ބަނގްލަދޭޝްގައި، މިޔަންމާގެ ރޮހިންގާ ރެފިއުޖީން ތިބޭ ކޭމްޕެއްގައި ހިނގި ވަރުގަދަ އަލިފާނުގެ ހާދިސާގެ ތަހްގީގު، ބަނގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ފަށައިފިއެވެ.

ރެފިއުޖީ ކޭމްޕްގައި ހޯމަދުވަހުގެރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި 15 މީހުން މަރުވެފައިވާ ކަމަށާއި، އިތުރު 400 މީހުން އަދިވެސް ނުފެންނަ ކަމަށް އދގެ ރެފިއުޖީ އޭޖެންސީން ބުނެފައި ވެއެވެ.

މިހާދިސާގެ މައުލޫމާތު އދގެ ރެފިއުޖީ އޭޖެންސީން މިއަދު ބޭއްވި ވާޗުއަލް ބައްދަލުވުމެއްގައި ވަނީ ހިއްސާކޮށްފައެވެ.

އެ އޭޖެންސީން ވާހަކަ ދެއްކެވި ޖޮހާނަސް ވެން ޑަ ކްލާވް ވިދާޅުވީ، ރެފިއުޖީ ކޭމްޕްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ވަރަށް ވަރުގަދަ އަދި ބޮޑެތި ގެއްލުންތައް ލިބުނު ހާދިސާއެއް ކަމަށާއި، މިހާތަނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ 400 މީހުންވެސް މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

ބަނގްލަދޭޝްގެ އޮފިޝަލުން މިހާރުވެސް ގެންދަނީ، އަލިފާނުގެ ސަބަބުން އަނދައި ހުލިވެފައިވާ ކޭމްޕްގެ ތެރެއިން މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އިއްޔެރޭ އަލިފާން ރޯވެފައިވަނީ ބަނގްލަދޭޝްގެ ދެކުނުއިރުމަތީ ކޮޒް ބަޒާރު އަވަށުގައި ގާއިމްކޮށްފައިވާ ބަލޫޚަލީ ކޭމެޕްގައެވެ.

ބަނގްލަދޭޝްގެ ޕޮލިސް އިންސްޕެކްޓަރ ގާޒީ ސަލާހުއްދީން ވިދާޅުވެފައިވަނީ، އަލިފާންގަނޑު ބޮޑަށް ރޯވެ ފެތުރޭންފެށީ ގޭސް ސިލިންޑަރުތައް ގޮވަންފެށުމުން ކަމަށެވެ.

އަލިފާންގަނޑު، އެ ކޭމްޕްގައި ހުރި އެތައްހާސް ޖިފުޓިއަކަށް ފެތުރިގެންދިޔައިރު، ރެފިއުޖީން އެމީހުންގެ އަންނައުނާއި ތަކެތި ސަލާމަތް ކުރެވޭތޯވެސް މަސައްކަތް ކުރަމުން ގެންދިޔައެވެ.

ކޭމްޕްގައި ރޯވި އަލިފާން 10 ގަޑިއިރުވަންދެން އަނދަމުންދިޔަ ކަމަށް ވެއެވެ.

އަލިފާން ރޯވި ކޭމްޕްގައި ގިނައިން ދިރިއުޅެމުން ގެންދިޔައީ، މިޔަންމާގެ ރާޚައިން ސްޓޭޓްގައި އަސްކަރީން ގަތުލުއާންމު ހިންގަން ފެށުމުން ފުރާނައިގެ ސަލާމަތަށް އެދިގެން ފިލައިގެން ބަނގްލަދޭޝްއަށް އެތެރެވި ރެފިއުޖީންނެވެ.

އަލިފާން ރޯވި ކޭމްޕްގައި 124،000 ރެފިއުޖީން ދިރިއުޅެއެވެ. އަދި އަލިފާން ރޯވި ކޭމްޕް ހުންނަ ސަރަހައްދުގެ އެހެން ކޭމެޕްތަކުގައި ގާތްގަނޑަކަށް މިލިއަނަކަށްވުރެ ގިނަ ރޮހިންގާ ރެފިއުޖީން ދިރިއުޅެއެވެ.

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓުން ބުނެފައިވަނީ، ރެފިއުޖީ ކޭމްޕްގައި ރޯވި އަލިފާނުގެ ސަބަބުން 17،000 އަށްވުރެ ގިނަ ޖިފުޓި އަނދައި ހުލިވެފައިވާ ކަމަށެވެ. އޭގެ ސަބަބުން އެތައްހާސް ބަޔަކު ބޯހިޔާވަހިކަމެއް ނެތި މަގުމަތި ވެފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އަލިފާނުގެ ސަބަބުން ގިނަމީހުން މަރުވެ އަދި އެތައްހާސް ބަޔަކަށް ބޮޑެތި އަނިޔާތައް ލިބުނީ، ކޭމްޕްގެ ވަށައިގެން ޖަހާފައިވާ ކަށިނަރުތަކުގެ ސަބަބުން ކަމަށް ބުނެ، އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބައިނަލްއަގްވަމީ ޖަމާއަތްތަކުން މިހާރު ގެންދަނީ ކޭމްޕްތައް ވަށައިގެން ޖަހާފައިވާ ކަށިނަރުތައް ނެގުމަށް ބަނގްލަދޭޝް ސަރުކާރަށް ގޮވާލަމުންނެވެ.

މިހާތަނަށް ވީނުވީއެއް ނޭނގިފައިވާ 400 މީހުންގެ ތެރޭގައި ގިނައިން ހިމެނެނީވެސް ކުޑަކުދިން ކަމަށް ވެއެވެ.