ކޮވިޑް-19 އަށް އަމިއްލައަށް ޓެސްޓްކުރަން އަންނަ މަހުން ފެށިގެން އާންމުންނަށް ޓެސްޓްކިޓް ދޫކުރަން ގްރީސް ސަރުކާރުން ނިންމައިފިއެވެ.

އާންމުންނަށް ޓެސްޓްކިޓް ދޫކުރާނީ އެއްވެސް އަގަކާ ނުލައި ކަމަށްވެސް ބުނެފައި ވެއެވެ.

އާންމުންނަށް ޓެސްޓްކިޓް ދޫކުރަން ނިންމީ، އަލަށް ބަލިޖެހޭ މީހުންގެ އަދަދު މަތިވެ، ސިއްހީ ޚިދުމަތް ދިނުމުގެ ނިޒާމަށް ކުރިމަތިވަމުންދާ ޕްރެޝަރ ކުޑަކުރުމުގެ ގޮތުން ކަމަށް ގްރީސް ސަރުކާރުން ބުނެފައި ވެއެވެ.

ގްރީސްގައި، ސޯޝަލް ސެކިއުރިޓީ ނަންބަރު ލިބިފައިވާ ކޮންމެ މީހަކަށް މަހަކު 4 ޓެސްޓްކިޓް ލިބޭނޭ ކަމަށާއި، ޓެސްޓްކިޓްތައް އާންމުންނަށް ދޫކުރާނީ ފާމަސީތަކުން ކަމަށްވެސް ބުނެފައި ވެއެވެ.

ގްރީސް ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާންމުންނަށް ޓެސްޓްކިޓް ދޫކުރަން ނިންމީ، ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އައު އާލާތެއްގެ ގޮތުން ކަމަށާއި، އާންމުންނަށް ޓެސްޓްކިޓް ދީގެން ޓެސްޓްތައް ހެދުމުން ބަލީގެ ހާލަތު މޮނިޓަރކުރެވި އަދި ބަލި ފެތުރުން ހުއްޓުވަންވެސް އިތުރު ބާރަކަށް އެކަން ވެގެންދާނޭ ކަމަށް ބުނެފައި ވެއެވެ.

ގްރީސް ސަރުކާރުން ބުނެފައިވަނީ، އާންމުންނަށް ދޫކުރާ ކޮވިޑް ޓެސްޓްކިޓްތަކަކީ، 95 އިންސައްތައާއި 99 އިންސައްތައާ ދެމެދުގެ ނިސްބަތަކަށް ޓެސްޓްތަކުގެ ނަތީޖާގެ ޔަގީންކަން އޮންނަ ކިޓްތަކެއް ކަމަށެވެ.

އާންމުންނަށް ދޫކުރެވޭ ޓެސްޓްކިޓްތަކަކީ، މިހާރު އާންމުކޮށް ކޮވިޑަށް ޓެސްޓްކުރަން ސާމްޕަލްނަގާ ގޮތަށްވުރެ ފަސޭހައިން ޓެސްޓްހެދޭ ކިޓްތަކެއް ކަމަށްވެސް ސަރުކާރުން ބުނެފައި ވެއެވެ.

ޓެސްޓްކިޓްތައް ބޭނުންކޮށްގެން އާންމުން އަމިއްލައަށް ހަދާ ޓެސްޓްގެ ނަޖީތާ ޕޮޒިޓިވްވެއްޖެނަމަ ސިއްހީ އިދާރާތަކަށް ރިޕޯޓްކުރަން ޖެހެއެވެ. އެހިސާބުން ދެން އަޅަންވާ ފިޔަވަޅުތަކުގެ އިރުޝާދު ސިއްހީ އިދާރާތަކުން ދެމުންގެންދާނެއެވެ.

ގްރީސް ސަރުކާރުން ބުނެފައިވަނީ، އެގައުމު ވެގެންދާނީ އާންމުންނަށް ފަސޭހަގޮތަކަށް އަދި އެއްވެސް އަގަކާނުލައި ޓެސްޓްކިޓްތައް ލިބޭގޮތް ހަދާ ޔޫރަޕްގެ ފުރަތަމަ ގައުމަށް ވެގެންދާނެ ކަމަށެވެ.

ގްރީސްއިން މިހާރު ތައްޔަރުވަމުންދަނީ، ކޮވިޑްބަލި ފެތުރުން ހުއްޓުވަން ހިންގާފައިވާ ލޮކްޑައުންގެ ހާލަތު އަންނަ ހަފްތާގައި އުވާލުމަށެވެ.

ބަލީގެ ހާލަތު ބޮޑުވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު ގިނަވެ ޕްރެޝަރ ބޮޑުވެފައި ވީނަމަވެސް، ސަރުކާރުންވަނީ، އިގްތިސާދު މަޑުމަޑުން ހުޅުވާލައި، ފިޔަވަޅުތަކަށް ލުއިދިނުމުގެ ޕްލޭނެއް އެކަށައަޅާފައެވެ.

ފިޔަވަޅުތަކަށް ލުއިދޭން ސަރުކާރުން ނިންމިއިރު، ލޮކްޑައުންއާއި، ފިޔަވަޅުތަކާ ދެކޮޅަށް ގްރީސްގެ އާންމުން މުޒާހަރާވެސް ކޮށްފައި ވެއެވެ.