ދުނިޔެއަށް ފެތުރިފައިވާ ޢާލަމީ ވަބާއިން ރައްކާތެރިވުމަށްޓަކައި ވެކްސިނެއް އުފެއްދުމާއިއެކު ފެށިގެންދިޔަ ރޭހުގައި މިހާރުވަނީ އެތައް ވެކްސިނެއް އުފެއްދިފައެވެ. ނަމަވެސް ކުރިއަށް އޮތް މަސްތައް ފެނިގެންދާނީ މިވެކްސިން ސަލާމަތްކަމާއި ރައްކާތެރިކަމުގައި ޤައުމުތަކަށް ފޯރުކޮށްދެވޭތޯ ކުރާ ބުރަ މަސައްކަތްތަކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ބޮޑެތި ލޮރީތަކާއި މަތިންދާ ބޯޓާއި ނާލު ބޯޓުފަހަރާއި ރޭލުތަކުގައި ހޮސްޕިޓަލުތަކާއި ކްލިނިކްތަކަށް އަދި ފާމަސީތަކަށް ފޮނުވެން ފަށާނެއެވެ. މިހާރުވެސް ވެކްސިންގެ އެތައް މިލިއަނެއް އެކި ޤައުމުތަކަށްވަނީ ފޮނުވިފައެވެ.

އެތައް ބިލިއަން ޑޮލަރެއްގެ އަގުހުރި މިވެކްސިނަކީ ހަމައެކަނި އޭގެ އަގުން ވަޒަންކުރެވޭނެ އެއްޗެއްނޫނެވެ. އޭގެ އަގު އިންސާނިއްޔަތާއި ޞިއްޙީ ވަޒަނުންވެސް ކިރައިލެވޭނެއެވެ. އެހެންވީމާ 70 މިލިއަނާއި 80 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ވެކްސިން ޝިޕްމަންޓުތައް ދުނިޔޭގެ އެކި ތަންތަނަށް އުފުލަން ފަށާއިރު އެއްކަމަކަށް ވެގެންދާނީ ވަގުންގެ ލޯތަށް އެއާއި ދިމާއަށް ހުއްޓިގެންދާތަނެވެ. މިވެކްސިން ގަދަބާރުން ފޭރިގަނެވޭތޯ ކުށްވެރީން މަސައްކަތް ކުރާނެއެވެ.

މިހެން މިކަން އޮންނާނެކަމަށް ލަފާކުރެވިފައި ވާއިރު ފްރެއިޓަރުން ނުވަތަ އުފުލައިދިނުމަށް އުޅަނދު ބޭނުންކުރާ ފަރާތްތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖީލެއްގައި ކުރިމަތިވާނެ އެންމެ ބޮޑު ސަލާމަތީ ބިރެވެ.

ޔޫރަޕުގައި އަގުހުރި އަގު ވަޒަންވެސް ނުކުރެވޭ މުދާ އުފުލާ ކުންފުނިތަށްކަމަށްވާ ޓްރާންސްޕޯރޓް އެސެޓް ޕްރޮޓެކްޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރ ތޯރސްޓަން ނިއުމަންވެސް ވިދާޅުވަނީ ހަމަ މިފަދައިންނެވެ. ޤައުމުތަކުން ވެކްސިން ޖަހައިދީގެން ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި ގުދާރު ބިދެންދެން ރެއާއި ދުވާލު ޞިއްޙީ އެހީތެރީން ލައްވައި މަސައްކަތް ކުރުވަމުން ދާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކަމާއި ސަލާމަތާއި އެކު ވެކްސިން ފޯރުކޮށެދިނުމަށް އޮތް ގޮންޖެހުން ކަމުގައެވެ.

