ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ހުންނަވާ މިނިސްޓަރަކަށް އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ އިތުބާރުނެތް ކަމަށްވާނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބުނާ ބުނުމަކީ މިންކުރުމުގަ ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ހުށަހަޅުއްވާފައިވާ ސިވިސް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކެޓްރީ އަށް އިތުބާރު ނެތް ކަމަށް މިނިސްޓަރަށް ފެނި ވަޑައިގެންފިނަމަ ޕީއެސް ވަކިކުރުމުގެ ބާރު މިނިސްޓަރަށް ލިބިދީފައެވެ.

ސިވިލް ސަރވިސް ގާނޫނަށް އިސްލާހު ގެނައުމުގެ މި ބިލަށް ބަހުސްކުރައްވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފުރުސަތު ލިބޭގޮތަށް ބިލުގައި ހިމަނާފަ އޮތުމަކީ ރަނގަޅު ބަދަލެއް ކަމަށާއި އެހެންނަމަވެސް ބިލުގައި ހިމަނާފައިވާ ޕާމަނަންޓް ސެކެޓްރީ ވަކިކުރެވޭ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައި ހުންނަވާ މިނިސްޓަރަކަށް އެ މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީގެ އިތުބާރުނެތް ކަމަށްވާނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް ބުނާ ބުނުމަކީ މިންކުރުމުގަ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި މިބަދަލުގެނެސްފިނަމަ ޕާމަނަންޓް ސެކެޓްރީގެ ދައުރު މުޅިން އެއްކޮށް ގެއްލި ސިވިލް ސަރވިސްގެ އެ އޮފީހެއް ހުންނަ ތަނަކީ ސިޔާސީ ނުފޫޒު ވަންނަ ތަނަކަށް ވެގެންދާނެ ކަންވެސް މެމްބަރުގެ ވާހަކައިގަ ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ދެކޭގޮތުގަ ޕާމަނަންޓް ސެކެޓްރީންނަކީ ޚާއްސަގޮތެއްގަ މިހާރުވެސް ރާއްޖެގަ ފަސް އަހަރުން ފަސް އަހަރުން ވެރިކަން ބަދަލުވަމުންދާއިރު ޕާމަނަންޓް ސެކެޓްރީއަކީ އެ ޓްރާންސިޝަންގަވެސް އަދި އެ ގައުމެއްގަ ގައުމީ ތަރައްގީގެ މަޝްރޫޢުތައްވެސް ކުރިއަށްގެންދިޔުގަ ވަރަށް މުހިންމު ދައުރެއް އަދާކުރަމުންދާ ބައެއް. ޕާމަނަންޓް ސެކެޓްރީންނަކީ އެ ބޭފުޅުންގެ ގާނޫނީ ޒިންމާތަކާއެކު ވާޖިބު އަދާކުރުމުގަ އެއްވެސް ބިރެއް، ޖެހިލުމެއް އަދި ކަންބޮޑުވުމެއްނެތި މިނިސްޓަރަކު އެ އިތުބާރުގެއްލިދާނެ ކަމަށްހީވާތީވެ އެކަމާ ކަންބޮޑުވާތީ އުޅެންޖެހޭވަރަށްވުރެ ހަރުދަނާކޮށް އޭނާގެ ގާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތަށް އެ މީހަކު ހުންނަންޖެހޭނެ ބޭފުޅެއް ކަމަަށް އަޅުގަނޑަށް ގަބޫލުކުރެވެނީ."
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު

މިބަދަލު ގެނެސްފިނަމަ ޕާމަނަންޓް ސެކެޓްރީވެގެންދާނީ ޕާސަނަަލް ސެކެޓްރީންނަށް ކަމަށާއި މިނިސްޓަރަކު ހިތްހަމަޖައްސަން ކުރެވޭ މަސައްކަތެއް ފިޔަވައި މުޅި މުއައްސަސާ ހަރުދަނާ ކުރުމަށާއި މުއައްސަސާ ޒިންމާދާރުކަމާއެކީގަ މަސައްކަތް ކުރިއަށްގެންދިޔުމުގަ ސިވިލް ސަރވިސްގެ ދަށުގަ ތިއްބަވާ ބޭފުޅުން ޒިންމާދާރުކުރުވައިގެން އެ މަސައްކަތްތައް ކުރުމުގަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް މެމްބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.