ސްޕެނިޝް ލަލީގާގައި ރޭ ކުޅެވުނު މެޗުތަކުން ވަރުގަދަ ބާސާއިން ފަސޭހަކަމާއިއެކު ރެއާލް ސޮސިއެޑާޑް ބަލިކޮށް ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލިއިރު، އެތްލެޓިކޯ މެޑްރިޑުން ޑިޕޯޓިވޯ އަލަވޭސް އަތުން އުނދަގޫ މޮޅެއް ހޯދާ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ރަށުންބޭރުގައި ކުޅުނު މެޗުނަް ސޮއިއެޑާޑްގެ މައްޗަށް ބާސާއިން ކުރިހޯދީ 1-6 ގެ ބޮޑު ނަތީޖާއަކުންނެވެ.

މިމެޗުގައި ބާސާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެނދިޔައިރު އެޓީމުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ އިތުބާރު ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. އަދި މިހާފު ނިމުމުގެ ކުރިން ބާސާއިން ދެވަނަ ލަނޑެއް ކާމިޔާބުކޮށް ލީޑުފުޅާކުރިއިރު މިއީ ކެޕްޓަން ލިއޮނެލް މެސީގެ އެސިސްޓަކުން ސާޖީނިއޯ ޑެސްޓެވެ.

މިހާފުގައި އިތުރު ލަނޑެއް ފެނިގެންނުދިޔަނަމަވެސް ދެވަނަ ހާފު ފެށިގެންވެސް މޮޅުކުޅުމެއް ދައްކަމުންއައި ބާސާއިންވަނީ އެޓީމުގެ ތިންވަނަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެސްޓެވެ. އޭގެ ތިންމިނެޓުފަހުން މެސީ ވަނީ ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި 71 ވަނަ މިނެޓުގައި އުސްމާން ޑެމްބެލޭ ބާސާގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު އެޓީމުން މެޗުގައިޖެހި ފަހު ލަނޑު، މެޗުގެ ފުރިހަމަ ވަގުތުހަމަވާން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީވެސް މެސީއެވެ.

ސޮސިއެޑާޑުގެ ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާލޯސް ފެރްނާންޑޭސްގެ އެހީތެެރިކަމާއެކު ކާމިޔާބުކޮށްދިނީ އެންޑާ ބަރެނެޓެއާއެވެ.

އެތްލެޓިކޯ އާއި ޑިޕޯޓިވޯ އަލާވޭސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗުން ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މޮޅުވީ އަމިއްލަ ދަނޑުގައި ޑިޕޯޓިވޯ އަލަވޭސް އަތުން 1-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެތުލެޓިކޯއިން ޖެހި ހަމައެކަނި ލަނޑު، މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުއިސް ސުއަރޭޒެވެ. މިއީ އުމުރުން 34 އަހަރުގެ ސުއަރޭޒް، އޭނާގެ ކެރިއަރުގައި ޖެހި 500 ވަނ ލަނޑެވެ. މި މެޗުގައި ޖެހި ލަނޑާއެކު ސުއަރޭޒް ކެރިއަރުގައި 500 ލަނޑު ހަމަކުރިއިރު، އޭނާ އޮތީ މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ލަނޑު ލިސްޓުގެ ފަސްވަނައިގައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 28 މެޗުން ލިބުނު 66 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބާސާއަށް 28 މެޗުން 62 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 28 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.