އަންނަ އޭޕްރިލް މަހުގެ 15އިން ފެށިގެން ވިސާ ކާޑު މެދުވެރިކޮށް ދިވެހިރާއްޖޭގައި ހިންގާ ހުރިހާ މުއާމަލާތްތައް ދިވެހި ރުފިޔާއިން ސެޓްލް ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން އަންގައިފިއެވެ.

ވިސާ އިން ދިވެހިރާއްޖޭގައި "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތަޢާރަފުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ޚިދުމަތް ތައާރަފްކުރުމުން ރާއްޖޭގައި ހިންގާ ވިސާ ކާޑުގެ މުއާމަލާތްތަކަށް، ކާޑު ދޫކުރާ ބޭންކުން، ޕޭމަންޓް ބަލައިގަތުމުގެ ޚިދުމަތްދޭ ފަރާތަށް ކަސްޓަމަރުން ހަދާ ކާޑު މުއާމަލާތްތަކުގެ ސެޓްލްމަންޓް ދިވެހި ރުފިޔާއިން ހެދޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވިސާގެ "ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް" ތައާރަފު ކުރުމުގެ ކުރިން ވިސާ ކާޑު ބޭނުންކޮށްގެން ރާއްޖޭގައި ހިންގާ ޓްރާންސެކްޝަންތައް، އެއީ ދިވެހި ރުފިޔާއިން ހިންގިމުއާމަލާތެއް ކަމުގައި ވީނަމަވެސް، އެމުއާމަލާތްތައް ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި ސެޓްލްމަންޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނީ ޔޫއެސް ޑޮލަރުންނެވެ.

އެމްއެމްއޭއިން ބުނީ މުދަލާއި ޚިދުމަތުގެ އަގު ބަލައިގަތުމުގައި ރާއްޖޭގެ ބައެއް މާޗަންޓް އައުޓްލެޓުތަކުން، ޑޮލަރުން އެ މުއާމަލާތްތައް ބަލައިގަންނަމުންދާކަން އެއިދާރާއަށް ފާހަގަކުރެވިފައިވާކަމަށެވެ. އޭގެ ސަބަބުން ކާޑު އިޝޫކޮށްފައިވާ ބޭންކުން ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތަށް ސެޓްލްމަންޓް ހެދުމަށްޓަކައި ޑޮލަރަށް ބަރޯސާވާން ޖެހޭކަމަށެވެ. ދިވެހިރާއްޖޭގައި ވިސާ ގެ ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް ތައާރަފް ކުރުމާއެކު، މި މުއާމަލާތްތަކުގެ ސެޓްލްމަންޓްވެސް ދިވެހި ރުފިޔާއިން ހެދޭނެ ގޮތް މިހާރު ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑުތައް މެދުވެރިކޮށް ރާއްޖޭގައި ހިނގާ އެންމެހާ ކާޑު ޕޭމަންޓްތައް ބަލައިގަތުމުގައި ދިވެހި ރުފިޔާ ބޭނުން ކުރުމަށް، ދިވެހިރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ކާޑު ޕޭމަންޓް އެކުއަޔަރ ކުރާ ފަރާތްތަކަށް އެމްއެމްއޭއިން ވާނީ އަންގާފައެވެ.

މި ބަދަލަށް އަމަލު ކުރަން ފެށުމަށް ހަމަޖެހިފައި ވަނީ 15 އޭޕްރީލް 2021 އިން ފެށިގެންނެވެ.

މި ބަދަލާއި ގުޅިގެން ރާއްޖޭގެ ހުރިހާ މާޗަންޓް އައުޓްލެޓްތަކުން، އެފަރާތްތަކުގެ މުދަލާއި ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަރާތުން، ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑަކުން ފައިސާ ބަލައިގަންނަނަމަ، އެ ފައިސާ ބަލައިގަނެވޭނީ ހަމަ އެކަނި ދިވެހި ރުފިޔާއިންނެވެ.

އަދި ހިދުމަތް ދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި އެމުއާމަލާތްތަކުގެ ސެޓްލްމަންޓް ހެދުމަށް ބޭނުން ކުރެވޭނީވެސް ހަމަ އެކަނި ދިވެހި ރުފިޔާއެވެ. މީގެ ސަބަބުން ކާޑު މުއާމަލާތްތައް ސެޓްލްކުރުމަށް ބޭންކްތަކުން ޑޮލަރަށް ބަރޯސާވާންޖެހޭ މިންވަރުވެސް ކުޑަ ވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ.

'ނެޝަނަލް ނެޓް ސެޓްލްމަންޓް ސާވިސް' ގެ ހިދުމަތް ދިވެހިރާއްޖޭގައި އަދި ތައާރަފް ކޮށްފައިވަނީ ވިސާ އިން އެކަންޏެވެ. އެހެންކަމުން އެނިންމުން މި ވަގުތު ހިނގާނީ ދިވެހިރާއްޖޭގައި ހިންގާ ބޭންކަކުން ދޫކޮށްފައިވާ ވިސާ ކާޑެއް ބޭނުންކޮށްގެން ރާއްޖޭގައި ހަދާ މުއާމަލާތްތަކަށް އެކަނިކަމަށް އެމްއެމްއޭއިން ބުނެއެވެ.