ވަގުންގެ ވަށިބަންނަން ފަށައިފައިވާކަމަށް ފާއިތުވި އަހަރުގެ ޑިސެމްބަރުމަހު އިންޓަރޕޯލުންވަނީ އޮރެންޖު އިންޒާރެއް ނެރެފައެވެ. އެ އިންޒާރުގައި ބުނެފައިވަނީ ހަތިޔާރުއެޅި ވަގުން، ވެކްސިން ޝިޕްމަންޓުތައް ފޭރިގަންނަން އުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމުގައެވެ. އަދި އެކަން ކުރުމަށް މަސައްކަތްކުރާ މިންވަރު ފާހަގަކޮށްލެވޭ ވަރަށް އިތުރުވެފައިވާ ކަމުގައެވެ. މީގެ އިތުރުން ބައެއް ހަނގުރާމަވެރީންނަށް ވެކްސިން ފޭރިގަތުމަށް ނުކުޅެދިއްޖެނަމަ އެތަކެތި ހަލާކުކޮށް ނައްތައިލުމަށްވެސް މަސައްކަތް ކޮށްފާނެ ކަމުގައެވެ.

މިއަދުވެސް ކަޅުބާޒާރުގައި މިސާލަކަށް ކެންސަރާއި އާރތުރައިޓިސްގެ ވިޔަފާރި ހިނގަމުންދާއިރު ކޮވިޑް ވެކްސިން މިގޮތަށް ދަމައިގަތުމަކީ އެމީހުނަށް މާ އުނދަގޫ ކަމަކަށް ނުވެދާނެއެވެ. އަދި އަނދިރި ވިއުގައެގެތެރޭގައި މިހާރުވެސް އޭގެ އަޞްލު ނޭނގޭ އަދި އެއީ ރަނގަޅު ނުރަނގަޅުވެސް ބަލައިނުލެވޭ ކޮވިޑް-19 ގެ ވެކްސިނެއް ގެންދަނީ 200 ޑޮލަރަށް ޑޯޒެއް ވިއްކަމުންކަމަށް އިންޓަރޕޯލުންވަނީ ބުނެފައެވެ.

އެހެންވީމާ ނާލު އުފުލާ ކުންފުނިތަކުން ގެންދަނީ އަހަރަކު 40 ބިލިއަންޑޮލަރުގެ އަގުހުރި 5ޖީ ފޯނާއި 500 ޑޮލަރަށް ގަންނަަންލިބޭ ބޫޓާއި 500 ޑޮލަރަށް ވިއްކާ އަތްދަބަސްފަދަ ވިޔަފާރިމުދާ ރައްކަތެރިކަމާއިއެކު ތަންތަނަށް ގެންދާ ފަދައިން ކޮވިޑް ވެކްސިންވެސް އުފުލޭތޯ މަސައްކަތް ކުރަމުންނެވެ. އެގޮތުން މީހުން އިތުރުކުރުމާއި އެކު 007 ގެ ޒަމާނީ ޖާސޫސީ އުޅަނދުތައްވެސް މިކަމުގެ ތެރެއަށް ގެންނަމުންނެވެ.

މިޢާލަމީ ވަބާ އައުމާއިއެކު ވައްކަންވަނީ އިތުރުވެފައެވެ. މަދަނީ ވައްކަންތަކާއި ބައިނަލްއަޤުވާމީ ވައްކަންތަކެވެ. އަދި އަގުބޮޑު މުދަލާއި އެފަދަ އެތައް މުދަލެއްގެ ބޮޑތި ޝިޕްމަންޓުތައް ލޫޓުވައިލައިގެން އަތުލައިގެންފައިވެއެވެ.

ފާއިތުވި އަހަރު ކެންޔާގެ ވައިގެ މަރުކަޒަކުން ވަނީ ޞިއްޙީ ޚިދުމަތުގައި ބޭނުންކުރާ އެތައް މިލިއަން މާސްކުތަކެއްގެ ޝިޕްމަންޓެއް ކެންޔާގެ ވައިގެ މަރުކަޒަކުން އަތުލައިގެންފައެވެ. އަދި އެއްމިލިއަން ޑޮލަރުގެ އަގުހުރި މިފަދަ އަންގީގެ ޝިޕްމަންޓެއް ފްލޮރިޑާގައި ކޮންޓެއިނަރެްގެ ތެރޭގައިވަނިކޮށް އަތުލައިގެންފައެވެ. އަދި ކޮލަމްބިއާއަށް ގެންދަން ދަތުރުކުރި 200 ރެސޕިރޭޓަރ ވަނީ ގެއްލިފައެވެ.

