ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓުގައި މިއަހަރު ނިމުމުގެ ކުރިން ސޮއިކުރާނެ ކަމަށް މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ޕީއެސްއައިޕީ ޕްރޮޖެކްޓުގައި ހިމެނިފައިވާ ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްފެށޭނެ ދުވަހަކާއި އަދި އެ މަސައްކަތް ނިމޭނެ ތާރީޚެއް އޮޅުންފިލުވުމަށް ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ސުވާލުގެ ޖަވާބުގައެވެ.
ތިމަރަފުށީގެ ދެކުނު ފަރާތު އެއާޕޯޓުގެ ހުޅަނގުކޮޅުން ފެށިގެންގޮސް ރަށުގެ ހުޅަނގު ކަނާއި ހަމައަށް ގިރަމުންދާ މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި އެކަމަށް އެއް މިލިއަން ރުފިޔާގެ ބަޖެޓެއް ޖަހާފައިވާ ކަމަށެވެ.
ގިރަމުންދާ ސަރަހައްދު ހިމާޔަތް ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އިންޖިނިއަރުން ހަދާފައޮތް ކޮންސެޕްޓެއް އެބައޮތް ކަމަށާއި ތިމަރަފުށީ އެއާޕޯޓު މިހާރު އޮތް ހިސާބުން ފެށިގެންގޮސް ރަށުގެ ހުޅަނގު ކަންމައްޗާއި ހަމައަށް ރިވެޓްމެންޓެއްލާން ޖެހޭ ކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އަދި މިކަން ކުރަންޖެހޭ ސަބަބަކީ އެއާޕޯޓު ހިއްކާ އެ މަސައްކަތް ނިމުނުއިރު ގޮނޑުދޮށް ހިމާޔަތްކުރުމަށް މަަސައްކަތްތަކެއް ކުރެވިފައި ނެތުމުންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ ތިމާވެށްޓާއި އެންމެ ރައްޓެހިގޮތަށްވެސް އެކަންކުރެވެން އޮތީ ޖިއޯބޭގްސް ސޮލޯޝަން ކަމަށެވެ.
މިއަހަރު ނިމުމުގެ ކުރިން ކޮންޓްރެކްޓުގައި ސޮއިކުރާނެ ކަމަށާއި އެހެންނަމަވެސް އެޑްވާންސް ޕޭމަންޓް ދެއްކޭވަރަށް ބަޖެޓަކު ފައިސާއެއް ނެތްކަމަށްވެސް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
އެހެންނަމަވެސް މަސައްކަތްކުރަމުންމިގެންދަނީ ޓެންޑަރ ކުރުމުގަ އެޑްވާންސް ޕޭމަންޓް ޑިފަރކޮށްގެންނަމަވެސް އެކަން ކުރެވޭތޯ ކަމަށާއި އާންމު އުސޫލުން އެކަމަކީ ޓެންޑަރ ކުރުމުގަ އޮންނަ ގޮތެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ތިމަރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓަކީ ފާއިތުވި ތިން އަހަރުގައިވެސް ޕީއެސްއައިޕީ ޕްރޮޖެކްޓުގައި ހިމަނާފައިވާ މަސައްކަތެއް ކަމަށާއި ޚާއްސަ އަހަމިއްޔަތުކަންދޭންޖެހޭ 10 ރަށުގެ ތެރޭގައި ތިމަރަފުށި ހިނެމޭ ކަމަށް މެމްބަރު ވަނީ ވިދާޅުވެފައެވެ.