* ތިރީގައި މިވަނީ ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ) ލިއުއްވާފައިވާ މަޒްމޫނެކެވެ.
އެންމެ ކުރު ތަޢާރަފު
ޅެންވެރީންގެ ދުވަސް މިއަދު ފާހަގަކުރާއިރު ބުނެވެނީ
ޅެންޅެމުގެ ތާރީޚު މާ ކުރިޔަށް ގޮހޭ އެ އޮބައިލަނީ
ނެތް ހިނދެއް ޅެންވެރިކަމުގެ އަސަރެއް އިހުގެ ތާރީޚުގައި
ނެތްކަމަށް ބަސްވާރުނާ އަދި ޢާލިމުން އެއްބަސްވަނީ
އަދަބުގައި ޅެންވެރިކަމަށް، އިސްކަން ތެދޭ ލިބިފައިވެޔޭ
އަބަދުވެސް ޢިލްމީ ގޮތުން މި ގޮތަށް މިކަން ސާބިތުވަނީ
ލިޔެވިފައި ތާރީޚު ނެތް ބޯދާ ޒަމާނުގެ މާ ކުރީން
ކިޔެވެމުން ދޫދޫ މަތީން ވެސް ޅެމުގެ އަސަރޭ ފެންނަނީ
އިންކުރަން ނޭނގޭ ހިސާބުގެ މާކުރީން ސޫމޭރިއަން
އިންދި އޮށްތައް ނިރުފަޅައި މާ ގަސްތަކޭ ހެދި ފެތުރުނީ
އިންހެޑްރިއާނާއޭ އެއީ ޅެންވެރިކަމުގެ އިސް ބައްޕައޭ
ދިން ޚިދުމަތޭ ޅެންވެރިކަމަށް ތާރީޚުގައި އިސްވާނެނީ
އާދޭހެވެ! މުއައްރިޚުންނާއި ދާރިސުންނާއި ބަސްވާރުން އެއްބަސްވެވަޑައިގަންނަވާ ގޮތުގައި އަދަބިއްޔާތުގެ އެންމެ އިސް ނުވަތަ އެންމެ ޤަދީމީ ފަންނަކީ ޅެންވެރިކަމެވެ. މުއައްރިޚުން ބަޔާންކުރައްވާ ގޮތުގައި އިންސާނުން ލިޔެކިޔައި އުޅޭން ފެށި ޒަމާނަށްވުރެ، އަދި ތާރީޚު ލިޔާން ފެށި ޒަމާނަށްވުރެ މާ ކުރިޔަށް ޅެންވެރިކަމުގެ ފެށުން ވާޞިލުވެއެވެ.
ގަބޫލުކުރެވިފައިވާ ގޮތުގައި، ޅެންވެރިކަން ފެށިފައިވަނީ އަނގަބަހުން ތާރީޚު ކިޔައިދޭށާއި މީހުންގެ ދަރިފަސްކޮޅު ހަނދާންކުރާށާއި ޤާނޫނަށް ނުވަތަ މީހުން ގަބޫލުކުރާ ޤަބޫލުކުރުންތަކަށް މީސްތަކުން ހޭލުންތެރިކުރުމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ޅެންވެރިކަން ފާހަގަކުރެވިފައިވަނީ ސޫމޭރިއަން ބަހުން، ކިޔައި އުޅުނު ޅެންބަހުރުވަ (ހީމް) ގެ ތެރެއިންނެވެ. ސޫމޭރިއަން ހާމުދުރުން އެ މީހުންގެ ކަލާނގެއަށް ސަނާކިޔައި ތަޢުރީފުކުރާން ކިޔައި އުޅުނު ޅެމުގެ ތެރެއިންނެވެ. ޅެމުގެ ތާރީޚު ކިތަންމެ ދުރަށް ދިޔަޔަސް އޭރުގެ ޅެންވެރީންނާއި ޅެންވެރިކަމުގެ ފެށުން ވަނީ ތާރީޚުގެ ތެރެއަށް، އެންމެ ދުރަށް ގޮސް އޮބައިލައިފައެވެ. ތާރީޚުގެ އަނދިރިކަމުގެ ތެރޭގައެވެ. ތާރީޚީ ގޮތުން އެނގޭން އޮތް އެންމެ ފުރަތަމަ ޅެންވެރިޔާއަކީ ޢިސާގެފާނުގެ ކުރީގެ 23 ވަނަ ޤަރުނުގެ ތެރޭގައި އުޅުނު އިންހެޑްރިއާނާ ކަމަށް ބުނެވެއެވެ.