ހަމައެކަނި މިބާވަތުގެ ތަކެއްޗެއްވެސް ނޫނެވެ. ޓޮއިލެޓް ކަރުދާސްވެސް ވަގުންގެ އަތްދަށުން ސަލާމަތެއް ނުވެއެވެ. ކޮވިޑް-19 ގެ ވަބާގެ ތެރޭގައި 2020 ވަނަ އަހަރު ކަޅާކުރަމުން ދިޔައިރު އިނގިރޭސިވިލާތުގެ ބޮޑުބަދިގެ ލޮރީއަކުން 1 ލައްކަ 30 ހާސް ޓޮއިލެޓް ކަރުދާސް ރޯލުވަނީ ފުލުހުން އަތުލައިގެންފައެވެ.

ހޮލެންޑުގެ އެޗް އެސާރސް ނަމަކަށްކިޔާ ބައެއް ފަހަރު، ނާޒުކު ރަމްޒީ މުދަލުގެ ތެރޭގައި ހިމެނޭ ފައިސާއާއި ކުރެހުންފަދަ ތަކެތިއުފުލާ ކުންފުނިން ވަނީ އެމީހުންގެ މުއައްޒަފުންގެ ތެރެއިން ތަޖުރިބާގެގޮތުން އެންމެ މަތީ ދަރަޖަ ހޯދައިފައިވާ 600 ޑްރައިވަރުން ހަމައެކަނި ވެކްސިން އުފުލުމަށް ހޮވައިފައެވެ. މި މީހުންނަކީ ބެލްޖިއަމްގައި ހުންނަ ޔޫރަޕުގެ ފައިޒަރ ބަޔޯޓެކް ކޮވިޑް-19 ވެކްސިން ޔޫރަޕުގެ އެކި ހިސާބުތަކަށް ގެންދިއުމަށް ޢައްޔަންކޮށްފައިތިބި ޑްރައިވަރުންނެވެ.

މިމީހުންގެ ތެރެއިން 250 ޑްރައިވަރުންނަކީ އެކުންފުނީގައި 10 އަހަރަށްވުރެ ގިނަދުވަހު ލޮރީ ދުއްވަން އުޅުނު މީހުން ކަމަށްވިޔަސް އެމީހުންނަކީވެސް ފަސްފަހަތް ބެލޭ މީހުންގެތެރޭގައިވާ ބައެކެވެ. އެމީހުން ދުއްވާ ލޮރީތަކުގައި ހުންނަ ދޮރުތަކުގައި ޑިޖިޓަލް ތަޅު ހުންނަނީ ހަރުކޮށްފައެވެ. އެތަޅުތައް ހުޅުވޭނީ ލޮރީގެ ބޭރުން ނުވަތަ އޭގައި އަތްވެސް ޖައްސައިނުލައެވެ. އަދި އެމީހުނަށްވަނީ ވެކްސިން ނާލަށް އަތުވެދާނެ ޙަމަލާއެއްގެ ޙާލަތުގައި ކުރިމަތިލާނެގޮތުގެ ތަމްރީނުވެސް ދެވިފައެވެ. އެހެންނަމަވެސް ސަލާމަތީ ސަބަބުތަކަކަށްޓަކައި އެކުންފުނިން މި ތަމްރީނުތަކުގެ ތަފްޞީލު ދީފައެއް ނުވެއެވެ.

