އޭއެފްސީ ކަޕްގެ ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާނުގެ ޗެމްޕިއަން ތިމްޕޫ ސިޓީ އެފްސީ އާއި ރާއްޖޭގެ އީގަލްސް ވާދަކުރާ މެޗު، ރާއްޖޭގައި ބާއްވަން އުޅޭކަން އެޗްޕީއޭއަށް އަންގާފައިނުވާ ކަމަށް، ރޭ އެޗްއީއޯސީން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ ޑިރެކްޓަރ އަހްމަދު ނާސިރު ވަނީ ބުނެފައެވެ.

ރޭގެ ޕްރެސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާސިރު ވިދާޅުވީ ބައިނަލްއަގްވާމީ މުބާރާތެއްގެ މެޗެއް އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަން އުޅޭކަމުގެ މައުލޫމާތު އެޗްޕީއޭއަށްވެސް އަދި އެޗްއީއޯސީ އަށްވެސް އަންގާފައިނުވާ ކަމަށާއި މިކަން ކަމާބެހޭ ފަރާތްތަކުން ހުށަހެޅުމުން އެޗްޕީއޭގެ ކަމާބެހޭ ފަރާތްތަކުން މަޝްވަރާކުރުމަށްފަހުގައި އެކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

އެހެންނަމަވެސް އޭއެފްސީ ކަޕާ ގުޅޭ އެފްއޭމްގެ މެއިލްއެއް މިމަހުގެ 10 ވަނަ ދުވަހު އެޗްއީއޯސީ އަށް ލިބިފައިވާކަމާއި، އެޗްޕީއޭގެ ސަމާލުކަމަށް މިކަން ގެނެސްފައިވާކަން "ރާއްޖެ.އެމްވީ" އަށް އެ ސެންޓަރުގެ އޮފިޝަލުންތަކެއް ވަނީ ކަށަވަރުކޮށްދީފައެވެ.

އޭއެފްސީ ކަޕް ފަދަ ސަރަހައްދީ ބޮޑު މުބާރާތެއްގެ މެޗެއް ބާއްވަން މިހާ ދުވަސް ކައިރިވެފައިވަނިކޮށް، އެޗްޕީއޭއިން މިފަދައިން ބުނުމާއި ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާއި ގުޅޭގޮތުން "ވީނިއުސް" އާއި ވާހަކަދައްކަމުން އެފްއޭއެމެގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ރޭގެ ޕްރެސްގައި ނާސިރު މިހެން ވިދާޅުވުމުން، އެފަރާތައް ޖަވާ ގުޅުއްވި ކަމަށާއި، އެއީ އޮޅިގެން ވިދާޅުވެވުން އެއްޗެއް ކަމަށް ނާސިރު ވިދާޅުވިކަމަށް ބުނެފައެވެ.

އަދި މި "އޮޅުން" ދެން އެންމެ އަވަހަށް ބޭއްވޭ ބްރެސް ކޮންފަރެންސް އެއްގައި ނޫސްވެރިންނަށް ސާފުކޮށްދެއްވުމަށް އެދިފައިވާނެކަމަށްވެސް ޖަވާ ވިދާޅުވިއެވެ. އަދި މިމެޗު އަންނަ މަހުގެ ހަތްވަނަ ދުވަހަށް ބާއްވަން މަސައްކަތްކުރަމުން އަންނަކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ތިމްޕޫ ސިޓީ އަތުން އީގަލްސް މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެވަނަ ބުރުގައި އީގަލްސް ނުކުންނަން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށެވެ. އަދި އެ މެޗުން މޮޅުވެއްޖެނަމަ، ޕްލޭއޮފް ބުރުގައި އީގަލްސް ކުޅެން ޖެހުމުގެ އެންމެ ފުރުސަތު ބޮޑީ އިންޑިއާގެ ބެންގަލޫރާއެވެ.

މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖް މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވަން އޭޝިއާގެ މައި ފުޓްބޯޅަ އިދާރާ، އޭއެފްސީން ނިންމީ ކޮވިޑް-19 ގެ ހާލަތުން އަދި މިހާތަނަށް އެއްކޮށް އަރައިގަނެވިފައި ނުވާތީއެވެ. މުބާރާތުގެ ގްރޫޕް ޑީގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑު އިންޑިއާ އާއި ވާދަކޮށް ކާމިޔާބުކޮށްފައި ވާއިރު، ގްރޫޕް ޑީގެ ސީދާ ޖާގައެއް ލިބިފައިވަނީ މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި މާޒިޔާއަށާއި އިންޑިއާގެ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއެވެ.

އޭއެފްސީން ތާވަލުކޮށްފައިވާ ގޮތުން ދެކުނު އޭޝިއާ ގްރޫޕުގެ ޕްރިލިމިނަރީ ބުރާއި ޕްލޭ-އޮފް ބުރަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭނީ މެއި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅެވިގެންދާނީ އެއް ލެގަށެވެ.

މުބާރާތް ބޭއްވުމާ ގުޅޭ ގޮތުން އެފްއޭއެމުން މީގެ ކުރިން ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފާވެސް ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އެއް ވަގުތެއްގައި ކުޅެން ޖެހޭތީ، ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ގްރޫޕް ސްޓޭޖުގެ މެޗެއް ލ. ގަން ޒޯން ސްޓޭޑިއަމުގައި ކުޅެން އެފްއޭއެމުން އަންނަނީ މަސައްކަތްކުރަމުންނެވެ.