ފާއިތުވީ ސީޒަނުގައި ފުޓުބޯލައިން ވަކި ކުޅުންތެރިއަކަށްދޭ ހުރިހާ އެވޯޑެއްކަހަލަ ގޮތަކަށް ހޯދާފައިވާ ޕޮލެންޑްގެ ތަރި، ރޮބާޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ހެޓްރިކާއި އެކު، ބަޔާން މިއުނިކުން ފަސޭހަ ކަމާއިއެކު ސްޓުޓްގާޓް އަތުން މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗު ބަޔާން ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު ބަޔާންއަށް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނުއިރު ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި އެޓީމުގެ އެލްފޮންސޯ ޑޭވީސްއަށް ވަނީ ރެފްރީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ. ޑޭވީސްއަށް ރަތްކާޑު ދެއްކީ ސްޓުޓްގާޓުގެ ވަޓަރު އެންޑޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެހެންނަމަވެސް ކުޅުންތެރިއަކު މަދުކަން އިހުސާސްވެ ކުޅުން ރަނގަޅުކޮށް ބަޔާން އިންވަނީ ފުރަތަމަ ހާފުގެ ތެރޭގައި ހަތަރު ލަނޑު ކާމިޔާބުކޮށް މެޗު ޔަގީންކޮށްފައެވެ.

އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ.

މި މެޗުގައި ލެވަންޑޯސްކީ ތިން ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 35 ވަނަ ލަނޑެވެ. އަދި މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ލެވަންޑޯސްކީ މިހާތަނަށް ވަނީ 42 ލަނޑު ކާމިޔާބުކޮށްފައެވެ.

މިމޮޅާއެކު ބަޔާންވަނީ ޖަރުމަނު ލީގުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމަށް ކުޅުނު 26 މެޗުން 61 ޕޮއިންޓް ލިިބިފައިވާއިރު ދެވަނައިގައި އޮތް އާރްބީ ލިޕްޒިގަށް 26 މެޗުން ލިބެނީ 57 ޕޮއިންޓެވެ. އަދި ބަޔާން އަތުން ބަލިބި ސްޓުޓްގާޓު އޮތީ ޕޮއިންޓް ތާވަލުގެ އަށްވަނައިގައި 26 މެޗުން 36 ޕޮއިންޓް ހޯދައިގެނެނެވެ.

ޑޯޓްމަންޑާއި ކޮލްން ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ކޮލްން އާއިދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މެޗުގައި ޑޯޓްމަންޑްގެ ދެލަނޑުވެސް ޒުވާން ފޯވާޑް އާލިންގ ބްރައުޓް ހާލަންޑް ކާމިޔާބުކުރިއިރު ކޮލްންގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އޮންދްރެޖް ޑޫޑާ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއިލް ޖެކޮބްސް އެވެ.

ޑޯޓްމަންޑް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނައިގައި 26 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. އަދި ޑޯޓްމަންޑް އަތުން ޕޮއިންޓެއް ހޯދި ކޮލްން އޮތީ ތާވަލުގެ 14 ވަނައިގައި 26 މެޗުން ލިބުނު 23 ޕޮއިންޓާއިއެކުގައެވެ.