ކުންފުނީގެ ސަލާމަތީ ކަންކަމާއި ޙަވާލުވެ ހުންނެވި އިސްވެރިއާ ރޮން ވޭން ހޮލާންޑް ވިދާޅުވީ އެއީ ސަލާމަތީ ގޮތުން ބަލާއިރު އެންމެ މަތީ ފެންވަރުގެ ތަމްރީނު ކަމުގައެވެ. އޭނާ ވިދާޅުވީ ކޮންމެ ލޮރީއަކީ ތިޖޫރީއެއް ކަމުގައެވެ. ނުވަތަ އެއީ ފުރޮޅުމަތީގައި ދުވާ ތިޖޫރީއެއް ކަމުގައެވެ.

ސްވިޓޒްރަލޭންޑުގެ ޞިއްޙީ ސާމާނު އެއްތަނުން އަނެއްތަނަށް އުފުލުމުގެ ކަންކަން ބަލަހައްޓާ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ކޫނާ + ނޭގަލްގެ ރޮބަރޓް ކޮއިލް ވިދާޅުވީ އެކުންފުންޏަކީ މޮޑާރނާއާއި ސައިނޮވެކް ވެކްސިނާއި އޭގެ ޕެލެޓުތައް އެއްތަނުން އަނެއްތަނަށް ގެންގޮސްދޭ ބައެއްަމުގައެވެ. ނަމަވެސް މިތަކެތި އުފުލަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އެއްވެސް ކަހަލަ ނިޝާނެއް ނެތި ކަމުގައެވެ. އަދި އެތަކެތި ގެންދާއިރު ހަތިޔާރުއެޅި ފާރަވެރީން ބައެއް ހިސާބުތަކަށް ދެއެވެ. އަދި އެތަކެތި ގެންދެވޭ ހިސާބާއި މަގުތައް ބެލެހެއްޓެމުން ދެއެވެ.

ކުންފުނީގެ ކޮވިޑް-19 ގެ ޕްރީމިއަމް ޚިދުމަތުގެ ނަމުގައި އޮންނަ ޓީމަކުން ޓްރެކިންގ ޓެކްނޮލޮޖީގެ ޒަރީޢާއިން 24 ގަޑިއިރު އެތަކެތި ދަތުރުކުރާ މަގުތަކާއި ތަންތަން ބަލަމުން ގެންދެއެވެ. އަދި އެއްވެސް މައްސަލައެއް ނުވަތަ ކަމެއް ދިމާވިނަމަ އެމީހުން އެތަކެތި ގެންގޮސްދޭ ފަރާތްތަކާއި އެކު ވާހަކަދައްކަމުން ގެންދެއެވެ.

ކޯއިލް ވިދާޅުވީ އެއިން ލޮރީއެއްގެ ދޮރެއް ހުޅުވިއްޖެނަމަ ނުވަތަ ލޮރީއެއް މަޑުޖެހި، ހުއްޓިއްޖެނަމަވެސް އެކަން އެނގޭނެ ކަމުގައެވެ. އަދި ލޮރީ ހުއްޓި މަޑުކުރީ ކިހާއިރެއް ވަންދެންކަމާ ލޮރީގައި ތިބޭ މީހުނަށް ނުވަތަ އެއާއި އެކު ދަތުރުކުރާ މީހުނަށް ހުސްވަގުތު ނެގޭ މިންވަރުވެސް ބެލޭ ކަމުގައެވެ. އަދި އެ ހުސްވަގުތަށް ދެވޭވަރަށްވުރެ އިތުރަށް އެމީހުން ވަގުތު ހޭދަކުރާނަމަވެސް އެކަން އެނގޭނެ ކަމުގައެވެ.

