އެސްޓްރަޒެނެކާއިން އެމެރިކާ، ޗިލީ އަދި ޕޭރޫގައި ކުރިއަށް ގެންދިޔަ ވެކްސިންގެ އެންމެފަހު މަރްހަލާގެ ކްލިނިކަލް ޓްރައިލްސްގެ ނަތީޖާ، އެ ކުންފުނިން އާންމުކޮށްފިއެވެ.

އެސްޓްރަޒެނެކާއިން އެމެރިކާ، ޗިލީ އަދި ޕޭރޫގައި ކުރިއަށް ގެންދިޔަ އެންމެ ފަހު މަރްހަލާގެ ޓްރައިލްސްގައި، އެކި އުމުރުފުރާތަކުގެ 32،000 ވޮލަންޓިއަރުން ބޭނުންކޮށްފައި ވެއެވެ.

ޓްރައިލްސްގެ ނަތީޖާއާ ގުޅޭގޮތުން އެސްޓްރަޒެނެކާއިން ބުނެފައިވަނީ، އޮކްސްފޯޑް ޔުނިވަރސިޓީއާ ގުޅިގެން އެ ކުންފުނިން ތަރައްގީކުރި ވެކްސިން، %79 ބަލިން ދިފާއުކޮށްދޭ ކަމަށެވެ.

ހަމަ އެއާއެކު، ބަލީގެ ހާލަތު ބޮޑުވުމާއި، ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ ހާލަތަށް މީހާ ދިއުމުން %100 ދުރުކޮށްދޭ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ކުންފުނީގެ ވެކްސިނަކީ ރައްކާތެރި ވެކްސިނެއް ކަމަށްވެސް ބުނެފައި ވެއެވެ.

މިނަތިޖާގެ ސަބަބުން، އިމަޖެންސީ ބޭނުމަށް މި ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދައަށް އެދި އެމެރިކާގެ ކަމާބެހޭ އިދާރާތައް ހުށަހެޅުމަށް މަގުފަހި ވެގެންދާނެއެވެ.

ދުނިޔޭގެ 50 އަށްވުރެ ގިނަ ގައުމުން ހުއްދަދީ، އެ ގައުމުތަކުގައި އެސްޓްރަޒެނެކާގެ ވެކްސިން ބޭނުން ކުރަމުންދިޔަ ނަމަވެސް، މިވެކްސިން އެމެރިކާގައި އަދި ބޭނުމެއް ނުކުރެއެވެ.

އެމެރިކާ، ޗިލީ އަދި ޕޭރޫގައި އިންސާނުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ އެންމެފަހު މަރުހަލާގެ ޓްރައިލްސްގެ ނަތީޖާއިން، އެސްޓްރަޒެނެކާގެ ވެކްސިނުން، ހުރިހާ އުމުރުފުރާއެއް، ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންވެސް ބަލިން ދިފާއުކޮށްދޭކަން ހާމަވެފައިވާ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެމެރިކާގައި ކުރިއަށްގެންދިޔަ އެންމެފަހު މަރްހަލާގެ ކްލިނިކަލް ޓްރައިސްގެ ނަތީޖާގެ ސަބަބުން، އެސްޓްރަޒެނެކާގެ ވެކްސިނާމެދު ޔޫރަޕްގައި އުފެދިފައިވާ ކަންބޮޑުވުންތައް ނިމުމަކަށް އަންނާނެ ކަމަށް ބެލެވިފައި ވެއެވެ.

ވެކްސިން ޖަހާ ބައެއް މީހުންގެ ލޭގައި ގަނޑުލޭކޮޅު އުފެދުމާއި، އެހެނިހެން ސީރިއަސް ސިއްހީ މައްސަލަތައް ދިމާވާކަމުގެ ރިޕޯޓްތަކާ ގުޅިގެން ޔޫރަޕްގެ ބައެއް ގައުމުތަކުން އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލިއެވެ.

ނަމަވެސް، ޔޫރަޕިއަން މެޑިސިންސް އޭޖެންސީގެ އެކްސްޕާޓުން، އެ ކަންބޮޑުވުންތައް ބެލުމަށްފަހު ވެކްސިންގެ އެއްވެސް މައްސަލައެއް ނެތްކަމަށާއި، ވެކްސިން ޖެހުމާއި، ލޭގައި ގަނޑުލޭކޮޅު އުފެދުމާ އެއްވެސް ގުޅުމެއްނެތް ކަމަށް ބުނުމުން، ވެކްސިން ޖެހުން ހުއްޓާލި ގިނަ ގައުމުތަކުން މިހާރުވަނީ އަލުން އެ ވެކްސިން ޖަހަން ފަށާފައެވެ.

އަދި އަންމުންގެ އިތުބާރު ހޯއްދެވުމުގެ ގޮތުން، ބައެއް ގައުމުތަކުގެ ވެރިންވެސް ވަނީ އެސްޓްރަޒެނެކާގެ ވެކްސިން ޖައްސަވަން ފަށްޓަވާފައެވެ.