ކޮންމެއަކަސް ދޫދޫމަތީން، ތުންތުންމަތީން ކިޔެމުން ނަޤުލުވަމުން އައި ޅެންވެރިކަމުގެ ތެރެއިން، ސަލާމަތުން ފެންނާން އޮތް އެންމެ ދުވަސްވީ ޅެމަކީ "ޓޭލް އޮފް ދަ ޝިޕްރެކްޑް ސެއިލާރ" (އުރުނު ބޯޓްގެ ފަޅުވެރިޔާގެ ވާހަކަ) އިގެ މައްޗަށް ކިޔެމުން އައި ހާދިސާ ޅެމެއްކަމަށް ބައެއް މުއައްރިޚުން ބަޔާންކުރައްވައެވެ. މި ޅެންވެސް ލިޔެވިފައިވަނީ ފާދިރީއެއްގެ ކަންބޮޑުވުމެއްގެ ގޮތުގައި ކަމަށް ވެއެވެ. މި ޅެމުގެ ޢުމުރު ޢީސާގެފާނުގެ 2500 އަހަރުގެ ކުރިޔަށް ފޯރާކަމަށް ބުނެވެއެވެ.
އާދޭހެވެ! ޅެމުގެ އުފެދުން ވަނީ އިންސާނީ ތާރީޚުގެ އެންމެ ކުރިޔަށް ގޮސް އޮބައިލައިފައެވެ. ތާރީޚުގެ ކަންފަތަށް ޅެމުގެ އަޑު ނީވޭ ޒަމާނެއް ދުނިޔެ ދެކެފައެއް ނެތެވެ. ތާރީޚުގެ ދުލުން ޅެންވެރިކަމުގެ އަޑު ބޭރުނުވާ ދުވަސްވަރެއް ފާހަގަކުރެވިފައެއް ނެތެވެ. ޔަޤީނުން ވެސް އެނގޭކަމަކީ މީލާދީ ތާރީޚުގެ އެތައް ހާސް އަހަރެއްގެ ކުރީންވެސް ޅެންވެރިކަން އޮތްކަމެވެ. ޤަދީމީ މެސަޕޮޓޭމިއާގެ ޙަޟާރަތުގައި އެ ބައިމީހުން މަށީން ހަދައިފައި ހުންނަ މޭޒުތަކުގައި ވެސް ޅެމުގެ ސިލްސިލާތައް ބިންވަޅުނަގައި ކުރަހައިފައި ހުރިކަމެވެ.
ތާރީޚީ ހެކިތަކަށް ބަލާއިރު، ޔަޤީނުން ވެސް އެނގޭ ކަމަކީ ޅެމަކީ ކޮންމެ ބަޔެއްގެ ތެރޭގައި ވެސް، ކޮންމެ މުޖްތަމަޢެއްގައި ވެސް، އޮތް އެއްޗެއްކަމެވެ. އެހެންނަމަވެސް އެއްވެސް ބަޔެއްގެ ތެރޭގައި ޅެންވެރިކަން އުފެދިގެން އައި ވަކި ޒަމާނެއް، ތާރީޚެއް ކަނޑައެޅިގެން އެނގޭން ނެތީއެވެ.
ޅެންވެރިކަމުގެ ތާރީޚާ ބެހޭ ގޮތުން ވާހަކަދައްކާ އިރު "އަލްފަރާހީދީ" ނުވަތަ "އަލްޚަލީލް"ގެ ވާހަކަ ނުދައްކައި ދޫކޮށްލުމަކީ ތާރީޚަށް ވެވޭ ޚިޔާނަތަކަށް ނޫނީ ނުވާނެއެވެ. އާދޭހެވެ! ޢަރަބިކަރައިގެ ދެކުނުގައި އޮންނަ ޢުމާން (އޮމާން)އަށް އުފަން ޢަބްދުއްރާހުމާނުލްޚަލީލް ބުނި އަޙުމަދުލްފަރާހީދީ (عبدالرحمن الخليل بن أحمد الفراهيدي) (718 – 786)، އެންމެ މަޝްހޫރު ނަމުންނަމަ "އަލްފަރާހީދީ" ނުވަތަ އަލްޚަލީލަކީ އަދަބިއްޔާތު ދިރާސާކުރުމުގެ ޢިލްމުގައި އަރައިހުރި އެ ފަންނުގެ ޢިލްމުވެރިއެކެވެ. ("ފިލޯލޮޖިސްޓެކެވެ.") މިޔުޒިކާއި ރާގުގެ ހަމަތައް ޢިލްމީ ގޮތުން ދިރާސާކޮށް ޅެމުގެ ވަޒަންތައް ކަނޑައެޅީ އަލްފަރާހީދީއެވެ. މީނާއަކީ ވަޒަން ބަހުރުވައިގެ ހަމަތަކުގެ (prosody) ބައްޕައެވެ. ޢަރަބިބަހުގެ ގަވާއިދުގެ އެންމެ "ވިދާ ތަރި" އެވެ. ފާރިސީބަހާއި ތުރުކީބަހާއި އުރުދޫބަހުގެ ޅެންވެރިކަމާއި މިޔުޒިކްގައި ފަރާހީދީގެ އަސަރާއި ނުފޫޒު ވަރަށް މަތިވެރި ދަރަޖައަކަށް އެކުލެވޭ އިރު، މިއީ ޢަރަބިބަހުގެ އަކުރުތަކުގައި ފިލިޖަހާނެ ގޮތް އީޖާދުކޮށް، ޢަރަބި ބަހުގެ ފުރަތަމަ ބަސްފޮތް (ޑިކްޝަނަރީ) ތަޞްނީފުކުރި މުޞައްނިފު ވެސް މެއެވެ.
