އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިނަކީ ހަލާލް ވެކްސިނެއް ކަމާމެދު އިންޑޮނޭޝިޔާގެ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކާއި އޮޅުންބޮޅުންތައް އުފެދިފައި ވަނިކޮށް އެގައުމުގައި މިއަދު އެސްޓްރަޒެނެކާގެ ވެކްސިން ޖަހަން ފަށައިފިއެވެ.

އިންޑޮނޭޝިޔާއަކީ ދުނިޔޭގައި މުސްލިމުންގެ އެންމެ ބައިބޯ ގައުމެވެ.

އެސްޓްރަޒެނެކާގެ ވެކްސިންގައި އޫރުގެ ތާސީރު އެކުލެވޭކަމަށް ފެތުރިފައިވާ ރިޕޯޓްތަކާ ގުޅިގެން، އެ ވެކްސިނަކީ އިސްލާމީ ޝަރީއަތުގެދަށުން މުސްލިމުން ބޭނުންކުރުން ހުއްދަ ނުވަތަ ހަލާލް ވެކްސިނެއްތޯ އިންޑޮނޭޝިޔާގެ މުސްލިމުން ސުވާލު އުފައްދަމުން ގޮސްފައި ވެއެވެ.

ނަމަވެސް، އިންޑޮނޭޝިޔާގެ ދީނީ ކަންކަމުގައި އެންމެ ފަހުބަސް ބުނާ ފަތުވާ މަޖިލިސް، އުލަމާ ކައުންސިލްގެ އީސްޓް ޖާވާ ޗެޕްޓަރއިން އިއްޔެވަނީ، އެސްޓްރަޒެނެކާގެ ވެކްސިން ޖެހުން ހުއްދަކަމަށް ބުނެފައެވެ.

ވެކްސިން ޖެހުމަށް އާންމުންނަށް ހިތްވަރު ދިނުމުގެގޮތުން، އީސްޓް ޖާވާގެ 100 އަށްވުރެ ގިނަ ދީނީ އިލްމުވެރިން މިއަދުވަނީ އެސްޓްރަޒެނެކާގެ އަދި ސިނޮވެކްގެ ވެކްސިން ޖަހާފައެވެ.

އިންޑޮނޭޝިޔާ އުލަމާ ކައުންސިލުން މިދިޔަ ހަފްތާގައި ބުނެފައިވަނީ، އެސްޓްޒެނެކާގެ ވެކްސިން އުފެއްދުމުގެ މަރްހަލާގައި އޫރުގެ ތާސީރު ބޭނުންކޮށްފައިވާތީ އެ ވެކްސިން "ހަރާމް" ކަމަށާއި، ނަމަވެސް ބަލިމަޑު ހާލަތާ ގުޅިގެން ވެކްސިންޖެހުން ހުއްދަ ކަމަށެވެ.

އުލަމާ ކައުންސިލްގެ ވާހަކަތަކާއި، އަދި އިންޑޮނޭޝިޔާ މުސްލިމުންގެ ކަންބޮޑުވުންތަކަށް އެސްޓްރަޒެނެކާ ކުންފުނިން މިދިޔަ އާދީއްތަދުވަހުވަނީ ޖަވާބުވެސް ދީފައެވެ.

އެސްޓްރަޒެނެކާގެ އިންޑޮނޭޝިޔާ ޑިރެކްޓަރ ރިޒްމާން އަބޫދައިރީ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އުފެއްދުމުގެ އެއްވެސް މަރްހަލާއެއްގައި އެއްވެސް ވަރަކަށް އޫރުގެ ތާސީރު ބޭނުންކޮށްފައި ނުވާ ކަމަށާއި، އަދި ވެކްސިން އުފެއްދުމުގައި އޫރު ނުވަތަ އެނޫންވެސް ބާވަތެއްގެ އެއްވެސް ޖަނަވާރެއް ގާތްކޮށްފައިވެސް ނުވާނޭ ކަމަށެވެ.

އިންޑޮނޭޝިޔާއިން މިއަދުވަނީ އެގައުމުގެ 6 ޕްރޮވިންސެއްގައި އެސްޓްރަޒެނެކާގެ ވެކްސިން ޖަހަން ފަށާފައެވެ.

އެގައުމުން އެސްޓްރަޒެނެކާގެ ވެކްސިން ޖަހަން މިފެށީ، އެ ވެކްސިންޖަހާ ބައެއް މީހުންނަށް ލޭގައި ގަނޑުލޭކޮޅު އުފެދުމުގެ މައްސަލަ ދިމާވާކަމަށް ޔޫރަޕްގެ ބައެއް ގައުމުތަކުން ބުނަމުންދިއުމާއި، ބައެއް ގައުމުތަކުން އެ ވެކްސިން ޖެހުން ވަގުތީގޮތުން ހުއްޓާލި މައްސަލާގައި، އެ ވެކްސިން ޖަހަންފެށުން ހަފްތާއެއްހާ ދުވަހަށް ފަސްކުރުމަށް ފަހުގައެވެ.

އެސްޓްރަޒެނެކާގެ ވެކްސިން ޖަހަން ފެށުމަށް އިންޑޮނޭޝިޔާ ސަރުކާރުން ހުއްދަދިނީ، އެ ވެކްސިނާއި، ގަނޑުލޭކޮޅު އުފެދުމާއި އެއްވެސް ގުޅުމެއް ނެތްކަމަށް ޔޫރަޕާއި، ޑަބްލިޔޫއެޗްއޯގެ އެކްސްޕާޓުން ހާމަކުރުމާ ގުޅިގެންނެވެ.

އިންޑޮނޭޝިޔާއިން އެގައުމުގެ ރައްޔިތުންނަށް ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ނިމުމުގެ ކުރިން 181.5 މިލިއަން މީހުންނަށް ވެކްސިންދީ ނިންމުމަށެވެ.

އިންޑޮނޭޝިޔާއިން ވަނީ 428 މިލިއަން ޑޯޒްގެ ވެކްސިން ގަތުމަށް މަގުފަހިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ފައިޒަރ/ބަޔޯއެންޓެކް، ނޯވާވެކްސް، އެސްޓްރަޒެނެކާ އަދި ސިނޮވެކް ވެކްސިނެވެ.