އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުން ހުސެއިން ފިޔާޒު މޫސާ އިސްތިއުފާދެއްވުމަށް ސިޓީ ހުށަހަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވަނީ މިކަން ވީނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ. މަބްރޫކް ވިދާޅުވީ އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒުގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިވާ ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު ކަމުން ފިޔާޒް އިސްތިއުފާ ދެއްވީ ނޫހެއް ހިންގުމަށް ކަމަށް ބައެއް ނޫސްތަކުގައިވަނީ ބުނެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އެ މަގާމަށް ފިޔާޒް އައްޔަންކުރައްވާފައިވަނީ 31 އޮކްޓޫބަރު 2019 ގައެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ގާނޫނު ނަންބަރު:1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.