އެހެންކަމުން ޢިލްމެއްގެ ގޮތުގައި މިޔުޒިކާއި ޅެންވެރިކަން މުޅި ދުނިޔޭގައި ދިރިގެން އައީ އަލްފަރާހީދީގެ ޢިލްމީ މަސައްކަތުގެ ވަރަށް ބޮޑު ޙިއްސާއެއް އޮވެގެންކަމުގައި ގަބޫލުކުރާން ޖެހެއެވެ.
ޤަދީމީ ޅެންވެރިކަން ނުވަތަ ކްލެސިކަލް އަދަބު:
ޅެންވެރިކަމުގެ ވާހަކަ ދައްކާއިރު، ކްލެސިކަލް އަދަބުގެ ވާހަކަ ދައްކާން ޖެހެއެވެ. ސަބަބަކީ އަދަބިއްޔާތުގެ ތެރެއިން އެންމެ ދޮށީ ބާވަތަކީ ޅެންވެރިކަން ކަމަށްވާތީއެވެ. އަދި އަދަބިއްޔާތު ފެށިގެންއައީ ޅެންވެރިކަމުގެ ތެރެއިން ކަމަށް ބެލެވެން އޮތީތީއެވެ. ކްލެސިކަލް އަދަބުގެ ވާހަކަ ދައްކާނަމަ ހަގީގަތުގައި އެ ދެއްކެނީ ޅެންވެރިކަމުގެ ވާހަކަވެސް މެއެވެ.
މި ޒަމާނުގައި މި އިވޭ ޔޫރަޕްގެ "މޮޅު އަދަބު" (ކްލެސިކަލް ލިޓްރޭޗަރ) ޔޫރަޕަށް ވާޞިލުވީ ގްރީކާއި ރޫމުގެ އަދަބިއްޔާތުގެ ތެރެއިންނެވެ. ބުނެވޭ ގޮތުގައި މެދުތެރޭ ޤަރުނުތަކާ ހަމަޔަށް ހުޅަނގުގައި އޮތީވެސް މިދެންނެވި އަދަބެވެ. ކްލެސިކަލް ލިޓްރޭޗަރެވެ. މިތާނގައި "ކްލެސިކަލް" ގެ މާނައަކީ އަގުހުރި، ބުރަދަން ހުރި، މޮޅު، ނުވަތަ ޙިމާޔާތްކުރާންޖެހޭ މުހިއްމު އެއްޗެއްގެ މާނައެވެ. އެއީ ކޮންމެހެން ޤަދީމީ ގްރީކްގެ ނުވަތަ ލެޓިން ސަގާފަތުގެ ވާހަކައެއް ނޫނެވެ.
