ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ކޭސްއެއް ރާއްޖެއިން އެންމެ ފުރަތަމަ ފެނުނީ މިދިޔަ އަހަރުގެ މާޗްމަހުގެ 7 ވަނަ ދުވަހުގައެެވެ. އޭގެފަހުން ދުވާލެއްގެ މައްޗަށް ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19އަށް ޕޮޒިޓިވްވަމުންދިޔައެވެ. އެހެންކަމުން 2020 ވަނަ އަހަރުގެ މާޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. އޭގެ މަސްތަކެއްފަހުން، ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ކޭސްތައް މަދުވަމުން އައުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނެވެ. އެހެންނަމަވެސް މިހާރު އަނެއްކާ ޕޮޒިޓިވްވާ އަދަދު އިތުރުވަމުން އައިސް އަތޮޅުތެރެއިންވެސް ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް އަންނަނީ ޕޮޒިޓިވްވަމުންނެވެ.

އެގޮތުން އަތޮޅުތެރޭ 10 ރަށަކުން މިހާތަނަށް 113 އެކްޓިވް ކޭސް ފެނިފައިވާއިރު، މިހާތަނަށް މި ކޭސްތަކާއި ގުޅިގެން 774 ކޮންޓެކްޓުން ދެނެގަނެވިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި 7 ރަށެއް މޮނިޓަރިންގެ ހާލަތަށް ލާފައިވެއެވެ.

އެގޮތުން ހއ ބާރަށުން މިހާތަނަށް 36 މީހަކު ޕޮޒިޓިވްވެ، 217 ކޮންޓެކްޓެއް ދެނެގަނެފައިވެއެވެ. މި ކޭސްތަކާއި ގުޅިގެން 240 ސާމްޕަލްއެއް ނަގާފައިވެއެވެ. ނ ޅޮހިން 23 މީހަކު ޕޮޒިޓިވްވެފައިވާއިރު، 190 ޑައިރެކްޓް ކޮންޓެކްޓުން މިހާތަނަށް ވަނީ ދެނެގަނެފައެވެ. އެރަށުން 323 ސާމްޕަލްއެއް މިހާތަނަށް ވަނީ ނަގާފައެވެ.

މީގެއިތުރުން ހއ ދިއްދޫގައި 15 އެކްޓިން ކޭސްއެއްގެ ގޮތުގައި ތިބިއިރު، 26 ފަރާތެއް މި ކޭސްތަކާއި ގުޅިގެން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެފައިވެއެވެ. އދ ފެންފުށީގައި 2 އެކްޓިިވް ކޭސްއެއް އުޅޭއިރު މި ކޭސްތަކާއި ގުޅިގެން 19 މީހެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެފައިވެއެވެ. އަދި 160 ސާމްޕަލްއެއް މި ކޭސްތަކާއި ގުޅިގެން ނަގާފައިވެއެވެ.

އއ ތޮއްދޫގައި އެކްޓިން ކޭސްތަކުގެ ގޮތުގައި 7 ކޭސްއެއް ފާހަގަވެފައިވާއިރު، 39 ކޮންޓެކްޓުން ވަނީ ދެނެގަނެފައެވެ. އަދި 88 ސާމްޕަލްއެއް ނަގާފައިވެއެވެ. ދ ކުޑަހުވަދޫއިން 22 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. މި ކޭސްތަކާއި ގުޅިގެން 155 ފަރާތެއް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެފައިވާއިރު، މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 427 ސާމްޕަލްއެއް ނަގާފައިިވެއެވެ.

ރ އުނގޫފާރުން 5 މީހަކު މިހާތަނަށް ޕޮޒިޓިވްވެފައިވާއިރު، 54 ކޮންޓެކްޓުން މި ކޭސްތަކާއި ގުޅިގެން ވަނީ ދެނެގަނެފައެެވެ. އަދި 118 ސާމްފަލްއެއް މިހާތަނަށް ނަގާފައިވެއެެވެ.

