އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ އިންފޮމޭޝަން ކޮމިޝަނަރ އިސްތިއުފާ ހުށަހަޅުއްވާފައިވާތީ، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އޮފީހުން މިއަދު ހުޅުވާލާފައިވާ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 30 އަދި 31 ވަނަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން 13:30 އަށް ރައީސް އޮފީހުން ކަމަށްވެސް އެ އޮފީހުން ބުނެއެވެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
އިންފޮމޭޝަން ކޮމިޝަނަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ފިޔާޒު މޫސާ އިސްތިއުފާދެއްވީ އިއްޔެގެ ވަގުތެއްގައެވެ.
އިންފޮމޭޝަން ކޮމިޝަނަރަކީ ގާނޫނު ނަންބަރު 1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަންޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން ޚާދިމެކެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ގާނޫނު ނަންބަރު:1/2014 (މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.