ކްލެސިކަލް އަދަބަކީ، ކުރީން ވެސް ދަންނަވައިލެވުނު ފަދައިން، އެއީ ޅެންވެރިކަމުގެ ބާވަތްތަކެކެވެ. ހަގީގަތުގައި މުޅި ކްލެސިކަލް އަދަބު ބިނާވެގެންވަނީ ޅެންވެރިކަމުގެ މައްޗަށެވެ. ކްލެސިކަލް އަދަބު، ޚާއްޞަކޮށް ގްރީކުގެ ޅެންވެރިކަން ބިނާވެފައިވަނީ ހަގީގަތް ހާމަކުރުމާއި ތާރީޚު ޛިކުރާކުރުމާއި ނަސޭހަތްދިނުމާއި ޤާނޫނު ހަނދާންކޮށްދިނުމާއި ރީތި ސިފަތައް އޮޅުންފިލުވައިދިނުމާއި ހިތްވަރުގަދަކަމާއި ރީތި މާތް ސިފަތަކަށް ހިތްވަރުދީ ނުރަނގަޅު ސިފަތައް ބޭޒާރުކުރުމާއި މި ހުރިހައި ކަމެއްގެ މައްޗަށް ހުންނަ ޅެން ބަހުރުވައިގެ މައްޗަށެވެ. އަދި ޑްރާމާގެ ގޮތުގައި ހުށަހަޅައިދެނީ ވެސް ޅެންބަހުރުވައިން މި ދެންނެވި ހަމައިގެ ގިޔުގަނޑުގެ ތެރެއިންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، މި ޅެންވެރިކަން ބިނާވެފައި އޮތީ ރީތި، އުޅުންހުރި، ޚުލްޤު ހެޔޮ، ސުލޫކު ރަނގަޅު، ހިތްވަރުގަދަ، ކެރޭ ޖީލެއް ބިނާކުރުމުގެ މައްޗަށެވެ. ކްލެސިކަލް އަދަބުގެ ހަމަތައް ކަމުގައި ބަލައިފައި އޮތީ އެރިސްޓޯޓަލާއި ރޯމަނުންގެ ނާޤިދު ހޯރަސް، އަދަބުގެ އުސޫލުތައް ކަމުގައި އެކަށައަޅައިފައި އޮތް ހަމަތަކެވެ. އެއީ ކުރީން ދެންނެވި ސިފަތައް އެކުލެވޭ ހަމަތަކެވެ.
މި ދެންނެވުނު ޅެންވެރިކަމުގައި މުޅިންހެން ހުށަހަޅައިދެނީ މަންޠިޤީ ގޮތުން ގަބޫލުކުރެވޭ ހަގީގީ މަޢުލޫމާތެވެ. އިންސާނީ ބުއްދިއަށް ގަބޫލުކުރެވޭނެ ތެދު ހަގީގަތްތަކެވެ. މި ޅެންވެރިކަމުގައި ނާޙަޤީޤީ ވާހަކަތަކެއް ނުވަތަ ފިކްޝަނެއް ނުހިމެނޭނެއެވެ.
މި ދެންނެވި ޅެންވެރިކަން (ނުވަތަ ކްލެސިކަލް ލިޓްރޭޗަރ) 16 ވަނަ ޤަރުނުގެ ކުރީގެ އަހަރުތަކާ ހަމައަށް ދެމިގެން އައި ކަމަށް ބެލެވެއެވެ. މި ޅެންވެރިކަން އުވެންފެށީ ރޫމުގައި އޮތް، ޒަމާންވީ ވެރިކަން ވެއްޓި، ނަޞާރާ ދީނުގެ ބާރާއި ނުފޫޒު ޔޫރަޕްގައި ގަދަވުމުގެ ސަބަބުންނެވެ. މި ދުވަސްވަރު ހުޅަނގުގައި އޮތީ ނަޞާރާ ދީނުގެ ފައްޅިތަކުގެ ބާރާއި ނުފޫޒެވެ. ނަޞާރާ ފައްޅިތަކުގެ ފާދިރީން ދުށީ ކްލެސިކަލް ޅެންވެރިކަމުގައި ނަޞަރާ ދީނުގެ ތަޢުލީމާ ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެން ދީންތަކުގެ އަސަރު އޭގައި އެކުލެވޭ ކަމަށެވެ. މި ސަބަބަށްޓަކައި ކްލެސިކަލް ޅެންވެރިކަން (ނުވަތަ ކްލެސިކަލް އަދަބު) ނައްތައިލާން އަދި އޭގެ އަސަރު ފޮހެލާން އެ މީހުން މަސައްކަތްކުރީއެވެ.
ކްލެސިކަލް އަދަބު އަލުން ދިރުވުން (ނުވަތަ "އާ ކްލެސިކަލް އަދަބު")
އެނގިވަޑައިގަންނަވާނޭ ފަދައިން ސާދަވަނަ ޤަރުނާއި ސޯޅަވަނަ ޤަރުނާ ދެމެދުގެ ދުވަސްވަރަކީ ޔޫރަޕްގެ ޙަޟާރަތަށް އަލުން ދިރުން އައި ދުވަސްވަރެކެވެ. އެންމެން ދަންނަ ބަހުރުވައިން ނަމަ އެއީ ރިނެއިސާންސް (renaissance) ގެ ދުވަސްވަރެވެ. ޤަދީމީ ނަމޫނާތަކުން ހިތްވަރު ލިބި އޭގެ ނުފޫޒުން، މި ދުވަސްވަރު އެމީހުންގެ ފަންނުތަކާއި އަދަބާއި ޞިނާޢަތްތައް އާދަޔާ ޚިލާފަށް ތަރައްޤީކުރިއެވެ. މިއީ ތަރައްޤީގެ "ޞިނާއީ އިންޤިލާބު" ގެ ޒަމާނެކެވެ.
