މިއަހަރު ނެރޭނެކަމުގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބި ދަރްމާ ޕްރޮޑަކްޝަންގެ ފިލްމު "ބްރަހްމަސްތްރާ" ރިލީޒްކުރާނެކަމަށް ބެލެވެނީ މިއަހަރުގެ ނޮވެމްބަރު ނުވަތަ ޑިސެމްބަރު މަހުކަމަށް އިންޑިއާގެ މީޑިއާއިން ބުނެފިއެވެ.

2017 ވަނަ އަހަރު ދަރްމާއިން އިއުލާނުކޮށްފައިވާ މިފިލްމަކީ ޑައިރެކްޓަރު އަޔާން މުކަރްޖީ މިހާތަނަށް ފިލްމަކަށް އެންމެ ބުރަކޮށް މަސައްކަތް ކޮށްފައިވާ ފިލްމެވެ.

މިފިލްމު އެންމެ ފުރަތަމަ ރިލީޒްކުރާނެކަމަށް ބުނަމުން އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެހެންނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ފިލްމުގެ މަސައްކަތް އެއްކޮށްވަނީ ހުއްޓުމަކަށް އައިސްފައެވެ.

މިއަހަރުތެރޭވެސް މިފިލްމުގެ ބައެއް ސައުތު އިންޑިއަން އެކްޓަރު ނާގުރްޖުނާއާ އެކުވަނީ ކުރިއަށް ގެންގޮސްފައެވެ.

ދާދިފަހުން އެކްޓަރު ރަންބީރް ކަޕޫރު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު އަނެއްކާވެސް ފިލްމުގެ އެންމެ ފަހު ޝެޑިއުލްގެ މަސައްކަތްވަނީ މެދުކެނޑިފައެވެ.

އެހެންނަމަވެސް ކުރިއަށް އޮތް 3 ނުވަތަ 4 ވަރަކަށް ހަފްތާގެތެރޭ މިޝެޑިއުލްވެސް ނިންމާލެވޭނެ ކަމަށް ދަރްމާއިން އުއްމީދުކުރާ ކަމަށް މީޑިއާއިންވަނީ ބުނެފައެވެ.

ދަރުމާގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުގައި ބުނެފައިވަނީ ފިލްމު ނޮވެމްބަރ އަދި ޑިސެމްބަރު މަހު ނެރޭގޮތަށް ވާހަކަ ދެކެވުނު ނަމަވެސް ވިސްނާލަންޖެހޭ އަނެއްކަމަކީ، މިމުއްދަތުގެ ތެރޭގައި ކާމިޔާބު ތަރިންތަކެއް ކުޅެފައިވާ ވަރަށް ގިނަ ފިލްމުތަކެއް ރިލީޒްވާނެކަމެވެ.

ބެލެވޭގޮތުގައި އެންމެ ގިނަބަޔަކު މިއަހަރު އެފިލްމަކަށް އިންތިޒާރުކުރާ މިފިލްމުގެ ޓީޒާ އަދި ޓްރެއިލަރ މިމުއްދަތުގެ ކުރިން އާއްމުންނަށް ދައްކާލާނެއެވެ.

ޑައިރެކްޓަރު އަޔާން މުކަރްޖީ ގެނެސްދޭ ޓްރިލޮޖީގެ ފުރަތަމަ ބަޔަށް ފިލްމު ވެގެންދާއިރު މީގެކުރިންވެސް އޭނާވަނީ ކާމިޔާބު ފިލްމުތަކެއް ސިނަމާއަށް ގެނެސްދީފައެވެ. އޭގެތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ޔޭ ޖަވާނީހެ ދީވާނީ" އަދި "ވޭކް އަޕް ސިދް" ހިމެނެއެވެ.

މިފިލްމަށް އެންމެ ގިނަ ބަޔަކަށް އިންތިޒާރުކުރެވޭ އެއް ސަބަބަކީ ފިލްމުގައި ހިމެނޭ ކާސްޓިންގްގެ ޝައުގުވެރިކަމާވެސް އެކުގައެވެ.

މިހާރު ބޮލީވުޑުގައި އެންމެ މަޝްހޫރު ލޯބީގެ ޖޯޑު އާލިއާ ބަޓް އަދި ރަންބީރް ކަޕޫރުގެ އިތުރުން ފިލްމުގައި ފެނިގެންދަނީ އެކްޓަރު އަމީތާބް ބައްޗަން، ސައުތު އިންޑިއަން ސުޕަ ސްޓަރ ނާގުރްޖުނާ، ބަތަލާ ޑިމަޕަލް ކަޕާޑިއާ އަދި ބަތަލާ މޯނީ ރޯއި ހިމެނެއެވެ.