އެކްޓަރު އަމީތާބް ބައްޗަން އަދި އިމްރާން ހާޝިމީ މުހިއްމު ރޯލްއިން ފެނިގެންދާ މިސްޓްރީ ތްރިލަރ ފިލްމު "ޗެހެރޭ" ގެ ޓްރެއިލަރ ދައްކާލައިފިއެވެ.

އާނަންދް ޕަންޑިތް ޕްރޮޑިއުސްކޮށް ރޫނީ ޖޭފްރީ ޑައިރެކްޓުކުރާ މިފިލްމު ރިލީޒްކުރުމަށް ކަނޑައަޅާފައިވާ ތާރީޚަކީ މިފެށޭ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.

އިމްރާން ހާޝިމީއާއި އަމީތާބް ބައްޗަންގެ އިތުރުން ބަތަލާ ކްރިސްޓަލް ޑިސޫޒާ އަދި ބަތަލާ ރިއާ ޗަކްރަބަތީ މުހިއްމު ރޯލްއިން ފެނިގެންދާ މިފިލްމުގައި އަމީތާބް ފެނިގެންދާނީ ވަކީލެއްގެ ގޮތުގައެވެ.

އިމްރާން ހާޝިމީ ފިލްމުގައި ފެނިގެންދަނީ ވަރުގަދަ ބިޒްނަސް ޓައިކޫންއެއްގެ ގޮތުގައެވެ.

އިމްރާން އޭނާގެ ޓްވިޓަރ އެކައުންޓުގައި މިފިލްމާ ގުޅޭގޮތުން ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ފިލްމުގެ ވާހަކައަށް ބިނާކޮށް ފަރުދާގެ ފުރަގަހުގައި ފޮރުވިފައިވާ ވަރަށް ގިނަ ކަންތައްތައް ފިލްމުގެ ކެރެކްޓަރސްގެ މޫނުމައްޗަށް ބަލާލުމުންވެސް އެނގިގެންދާނެ ކަމަށެވެ.

އެކަމުގެ ހަގީގަތް ބަލާލަން ބޭނުންވާ ފަރާތްތަކުން އޭޕްރީލް މަހުގެ 9 ވަނަ ދުވަހު ފިލްމު ބަލާލަން ދިއުމަށް އޭނާވަނީ ދައުވަތު އަރުވާފައެވެ. މީގެކުރިން ފިލްމު ރިލީޒްކުރާ ތާރީޚެއްގެގޮތުގައި ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ އޭޕްރީލް މަހުގެ 30 ވަނަ ދުވަހެވެ.

https://www.instagram.com/tv/CMjPD0xjQSV/?utm_source=ig_embed&utm_campaign=loading

ފިލްމުގައި އަމީތާބް އަދި އިމްރާންވެސް ދެ އެކްޓަރުންނަށް ލިބުނު ރޯލު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާތީ ފިލްމުގެ ޓީމުން އެކަމާ ވަރަށް ބޮޑަށް އުފާކުރާކަމަށް މީޑިއާތަކުގައިވަނީ ބުނެފައެވެ.

ފިލްމުގެ ޕްރޮޑިއުސަރ އާނަންދް ޕަންޑިޓް ބުނެފައިވަނީ އޭނާގެ ފިލްމީ ހަޔާތުގައިވެސް އަމީތާބް ބައްޗަންހާ މަސައްކަތަށް ފުރިހަމަ ގޮތުގައި ކުރާ އެކްޓަރެއް ނުފެނެއެވެ.

ހަމައެއާއެކު އެކްޓަރު އިމްރާން ހާޝިމީވެސް ފިލްމުގައި މަސައްކަތް ކޮށްފައިވާ ގޮތާމެދު ވަރަށް ހިތްހަމަޖެހޭކަމަށް ޕްރޮޑިއުސަރުވަނީ ބުނެފައެވެ.

ފިލްމު ޗެހެރޭ އަންނަ މަހު ރިލީޒްކުރަން ތައްޔާރުވެފައިވާއިރު އެކްޓަރު އިމްރާން ހާޝިމީ މުހިއްމު ރޯލް ކުޅެފައިވާ ފިލްމު "މުމްބައީ ސާގާ" ވަނީ މިމަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކޮށްފައެވެ.

ބޮލީވުޑްގެ ގިނަ ފިލްމުތަކެއް އޯޓީޓީ ޕްލެޓް ފޯމްތަކަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައިވެސް އިމްރާން ގަބޫލުކުރާ ގޮތުގައި އޭނާގެ މިފިލްމު "މުމްބާއީ ސާގާ" ފިޓްވަނީ ސިނަމާ ރިލީޒަކަށެވެ.

އިމްރާން މިވަގުތު މަސައްކަތް ކުރަމުންދަނީ ސަލްމާން ޚާން އަދި ކެޓްރީނާ ކައިފްއާއެކު ފިލްމު "ޓައިގަރ:3" ގައެވެ.