ޕްރޮޑިއުސަރު ބޮނީ ކަޕޫރު އަދި ފިލްމީތަރި ސްރީ ދޭވީގެ އަންހެން ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރަށްފަހު އެއާއިލާއިން ފިލްމީ ދާއިރާއާ މުޅީން އާ ތަރިއެއް ގުޅިއްޖެއެވެ.

ފިލްމު "ރާޖާ"، "ސިރްފް ތުމް" އަދި "ޕްރެމް" ފަދަ ރީތި ފިލްމުތައް ކުޅެފައިވާ ފިލްމީތަރި ސަންޖޭ ކަޕޫރުގެ އަންހެން ދަރިފުޅު ޝަނާޔާ ފިލްމީ ދާއިރާއަށް ތައާރަފް ކުރުމުގެ ބޮޑު ޒިންމާ ނަގާފައިވަނީ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިންނެވެ.

ކަރަން ޖޯހަރުވަނީ މިއަހަރު މުޅީން އާ މޫނުތަކަކާއެކު ހުނަރުވެރި ޒުވާން ތަރިތަކެއް، ދަރްމާއިން ލޯންޗުކުރުމަށް ތައްޔާރުވެފައި ވާކަމަށް ބުނެ ގިނަ ތަރިންތަކެއް ތައާރަފް ކޮށްފައެވެ.

އޭގެތެރޭގައި ދާދިފަހުން އެމޭޒަން ޕްރައިމްއިން ނެރުނު ބަތަލާ އަނުޝްކާ ޝަރްމާ ޕްރޮޑިއުސް ކޮށްފައިވާ "ބުލްބުލް" ފިލްމުގެ ބަތަލާ ތްރިޕްތީ ދިމްރީ، ނެޓްފްލިކްސްއިން މިދިޔައަހަރު ރިލީޒްކުރި "ގިލްޓީ" ގެ ބަތަލު ގުރްފަތޭހް ޕިރްޒާދާ އަދި ފިލްމު "އުރި-ދަ ސަރޖިކަލް" އިން ފެނިގެންދިޔަ ދައިރްޔާ ކަރްވާ ހިމެނެއެވެ.

ޝަނާޔާ ކަޕޫރު އޭނާގެ ހޯމް ޕްރޮޑަކްޝަންއާ ގުޅުނުކަން ކަރަންވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް އިއުލާނު ކޮށްފައެވެ.

ކަރަންގެ ޕޯސްޓުގައި ބުނެފައިވާގޮތުގައި ޝަނާޔާ ކަޕޫރު އޭނާގެ ފުރަތަމަ ފިލްމުގެ މަސައްކަތް ފަށާނީ މިއަހަރުގެ ޖުލައިމަހުގައެވެ.

ޝަނާޔާވަނީ މީގެކުރިން އޭނާގެ ބޮޑު ބޭބެގެ ދަރިފުޅު ބަތަލާ ޖާންވީ ކަޕޫރު ކުޅުނު ފިލްމު "ގުންޖަން ސަކްސޭނާ-ދަ ކަރްގިލް ގާލް" ގައި އެސިސްޓެންޓެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައެވެ.

ހަމައެއާއެކު ނެޓްފްލިކްސްއިން ނެރުނު "ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ގައި އޭނާގެ މަންމަ މަހީޕް ކަޕޫރާއެކު އޭނާވަނީ ބައެއް އެޕިސޯޑުތަކުން ފެނިގެންގޮސްފައެވެ.

ދަރިފުޅު ބޮލީވުޑަށް ލޯންޗުކުރުމާ ގުޅިގެން އޭނާގެ ބައްޕަ އެކްޓަރު ސަންޖޭ ކަޕޫރު ބުނެފައިވަނީ، ދަރްމާ ޕްރޮޑަކްޝަންއަކީ ޝަނާޔާ ބޮލީވުޑަށް ތައާރަފްވުމަށް ހަމަ އެންމެ ރަނގަޅު އަދި އެންމެ އެކަށީގެންދާ ޕްރޮޑަކްޝަން ހައުސްއެވެ.

ބޮލީވުޑުގައި ނެޕޮޓިޒަމްގެ މައުޞޫއަށް ވަރަށް ހޫނުކޮށް ބަހުސް ކުރެވެމުންދާ ދަނޑިވަޅެއްގައި ޝަނާޔާ ބޮލީވުޑަށް ތައާރަފްކުރުމަށް އެއްވެސް ނުފޫޒެއްގެ ބޭނުންކޮށްފައިވާނެތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ސަންޖޭ ބުނެފައިވަނީ، އެކަމުގައި އޭނާވެސް އަދި އާއިލާގެ ފަރާތުން އެއްވެސް މެމްބަރަކު ނުފޫޒުގެ ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އަދި މިއީ ޝަނާޔާގެ ބުރަ މަސައްކަތުން އޭނާ ހާސިލުކުރި ފުރުސަތެއް ކަމަށްވެސް ސަންޖޭ ކަޕޫރުވަނީ ބުނެފައެވެ.

ޝަނާޔާ ކަޕޫރު ބޮލީވުޑަށް ތަޢާރަފް ވާނެކަމަށް މީގެކުރިންވެސް ވަރަށް ގިނަބަޔަކުވަނީ ބުނެފައެވެ.

ގިނަ ބައެއްގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ މިސްޓަރ ކިޑްއަށް ބެލުންތެރިންގެ ހިތްތައް ފަތަހަކުރެވޭނެކަމަށް ވަރަށްގިނަ ބަޔަކުވަނީ ބުނެފައެވެ.

ޝަނާޔާ ކަޕޫރު ހިންދީ ސިނަމާގެ ދުނިޔެއާއި ގުޅުނުއިރު އޭނާގެ އެންމެ ގާތް އެކުވެރިޔާ ބަތަލާ އަނަންޔާ ޕާންޑޭވެސްވަނީ ދަރްމާ ޕްރޮޑަކްޝަންގެ ފިލްމަކުން ބޮލީވުޑަށް ތައާރަފްވެފައެވެ.

21 އަހަރުގެ ޝަނާޔާ ކަޕޫރަކީ އެކްޓަރު ސަންޖޭ ކަޕޫރުއާއި އަންހެނުން އަދި ކުރީގެ މޮޑެލް މަހީޕް ކަޕޫރުގެ ދެކުދިންގެ ތެރެއިން އެންމެ ދޮށީ ދަރިފުޅެވެ. ދެން ހުންނަނީ ޖަހާން ކަޕޫރު ނަމަކަށްކިޔާ ފިރިހެން ކުއްޖެކެވެ.