ފިލްމު ޕްރޮޑިއުސަރު ސުނިރް ޚެތެރްޕަލް އަދި ފިލްމު ކުންފުނި ވާނަރ ބްރޮސްއިން 2020 ވަނަ އަހަރުގެ ޖެނުއަރީމަހު އިއުލާނުކުރި ހޮލީވުޑްގެ ފިލްމު "ދަ އިންޓާން" ގެ ބައޯޕިކްގެ ކާސްޓިންގްއަށް ބަދަލު ގެނެސްފިއެވެ.

މީގެކުރިން މިފިލްމު އުފައްދަން ތައްޔާރުވަމުންއައީ ފިލްމުގެ ކާސްޓިންގްގައި އެކްޓަރު ރިޝީ ކަޕޫރު ހިމަނައިގެންނެވެ.

ނަމަވެސް އެކްޓަރު ރިޝީ ކަޕޫރުވަނީ ލޫކްމިއާ ނަމަކަށްކިޔާ ލޭގެ ކެންސަރު ބަލީގައި މިދިޔަ އަހަރުގެ އޭޕްރީލް 30 ވަނަ ދުވަހު މަރުވެފައެވެ.

އެކްޓަރު ރިޝީ ކަޕޫރުގެ މަރާއި ގުޅިގެން މިހާތަނަށް ފިލްމާބެހޭގޮތުން މާގިނަ މައުލޫމާތުތަކެއް މީޑިއާގައި ތިލަވެފައެއް ނެތެވެ.

އެހެންނަމަވެސް މިހާރު ޚަބަރުތައް ލިބޭގޮތުގައި މި ބައޯޕިކް އުފައްދާ ފަރާތުން ނިންމާފައިވަނީ އެކްޓަރު އަމީތާބް ބައްޗަން އާއި ބަތަލާ ދީޕިކާ ޕަދުކޯން ހިމަނައިގެން ފިލްމު އުފެއްދުމަށެވެ.

ޚުދު ބަތަލާ އަމިއްލައަށް ޕްރޮޑިއުސަރެއްގެގޮތުގައި މަސައްކަތްކުރާ މިފިލްމު ޑައިރެކްޓްކުރުމަށް މިހާރު ހަމަޖެހިފައިވަނީ 2018 ވަނަ އަހަރު ރިލީޒްވީ ފިލްމު "ބަދާއީ ހޯ" ގެ ޑައިރެކްޓަރު އަމިތު ޝަރުމާއެވެ.

ފިލްމު "ދަ އިންޓާން" އަކީ 2015 ވަނަ އަހަރު ރިލީޒްކުރި ވަރަށް ކާމިޔާބު ކޮމެޑީ ޑްރާމާ ފިލްމެކެވެ.

މިފިލްމުގެ ވާހަކަ ބިނާވެފައިވަނީ އެއް ކުންފުންޏެއްގައި މަސައްކަތްކުރާ ޒުވާން އަންހެން ކުއްޖަކާއި ދުވަސްވީ ފިރިހެން މުވައްޒަފަކާ ދެމެދު އުފެދޭ ހާއްސަ ގުޅުމެއްގެ ސަބަބުން ދެމީހުންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކުގެ މައްޗަށެވެ.

އެކްޓަރު ރިޝީ ކަޕޫރުގެ މަރާއެކު ފިލްމުގެ ކްރޫއިންނަށްވެސް ބޮޑު ހިތާމައަކާ ކުރިމަތިލީ ނަމަވެސް، އާއުއްމީދާއެކު އާ ތަރިންތަކެއް ހިމަނައިގެން ކާމިޔާބު ފިލްމެއް އުފެއްދުމަށް ޓީމުން އަންނަނީ ތައްޔާރުވަމުންނެވެ.

ފިލްމުގެ ކާސްޓިންގައި ހިމެނޭ ތަރިންގެ ޝެޑިއުލްތަކަށް ރިއާޔަތްކޮށް މަޝްވަރާ ކުރުމަށްފަހު މިފިލްމުގެ މަސައްކަތް ދާދި އަވަހަށް ފެށޭނެކަމަށް ފިލްމު އުފައްދާ ފަރާތަކުންވެސް އުއްމީދުކުރެއެވެ.

2015 ވަނަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ޕީކޫ" އަށްފަހު "ދަ އިންޓާން" ގެ ބައޯޕިކް ވެގެންދާނީ އެކްޓަރު އަމީތާބް ބައްޗަންއާއި ބަތަލާ ދީޕިކާ ޕަދުކޯން އެކީގައި ފެނިގެންދާނެ ދެވަނަ ފިލްމަށެވެ.

މީގެކުރިން ބަތަލާ ދީޕިކާވަނީ މިފިލްމު ކުޅެން އޭނާ ޝައުގުވެރިވާކަމަށް ބުނެ އަމިއްލަ އިންސްޓަގްރާމްގައި ހާއްސަ ޕޯސްޓެއްވެސް ޝާއިއުކޮށްފައެވެ.

މި ފިލްމު ހަދަން ނިންމާފައިވަނީ ދީޕިކާގެ ފިލްމު ކުންފުނި ކާ ޕްރޮޑަކްޝަނާއި ވޯނާ ބްރޮސް އިންޑިއާ އަދި އެޒްއާ އެންޓަޓައިންމަންޓް ގުޅިގެންނެވެ.

މިފިލްމުގެ އިތުރުންވެސް އަމީތާބް ބައްޗަން އާއި ދީޕިކާ އަންނަނީ ޕްރޮޑިއުސަރު/ޑައިރެކްޓަރު ނާގް އަޝްވިންގެ ކުރިއަށް އޮތް ސައިންސް ފިކްޝަނަލް ތްރިލަރ ކުޅެން ތައްޔާރުވަމުންނެވެ.

މިދެ ތަރިންގެ އިތުރުން ފިލްމުން ދެން ފެނިގެންދާ އެންމެ މުހިއްމު އެއް އެކްޓަރަކީ ސައުތް އިންޑިއަން ސުޕަ ސްޓަރ ޕްރަބާސްއެވެ.