުން އަޅަން ފަށާފައި ވެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ކޮވިޑަށް ޕޮޒިޓިވްވިއިރު، މިފަހުން ވަރަށް ގިނަ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައި ގެންފައި ވެއެވެ.

އޭގެތެރެއިން އެއް ބައްދަލުވުމަކީ، ވެރިރަށް އިސްލާމްއާބާދުގައި ބޭއްވި ސަލާމަތީ ކަންކަމާގުޅޭ ކޮންފަރެންސެވެ. ވަރަށް ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ކޮންފަރެންސްގައި އިމްރާން ޚާން ތަގުރީރު ކުރެއްވިއިރު ހުންނެވީ މާސްކްވެސް ނާޅުއްވައެވެ.

ފަހުން ލިބިފައިވާ ރިޕޯޓްތައް ބުނާގޮތުގައި، ބޮޑުވަޒީރު އިމްރާން ޚާންގެ އިތުރުން، އަނބިކަނބަލުން ބުޝްރާ ބީބީވެސްވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.