ބީއެމްއެލްއިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް، އީއައިބީގެ ކޮވިޑް ރިލީފް ލޯން ބަލައިގަތުން ހުއްޓާލައިފިއެވެ.

މިދިޔަ ނޮވެމްބަރުމަހުގެތެރޭގައި ތައާރަފްކުރި އީއައިބީ ކޮވިޑް ރިލީފް ލޯންއަކީ ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން އިތުރު ފައިނޭންސިންއެއްގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެކެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލް އިން ތައާރަފްކުރި އީއައިބީ ކޮވިޑް ރިލީފް ލޯނަށް އެދޭ ފޯމު ބަލައިގަތުން ހުއްޓާލައިފައިވަނީ މިކަމަށް ކަނޑައަޅާފައިވާ އަދަދު ހަމަވުމާއެކު ކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

އީއައިބީ ކޮވިޑް ރިލީފް ލޯނުގެ ގޮތުގައި 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ވަނީ ލޯނުދޫކޮށްފައެވެ. އީއައިބީ ކޮވިޑް ރިލީފް ލޯނު ދޫކުރީ ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގަ އެވެ. ހަ ޕަސެންޓުގެ އިންޓަރެސްޓް ރޭޓުގައި ދޫކުރި މި ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބެއެވެ.

ކޮވިޑް19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީ އިން ފިނޭންސް މިނިސްޓްރީއާއި ބީއެމްއެލްއާ އެކު އެގްރިމެންޓުގައި ސޮއިކުރީ މިދިޔަ ޖޫން މަހު އެވެ. އެއީ 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެކެވެ. އެއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދު ކޮޅަށް ޖެހުމަށް ހަމަޖެހިގެންދިޔަ ފަންޑިން އެކެވެ.