މި ދުވަސްވަރުގައި ކްލެސިކަލް އަދަބު ދިރާސާކޮށް ދިރުވައި އަލާކޮށް އަލުން ކުރިއެރުވިއެވެ. ޅެންވެރިކަމާ ބެހޭގޮތުން އެރިސްޓޯޓަލް ލިޔެފައިވާ ފޮތް "ޕޮއެޓިކާ" ޝަރަޙަކޮށް އެ ދުވަސްވަރު އާންމުކުރިއެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ބަޔެއްގެ މާދަރީ ބަސް ކުރިއަރުވައި އަދަބީ އުފެއްދުންތައް އުފައްދާން ގޮވައިލެވުނެވެ. އަދަބީ އުފެއްދުމަކަށް ބޭނުންވާނޭ މިންގަނޑުތައް ކްލެސިކަލް އަދަބުގައި ވާކަމަށް މި ޙަރަކާތުން ދުށްޓެވެ. މި ވިސްނުމުގައި ރޯމުގައި ކުރިން އޮތް އަދަބާ ތަބާވެގެން ޔޫރަޕްގައި އަދަބު ކުރިއަރުވާން ހިންގި އަދަބީ ހަރަކާތާއި އެ މަސައްކަތުން އެފެދުނު އަދަބީ އުފެއްދުންތަކަށް ކިޔަނީ ނިއު ކްލެސިކަލް އަދަބެވެ.
ނިއު ކްލެސިކަލް އަދަބުގެ އަދަބީ ސިފަތަކުގެ ތެރޭގައި (ހ) ޖަޒުބާތާއި ޚިޔާލަށް ވުރެ އުސްލޫބަށް އިސްކަން ދިނުމާއި (ށ) ޝިޢާރު ނުވަތަ މައުޟޫޢަށް ވުރެ ބޮޑަށް އުސްލޫބަށް އިސްކަން ދިނުމާއި (ނ) ލަފުޒުތަކާއި ޢިބާރާތްތަކުގައި، ހައިބަތާއި މަތިވެރިކަން ހުރުމާއި (ރ) އަޚުލާޤާއި އިންސާނިއްޔަތުކަން އާންމު ސިފައަކަށްވުމާއި (ބ) ޑްރާމާގެ ދެ ބާވަތަކީ ވަކި ދެ ބާވަތްކަމަށް ބެލުމާއި (ޅ) ޑްރާމާގެ އެއް ބާވަތުގައި އަނެއް ބާވަތް ނުހިމެނުމާއި (ކ) ޑްރާމާގައި ތިން ޔުނިޓީއެއް ހިފެހެއްޓުން ހިމެނެއެވެ.
މި ޅެންވެރިކަމުގައި ހާމަކުރަނީ ތަރައްޤީވެފައިވާ ސިޓީގެ ދިރިއުޅުމެވެ. މަތީފަންތީގެ މީހުންގެ އާދަތަކެވެ. މި އަދަބުގައި ބޭނުންކުރާ ބަހުރުވައަކީ މާތް ބަހުރުވައެވެ. މި އަދަބުގައި އާންމުކޮށް ބަލަނީ އިންސާނާއަށެވެ. އިންސާނާގެ އިންސާނީ ސިފަތަކަށެވެ. ވަކި މީހަކަށް ވަކި ގައުމަކަށް އެ މީހާ ޚާއްޞަކުރުމެއް ނޯވެއެވެ.
މި އަދަބު، ބޮޑަށް ތަރައްޤީވެ، ފެތުރި، ޢާއްމުވީ ފަރަންސޭސި ވިލާތުގައެވެ. އެކަމަކު ފަރަންސޭސި ވިލާތުގެ އިތުރަށް ޖަރުމަނުވިލާތުގައި ވެސް މި އަދަބު ޢާއްމުވިއެވެ. މި ހަރަކާތުގައި އެންމެ އިސް ފަރަންސޭސި އަދީބުންނަކީ، މޯލިޔަރ އާއި ކޯރްނީ އާއި ރާސީން އެވެ. (ނުނިމޭ)
*****
އެޑިޓަރުގެ ނޯޓް: މި މަޒްމޫނުގެ ދެވަނަ ބައި ޝާއިއު ކުރެވޭނީ ދެން އަންނަ އާދީއްތަ ދުވަހުއެވެ.