އެމޭޒަން ޕްރައިމްގެ ކާމިޔާބު ވެބް ސީރީޒް "ފޯރް މޯ ޝޮޓްސް ޕްލީޒް" ގެ ތިންވަނަ ބައެއް ނެރޭނެކަމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިއިރު މިވެބް ސީރީޒްގެ ޝޫޓިންގް މިހާރުވަނީ ފަށާފައެވެ.
މިސީރީޒް އުފައްދާފައިވާ ރަންގީތާ ޕްރިތިޝް ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ، ސީރީޒްގެ ތިންވަނަ ބަޔަކާމެދު ވިސްނައި، އެކަމުގެ ޚިޔާލު އެކި ފަރާތްތަކާއެކު ބަދަލުކުރާތާ މިހާރު އަހަރެއްވެފައިވާ ކަމަށެވެ.
ސީރީޒްގެ ޓީމުގައި ހިމެނޭ ތަރިންތައްވެސް ބުނެފައިވަނީ އެނބުރި މިސީރީޒްގެ ސެޓަށް އާދެވުމުން ވަރަށް ތަފާތު އިހުސާސްތަކެއް ކުރެވޭކަމަށެވެ.
ވޭތުވެދިޔަ ދެ އަހަރުތެރޭ މިސީރީޒްގެ ތަރިންގެ މެދުގައި ސެޓުގެތެރެއިން ވަރަށް ގާތްގުޅުމެއް އުފެދި މިހާރު އެއީ ކުޑަކުޑަ ޢާއިލާއެއްކަމަށް އެފަރާތްތަކުން ބުނެއެވެ.
މިދިޔަ އަހަރު ބޭއްވި ބައިނަލްއަޤްވާމީ އެވޯޑް ޝޯވް އެމީ އެވޯޑްސްގައި ބެސްޓް ކޮމެޑީގެ ކެޓެގަރީއަށް ނޮމިނޭޓްވެފައިވާ މިސީރީޒްއަކީ އިންޑިއާގެ މައި ސިޓީ މުމްބާއީގައި ދިރިއުޅޭ އެކުވެރި ހަތަރު އަންހެނަކު އެމީހުންގެ ދިރިއުޅުމުގައި ތަޖްރިބާކުރާ ތަފާތު އެކި ކަންތައްތަކުން އިބްރަތް ހޯދާ އުފާވެރި މިނިވަން ދިރިއުޅުމެއް ހޯދުމަށްޓަކައި ކުރާ ދަތުރު ވަރަށް ރަގަޅަށް ދައްކުވައިދޭ ސީރީޒްއެކެވެ.
އެންމެ ފުރަތަމަ މިސީރީޒްގެ ބައެއް ރިލީޒްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
ކޮންމެ ސީރީޒްއެއް 20 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މިސީރީޒްއަކީ އަންހެނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ.
އިންޑިއާގެ މުމްބާއީގައި ސީރީޒްގެ ޝޫޓިންގް ފަށާފައިމިވަނީ އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ބައްޔަށް ފައްސިވާ މީހުންގެ އަދަދު ވަރަށް މައްޗަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
ސީރީޒްގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވަނީ ޝޫޓިން މިހާލަތުގައިވެސް ކުރިއަށްގެންދަނީ ސިއްހީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައެވެ.
މިސީރީޒްގެ ޓީމުން މައުލޫމާތު ދީފައިވާގޮތުގައި މިއަހަރުގެ މެއިމަހާ ހަމައަށް މުމްބާއީގައި ޝޫޓްކުރުމަށްވަނީ ހަމަޖެހިފައެވެ.
އެއަށްފަހު އިންޑިއާގެ އެހެން ސިޓީއަކަށް ޝޫޓިންގް ބަދަލު ކޮށްލުމަށްފަހު ޕްލޭންކުރެވިފައިވަނީ އިންޑިއާއިން ބޭރުގައިވެސް ބައެއް މަންޒަރުތައް ޝޫޓްކުރުމަށެވެ.
މިސީރީޒްގެ 3 ވަނަ ބައިންވެސް ފެނިގެންދާނީ ފުރަތަމަ ދެ ސީޒަންގައިވެސް ފެނިގެންދިޔަ ތިން އަންހެން ބަތަލާއިންނެވެ. އެއީ ކީރްތީ ކުޅާރީ، ސަޔާނީ ގުޕްތާ، މާންވީ ގާގްރޫ އަދި ބާނީ ޖޭއެވެ.