އަގުބޮޑު އަގު ނުކުރެވޭ މުދާއުފުލުމަށް ޚާއްޞަ ޖަރުމަނުގެ ވައިގެ ފްރެއިޓް ކުންފުންޏެއް ކަމަށްވާ ޖީއެމްބީއެޗުން ބުނެފައިވަނީ އެމީހުން ވެކްސިން އުފުލުމަށް ނުވަތަ މަތިންދާ ބޯޓާއި ހިސާބަށް ވެކްސިން ގެންދިއުމަށްޓަކައި އުޅަނދަކަށް ދަތުރަކަށް 3 ލައްކަ ޑޮލަރަށް މާރސީޑިސްއާއި ސްކޭނިއާ ލޮރީ ކުއްޔަށް ނަގައިފައިވާ ކަމުގައެވެ. އަދި ވެކްސިން ކޮށާރުގެ ދޮރުތަކުގައި ރަނގަބީލާއި ޑަނޑޫރަ ހަރުކުރެވިފައިވާނެ ކަމުގައެވެ. އިން ރަނގަބީލެއްގެ އަޑު 90 ޑެސިބަލް (އަޑުގެ ބާރު، ގަދަ މިންވަރު މިނެކިރާ މިންގަނޑު) ގައި ހުންނާނެ ކަމުގައެވެ. މިއީ ކުޑަކުޑަ ޖަނަރޭޓަރެއް ނުވަތަ ވައިދަމާ އެއްޗެއްގެ އަޑާއި އެއްވަރުގެ އަޑެކެވެ. އެއީ ދޮރެއް ހުޅުވިއްޖެނަމަ މި ރަނގަބީލު ޖަހަން ފަށާނެއެވެ.

މީގެ އިތުރުން އިންޒާރު ފިތެއް ލޮރީގެ ޑޭޝް ބޯޑުގައި ހުންނާނެ ކަމަށާ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ކުންފުންޏަށް އެކަން އެންގޭ ފިތެއްގެ ގޮތުގައި ލޮރީގެ މީޓަރުތައް ފެންނަ ފަދައިން ފެންނަން ހުންނާނެ ކަމަށް ކުންފުނިން ބުނެއެވެ. އަދި ލޮރީ ރަހީނުކޮށްފިނަމަ އިންޖީނު މުޅީން ހުއްޓުމަކަށް ގެނެސް އިންޖީނުވެސް ނުހިންގޭގޮތަށް ނިއްވައިލާ ސްވިޗެއް ލޮރީގައި ހުރެއެވެ.

އެއްގަމުން އެއްތަނުން އަނެއްތަނަށް ވެކްސިން އުފުލާ އުޅަނދުތައް ދަތުރުކުރަނީ ހަރުދަނާ ކުރެވިފައިވާ އެންމެ މަތީ ފެންވަރުގައި ޖިސްމާނީ އަދި ފިޠުރަތީ ސަލާމީ މިންގަނޑުތަކުގެ މަތީގައެވެ. އަދި ކުރީން ކަނޑައެޅިފައިވާ ވަކި ހިސާބުތަކަކުން ލޮރީތައް ހުއްޓުވައި ޗެކްކުރެވެއެވެ.

މީގެ އިތުރުން 10 މިލިއަން ޑޮލަރަށްވުރެ އަގުބޮޑު ވެކްސިން ޝިޕްމަންޓެއް ގެންދާނަމަ ޤާފިލާއެއްގެ ގޮތުގައި ފުލުހުންވެސް އެތަކެއްޗާއި ދަތުރުކުރާއިރު ޢާންމު އާދައިގެ މަދަނީންގެ ހެދުމުގައި ފާރަވެރީންގެ ކާރެއްވެސް ދަތުރުކުރެއެވެ. އެއީ ހައިވޭފަދަ މަގުތަކުގައި ދަތުރުކުރާއިރު ޣައިރު ޤާނޫނީ އަމަލުތައްކުރާ މީހުންފަދަ ވަގުންނާއި ފޭރޭމީހުން ލޮރީއެއްގެ ދޮރު ގޮއްވައިލައިގެން ހުޅުވައި ވެކްސިން ވަގަށް ގެންދިއުމުން ރައްކާތެރިކުރުމަށެވެ. މިބާވަތުގެ ޢަމަލު ތަކަކީ އިރުމަތީ ޔޫރަޕުގެ ގޭންގުތަކުން ކުރާ ކަންކަމަށްވާތީ މިއީ ޖޭމްސްބޮންޑުގެ ފިލްމަކާއި ތަފާތެއްނެތް ފަދަ ކަމެއް ކަމަށް އެއަރ ކާރގޯ ޓްރާންސްޕޯރޓުގެ މެނޭޖަރު ހޮއެސްޓް ބޯޑިކަރ ވިދާޅުވިއެވެ.

އެކި ގޮތްގޮތަށް ވެކްސިން އުފުލޭއިރު ވެކްސިން ޝިޕްމަންޓުގެ ފޮށިގަނޑުތަކުގައި ސެންސަރެއް ހަރުކުރެވިފައި ހުރެއެވެ. އެއީ އޭގެ ފިނިހޫނުމިނަށް ބަދަލެއް އަތުވެއްޖެނަމަ އެކަންވެސް އެނގޭނެ ގޮތުގެ މަތީންނެވެ އަދި ކޮށާރުގެ ތެރޭގައި އަލި ނުވަތަ ދަތުރުކުރާ މަގު ނޫން އެހެން މަގަކަށް އެނބުރިއްޖެނަމަ ނުވަތަ ބަޔަކު ފޭރިގެންފިނަމަވެސް އެކަން އިޝާރާތްތަކުން އަންގައިދޭ ނިޒާމު ހަރުކުރެވިފައިވެއެވެ. އެގޮތުން މި ނިޒާމުގައި ވެކްސިން ހުރީ ހުންނަންވާ ފިނި ހޫނު މިނާއި ރައްކާތެރި ކަމުގައިތޯ ކަށަވަރު ކުރެވިގެންދެއެވެ. ބަދަހި އެމުނި އެކުލެވުމަކުން މުޅި ނިޒާމު ގުޅުވައިލެވިފައިވެއެވެ.

މިހުރިހާ ރައްކާތެރި ސަލާމަތީ މިންގަނޑުތަކާއި އެކުވެސް ކުޑަކުޑަ ގެއްލުމަކުން ވެކްސިންގެ މުޅި ޝިޕްމަންޓު ޚަރާބުވެދާނެއެވެ. އޭގެ މާނައަކީ ހަމައެކަނި ފޭރި ގަތުމަކަށް ލޮރީ ހުއްޓުވުން އެކަންޏެއްނޫނެވެ. ވެކްސިނާއި އޭގެ ރައްކާތެރިކަމުގެ ނިޒާމަށް އޮންނަ ކޮންމެ ލޮޅުމެއްއެއީ ނުރައްކަލެއްކަމުގައި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިރުޝަދުދޭ ޓީޓީ ކްލަބްގެ ޕްރިވެންޝަން ޑިޕާރޓްމަންޓުގެ ވެރިއާ މައިކް ޔާރވުޑް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަގުބޮޑު މުދާތަކެއް އުފުލަމުންދާއިރު ބަޔަކު މީހުން ލޮރީއަކަށް ނުވަތަ އެ މުދަލެއް އުފުލާ ކޮށާރެއް ހަލާކުކޮށްލައިގެން އޭގެ ތެރެއިން 10 ވަރަކަށް ހާސް ލެޕްޓޮޕް ގެންދިޔަނަމަވެސް އެހެން މުދާ ހުންނާނީ ރަނގަޅަށް ކަމުގައެވެ.

ނަމަވެސް އެއާއި ޚިލާފަށް ވެކްސިން ގެންދިއުމުގެ މަގަށް އެޅިދާހުރަހަކީ އެތަކެތި ނައްތައިލަންވެސް ޖެހިދާނެ ސަބަބެކެވެ. އެހެންވީމާ މިބާވަތުގެ މުދަލާއި ނާލު އުފުލުމުގެ ރައްކާތެރިކަމުގެ ފިކުރީ ޚިޔާލާއި ބުއްދީގެ ބޭނުން މުޅީން އެހެން ގޮތަކަށް ގެންގުޅެންވަނީ ޖެހިފައެވެ.