ޔޫރަޕު ފުޓުބޯޅައިގައި އެންމެ ފަހުގެ ޓްރާންސްފަރ ވިންޑޯގައި އެންމެ ގިނަބަޔަކު ދެއްކި ވާހަކައަކީ، ސްޕެއިން ފުޓުބޯޅައިގެ ގަދަބާރު ބާސާއިން އެޓީމުގެ ކެޕްޓަން އަދި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، ލިއޮނެލް މެސީ އެޓީމު ދޫކޮށްލަން އުޅޭކަމުގެ ވާހަކައެވެ.

ފުޓުބޯޅައިގެ ތަޖުރިބާކާރު އެކި ފަރާތްތަކުން އެކިގޮތްގޮތައް މިވާހަކަ ދައްކަމުން ދިޔައިރު އެއްބަޔަކު ބުރަވަމުން ދިޔައީ ބާސާގެ ވެރިންގެ އަމަލުތަކުގެ ސަބަބުން "ފެޑް އަޕް" ވެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން، މެސީ ބާސާ ދޫކޮށްލާނެ ކަމަށެވެ. އެހެންނަމަވެސް އަނެއްބައި ފަރާތްތަކުން ގަބޫލްކުރީ ބާސާދެކެ މެސީ ވާ ލޯތްބެއްގެ ސަބަބުން އޭނާ އެޓީމުގައި އަދި އިތުރު އަހަރުތަކެއް ހޭދަކުރާނެ ކަމަށެވެ.

ކޮންމެއަކަސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން މެސީގެ ނިންމުން ސީދާ އަންނާނެ ގޮތެއް އެއްވެސް ފަރާތަކަށް ޔަގީންވެފައި ނުވާއިރު ބާސާގައި މެސީ އާއި އެންމެ ގާތުން އުޅެ، އެޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ބާސާގެ ލެޖެންޑް، ޒަވީ ހެރްނާންޑޭޒް މިކަމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ވަނީ ވަރަށް ސާދާ ޖަވާބެއް ދީފައެވެ.

ފުޓުބޯޅަ ކުޅުމުން ރިޓަޔަރ ކުރުމައްފަހު، މިހާރު ގަތަރުގެ ޓީމެއް ކަމަށްވާ އަލް ސައީދަށް ކޯޗުކޮށްދެމުން އަންނަ ޒަވީ އާއި މެސީ ޓީމުގައި މަޑުކުރާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން ބުނީ، އުންމީދުކުރަނީ އެގޮތަށް ކަމަށާއި އިންޝާ ﷲ، މެސީ ބާސާގައި މަޑުކުރާނެ ކަމަށެވެ. އަދި ބާސާއަށް މެސީ މުހިންމުވާ ފަދައިން މެސީއަށްވެސް ބާސާ މުހިންމުވާނެ ކަމަށާއި، މިކަމަށް ގޮތެއް ނިންމުމަށް ދެފަރާތަށްވެސް އަދި ވަގުތު ބޭނުންވާ ކަމަށެވެ.

މީގެއިތުރުން ބާސާގެ ރައީސް ކަމަށް އިންތިޚާބުވެފައިވާ ލަޕޯރްޓޭ އާއި ގުޅޭގޮތުން ވާހަކަދައްކަމުން ޒަވީ ބުނީ، ލަޕޯޓޭ އަކީ މިމަގާމަށް އެންމެ ގާބިލް ފަރާތް ކަމަށާއި ބާސާއަށް މިހާރު ދިމާވެފައިވާ މާލީ އަދި އެހެނިހެން ގޮންޖެހުންތަކުންވެސް އަރައިގަތުމަށް ލަޕޯޓޭގެ ހިކުމަތްތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. އަދި އޭނާއަށް ބާސާގައި ހޭދަކުރެވުނު ދުވަސްވަރުގައި ފެނުނު މިމަގާމަށް އެންމެ ގާބިލް ފަރާތަކީވެސް ލަޕޯޓާ ކަމަށްވެސް ޒަވީ ބުންޏެވެ.

1998 ވަނަ އަހަރުން ފެށިގެން ބާސާގެ ސީނިއަރ ޓީމަށް ޒަވީ ކުޅެންފެށިއިރު 2015 ވަނަ އަހަރު އެޓީމު ދޫކޮށްލުމާ ހަމައަށް ޒަވީ ވަނީ ޖުމްލަ 505 މެޗުން 58 ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. ބާސާ ދޫކޮށް ދެން ޒަވީ ގުޅުނީ މިހާރު އޭނާ ކޯޗުކަން ކޮށްދެމުންދާ އަލް ސައީދު އާއިއެވެ. އެޓީމަށް 82 މެޗުން 21 ލަނޑު ކާމިޔާބުކޮށްދިނުމަށްފަހު ޒަވީ އަލް ސައީދުގެ ކޯޗުކަމާއި ހަވާލުވީ 2019 ވަނަ އަހަރުއެވެ.