ހދ ކުޅުދުއްފުށިންވެސް އެއް ކޭސް ފެނިފައިވާއިރު، މި ކޭސްއާ ގުޅިގެން އިތުރު ކޮންޓެކްޓެއް ފާހަގަކުރެވިފައި ނުވާކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެއިތުރުން ފ ނިލަންދޫއިންވެސް އެއް ކޭސް ފެނިފައިވާއިރު 4 ކޮންޓެކްޓުން ދެނެގަނެފައިވެއެވެ. ދ މީދޫއިންވެސް މީހަކު ޕޮޒިޓިވްވެފައިވާއިރު، 60 ކޮންޓެކްޓެއް ދެނެގަނެފައިވެއެވެ.

ރޭ ހެލްތް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ އެޓޯލްސް ކްލަސްޓާ ހެޑް އަބްދުﷲ މައުރޫފް ވިދާޅުވީ، މިފަހަކަށް އައިސް އަތޮޅުތެރެއިން އެންމެ ގިނަ އެކްޓިވް ކޭސް ފެންނަ ދުވަސްކޮޅަކީ މިއީކަމަށެވެ.

ޕޮޒިޓިވް ކޭސްތައް ފެންނަ ރަށްތަކުގެ ތެރޭގައި އެކިއެކި ރަށްރަށުން ހިދުމަތް ހޯދަން ދާ ބޮޑެތި ރަށްތައް ހިމެނޭކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ، މި ރަށްތައް މޮނޮޓަރިންގެ ހާލަތަށް ގެނައުމާއެކީ، އެރަށްތަކަށް ދިޔަ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާކަމަށެވެ. މިފަދައިން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު، އަތޮޅުތެރޭގެ އެކި ރަށްރަށައް ދަތުރުކޮށްފައި ހުރި ފަރާތްތައް ފާހަގަކުރެވޭކަމަށެެވެ.

"ހާއްސަކޮށް އުނގޫފާރު ފަދަ ރީޖަނަލް ހޮސްޕިޓަލެއް ހުރި ރަށަކަށްވާތީވެ، އެރަށައް ހިދުމަތް ހޯދަން ކޮންމެ ދުވަހަކުވެސް އަރާ ފައިބާ ރަށަކަށްވާތީވެ، ރ އަތޮޅުގެ އިތުރުން އެސަރަހަށްދުގެ އެހެނިހެން އަތޮޅުތަކުންވެސް، ރަށާއި ގުޅުންހުރި ކޭސްތައް މީހާރު ވަނީ ކަރަންޓީން ކުރެވިފަ، ނޫނީ އެކަހެރިކުރެވިފަ. ހަމައެގޮތަށް ދ ކުޑަހުވަދޫއާ ގުޅުންހުރި ކޭސްތަކުން އަޅުގަނޑުމެން ބެލި ބެލުމުގައި ދ އަތޮޅުގެ އިތުރުން ފ،މ،ތ އަދި އެނޫންވެސް އަތޮޅުތަކުގައި ކުޑަހުވަދޫއާ ގުޅުންހުރި ކޮންޓްކްސް ފާހަގަވެގެންދިޔަކަން ފާހަގަކުރެވުން"
ހެލްތް އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ އެޓޯލްސް ކްލަސްޓާ ހެޑް އަބްދުﷲ މައުރޫފް

އެހެން ރަށްރަށުން މީހުން އެކަހެރި ކުރުމުން އެމީހުންނަށް ދަތިވާނެކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ، އެހެންނަމަވެސް މިއީ ކޮވިޑް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްކަމަށެވެ.

ރަށްރަށުން މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުން އަންނައިރު، އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހިލާފުވެގެންވެސް އަތޮޅުތެރެއިން މީހުން ޕޮޒިޓިވްވާ މިންވަރު މިހާރު އިތުރުވެއެވެ. އެގޮތުން މާލެއިން ރަށަށް ގޮސް ކަރަންޓީންގައި ހުންނަ މުއްދަތުގައި މާލެއިން ދިޔަ މީހާއާއި، ރަށުގައި ހުންނަ މީހާ ބައްދަލުވާކަމުގެ ޝަކުވާ އަތޮޅުތެރޭގައި އުޅޭ މީހުން މިހާރު ވަރަށް ގިނައިން ކުރެއެވެ.

ކޮވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންވެސް ރާއްޖޭގައި ޖަހަން ފަށާފައިވާއިރު، އަތޮޅުތެރެއިން މިހާތަނަށް 97،282 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ.