ކޮވިޑް-19 ވެކްސިން ޖެހުމުގެ ސަބަބުން ހާލު ގޯސްވާ މީހުންނަށް ބަދަލުދިނުމަށް މެލޭޝިޔާ ސަރުކާރުން 2.4 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް ގާއިމްކޮށްފިއެވެ.
މިއީ، ސީދާ ވެކްސިން ޖެހުމުގެ ސަބަބުން ހާލު ގޯސްވާ މީހުންނަށް ބަދަލުގެގޮތުގައި މާލީއެހީ ދިނުމަށް ސަރުކާރުން ގާއިމްކުރި ފަންޑެކެވެ.
ފަންޑުން މާލީއެހީ ދިނުމަށް ކަނޑައަޅާފައިވާ އުސޫލު ބުނާގޮތުން، ވެކްސިން ޖެހުމުގެ ސަބަބުން ހާލު ގޯސްވެ އެފަދަ މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ ބަދަލުގެގޮތުގައި 50،000 ރިންގިޓް (12،171 އެމެރިކާ ޑޮލަރު) ދެވޭނެއެވެ.
އަދި ވެކްސިން ޖެހުމުގެ ނަތީޖާއެއްގެގޮތުން މީހަކު ދާއިމީ ނުކުޅެދުންތެރިޔަކަށް ވެއްޖެނަމަ އެމީހަކަށް އަދި މަރުވެއްޖެނަމަ އެމީހެއްގެ އާއިލާއަށް ބަދަލުގެގޮތުގައި 500،000 ރިންގިޓް ދެވޭނެ ކަމަށް މެލޭޝިޔާގެ ހެލްތު މިނިސްޓަރ އަދުހަމް ބާބާ ވިދާޅުވިއެވެ.
މެލޭޝިޔާއިން މިހާތަނަށްވަނީ ފްރަންޓްލައިންގައި މަސައްކަތްކުރާ ގާތްގަނޑަކަށް 430،000 މީހުންނަށް ވެކްސިން ދީފައެވެ.
މެލޭޝިޔާގެ ގިނަ މީހުންނަށް މިހާތަނަށް ޖަހާފައިވަނީ އެމެރިކާގެ ފައިޒަރއާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން ތަރައްގީކޮށް އުފައްދާފައިވާ ވެކްސިނެވެ.
ހެލްތު މިނިސްޓަރ އަދުހަމް ބާބާ ވިދާޅުވީ، މެލޭޝިޔާގައި ވެކްސިން ޖެހި މީހުންގެ ތެރެއިން މި މާޗްމަހުގެ 18 ވަނަ ދުވަހާ ހަމައަށް 20 މީހަކަށް ސިއްހީ މައްސަލަތަކެއް ދިމާވެގެން ސިއްހީ އިދާރާތަކުން އެކަން ރެކޯޑްކޮށްފައިވާ ކަމަށެވެ.
އެމީހުންނަށް ދިމާވި މައްސަލަތަކުގެ ތެރޭގައި ގައި ކެހުމާއި، ނޭވާ ކުރުވުމާއި، ހީކެރުވުންފަދަ ކަންކަން ހިމެނޭ ކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް، ހެލްތު މިނިސްޓަރ އިޝާރާތް ކުރެއްވީ ސީދާ ކޮން ވެކްސިނަކަށްކަމެއް ސާފު ނުވާކަމަށް މީޑިއާއިން ބުނެފައި ވެއެވެ.
މެލޭޝިޔާއިން އެގައުމުގެ ރައްޔިތުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ވެކްސިން ޖެއްސެވީ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއެވެ.
މެލޭޝިޔާއިން ޗައިނާގެ ސިނޮވެކް ބަޔޯޓެކްގެ ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
ވެކްސިން ޖެހުމުގެ ސްޕީޑް އަވަސްކުރުމުގެ ގޮތުން، މެލޭޝިޔާ ސަރުކާރުން މިހާރު ނިންމާފައިވަނީ، ފުރަތަމަ ބުރުގައި ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ރިޒާވްކޮށްފައި ބެހެއްޓުމުގެ ބަދަލުގައި ވީހާވެސް އަވަހަކަށް ވީހާވެސް ގިނަ މީހުންނަށް ވެކްސިން ދިނުމަށެވެ.
މެލޭޝިޔާގެ ސައިންސް މިނިސްޓަރ ޚައިރީ ޖަމާލުއްދީން ވިދާޅުވީ، މެލޭޝިޔާއިން ގަތުމަށް އެދިފައިވާ 32 މިލިއަން ޑޯޒްގެ ވެކްސިން ފައިޒަރ/ބަޔޯއެންޓެކުން ފޯރުކޮށްދޭނޭ ކަމުގެ ޔަގީންކަން ސަރުކާރަށް އެބައޮތް ކަމަށެވެ.
މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މިދިޔަ ހަފްތާގައިވަނީ، ސަރުކާރުގެ ވެކްސިން ބަޖެޓް ދެގުނަ ބޮޑުކުރައްވައި އެކަން އިއުލާން ކުރައްވާފައެވެ. އެއީ، 5 ބިލިއަން ރިންގިޓެވެ.
ވެކްސިން ބަޖެޓް ބޮޑުކުރީ، މެލޭޝިޔާގެ އާބާދީގައި ހިމެނޭ 32 މިލިއަން މީހުންގެ %80 އަށް މިއަހަރުގެ ޑިސެމްބަރު އަންނަން ވާއިރަށް ވެކްސިންދީ ނިންމުމަށެވެ.
ސަރުކާރުން ކުރިން ކަނޑައަޅާފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީމަހު އެ އަމާޒަށް ވާސިލްވުމަށެވެ.